ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބުގެ މިންވަރު 19,527.90 ރުފިޔާއަށް އިތުރުކޮށްފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން އަމަލުކުރަން ފަށާ މި އައު ނިސާބަކީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އައި ބަދަލާ ގުޅިގެން ކަނޑައެޅި މިންވަރެކެވެ.

Ad
rt

މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭރު ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 11,191.95 ރުފިޔާއެވެ. މިއީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދަށް ބަދަލު ގެނައި ތިންވަނަ ފަހަރެވެ.

ޒަކާތު ހައުސް އިން ބުނީ ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށެވެ. އެގޮތުން މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 32.82 ރުފިޔާގައެވެ. ނިސާބު ހަމަވާ މިންވަރަކީ ރިހީގެ 595 ގްރާމަށްވާ ފައިސާ ކަމަށްވާތީ، މިހާރުގެ ރޭޓުން އެއީ 19,527.90 ރުފިޔާއެވެ. އަދި މިހާރު ބާޒާރުގައި ރަން ގްރާމެއްގެ އަގު ހުރީ 2,149.39 ރުފިޔާއަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ. މުދަލު ޒަކާތަކީ ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، އެ ފައިސާއަށް ހިޖުރީ ގޮތުން އެއް އަހަރު ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ އަތުގައި ހުރި ފައިސާގެ 2.5 ޕަސެންޓް ނުވަތަ 40 ބައިކުޅަ އެއްބައެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާއިންނެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.