ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރުކަން ހޯދި ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ކެލާގައި ހުއްޓައި ކުއްލި ސިއްހާލަތެއް ދިމާވެ ފަރުވާދިނުމަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުންކަމަށް މައުލޫމާތުލިބެއެވެ.

Ad
rt

އެނގިފައިވާގޮތުގައި ފައްތާހަށް ވަނީ ހާޓް އެޓޭކެއް ޖެހިފައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.

ފައްތާހަކީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެވެ. އޭނާ ވަނީ 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ގައުމީ އިނާމު ހާސިލުކޮށްފައެވެ. އަދި ފިލްމީ ދާއިރާއިން އެކި އަހަރުތަކުގައި އެންމެ މޮޅު ޑައިރެކްޓަރުގެ އިތުރުން އެޑިޓިން އަދި ސްކްރީންޕްލޭ ފަދަ ގިނަ އެވޯޑުތަކެއް އޭނާ ވަނީ ހޯދާފައެވެ.

ފައްތާހު ނިޔާވެފައިވާއިރު، އޭނާ އައީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ހއ.ކެލާ ރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. ފައްތާހު ނިޔާވުމުގެ ހިތާމާގައި ކެލާ ދާއިރާގެ މަޖިލިސް މެމްބަރު ޢަބުދުﷲ ޝަރީފް ކުރެއްވި ޕޯސްޓެއްގައި ފައްތާހުގެ ކުއްލި ވަކިވުމަކީ ޕީއެންސީއަށާއި، ކެލައަށާއި އަދި ޢާއިލާ އަށް ލިބުނު ފޫނުބެދޭވަރުގެ ހިތާމައެއްކަމަށް ވިދާޅުވެފަވެއެވެ.

ފައްތާހަކީ ކެލަޔަށް ނިސްބަތްވާ މީހެކެވެ.