ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒުގެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މަރުޙޫމާގެ ޢާއިލާއަށް ފުން ހިތާމައަކާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.

Ad
rt

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިޔާ އަވަހާރަވީ އުމުރުފުޅުން 80 އަހަރުގައެވެ. އެކަމަނާ އަވަހާރަވީ ވެރިރަށް ޑާކާގެ އެވަރކެއާ ހޮސްޕިޓަލުގައި ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ.

ޚާލިދާ ޒިޔާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ 1981 ވަނަ އަހަރު ހިނގި އަސްކަރީ ބަޣާވާތެއްގައި އެކަމަނާގެ ފިރިކަލުން ޒިޔާއުއްރަހްމާން އަވަހާރަވުމާ ގުޅިގެންނެވެ. އޭގެ ފަހުން 1991 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގެ ސިޔާސީ މަސްރަޙުގައި އެންމެ ނުފޫޒުގަދަ ދެ ބޭފުޅުންގެ ތެރޭގައި ޚާލިދާ ޒިޔާ އާއި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ހިމެނިވަޑައިގަންނަވައެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި 2018 ވަނަ އަހަރު ޖަލަށްލެވުނު ޚާލިދާ ޒިޔާ މިނިވަންވެވަޑައިގަތީ، ދާދިފަހުން ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިޚް ޙަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެންނެވެ.