މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގް (އައިއެންއޭއެޗް) ފްރޭމްވޯކްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް ކޮމްޕެނީއިން ހުޅުމާލޭގައި 2،341 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
ގައުމީ ބޭންކުން ބުނެފައި ވަނީ މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ޖަނަވަރީ މަހު ފެށުމަށް ތާވަލުކޮށްފައިވާކަމަށެވެ.
މި މަޝްރޫއަކީ އެމްއެމްއޭގެ ނޭޝަނަލް ހައުސިންގް ޕްރޮޖެކްޓް ތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމްއެމްއޭގެ ގަވާއިދުތައް ބުނާގޮތުން ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރުން ވަނީ ލާޒިމްކޮށްފައެވެ.
ބެއިޖިން އަރްބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކުރި މަސައްކަތް
ހުޅުމާލޭ ފޭސް 2 ގެ 13،475 އަކަފޫޓުގެ ސަރަހައްދެއްގައި ހިމެނޭ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އަރްބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ. ބީޔޫސީޖީއަކީ ރާއްޖޭގައި މީގެ ކުރިންވެސް ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.
ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކުރި މަސައްކަތް
މީގެ އިތުރުން 1،224 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖީނިއަރިންގް ކޯޕަރޭޝަން (ސީއެމްއީސީ) އާއެވެ. ސީއެމްއީސީއަކީ ހުޅުމާލޭގެ ވިނަރެސް ހައުސިންގް މަޝްރޫއު ނިންމައި، މިހާރުވެސް ގުޅީފަޅާއި ހުޅުމާލޭ ފޭސް 2 ގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ކުރަމުންދާ، ރާއްޖޭގައި ތަޖުރިބާކާރު ކުންފުންޏެކެވެ.
ބީއެމްއެލްއިން ބުނިގޮތުގައި މި މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ކުރިއަށްގެންދިޔަ އިވެލުއޭޝަން މަރުހަލާއަށް ފަހުގައެވެ. މި ދެ ކުންފުންޏަކީވެސް މާލީ ގޮތުން ގާބިލް، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖްކުރުމުގެ ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ރަނގަޅަށް ދަންނަ ދެ ކުންފުނި ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް ކޮމްޕެނީގެ އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް ނިންމައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!