އަންނަ ދިރާސީ އަހަރުން ފެށިގެން ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާވާނެ ކަމަށާއި، ގްރޭޑް 11 އަދި 12 ގެ ކުދިންނަށް ކިޔަވައިދޭ ވަގުތު ފޯނު ބޭނުންކުރުން މަނާވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިޔުމަކީ ކުރިންވެސް މަނާކަމެއް ނަމަވެސް އެކަން ތަންފީޒުކުރެވިފައި ނުވާތީ، މިހާރު އެކަން ބޮޑުވަމުންދާ ކަމަށެވެ. އެހެންކަމުން، އަންނަ ދިރާސީ އަހަރު ފެށިގެން ދާއިރު ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަކަށް ފޯނެއް ނުގެންދެވޭނެ ކަމަށާއި، މިކަން ވަރަށް ''ހަރުކަށިކޮށް ތަންފީޒުކުރަށްވާނެ'' ކަމަށް ރައީސް ވިދާޅުވިއެވެ.

''ގްރޭޑް 10 އިން ދަށަށް އެއީ ކުރެވޭނެކަމެއްނޫން، އެހެންނަމަވެސް ތަންފީޒެއްނުކުރޭ، ދެން އެކަން ބޮޑުވަމުން ބޮޑުވަމުން ދަނީ، އެހެންވީމަ އެޑިޔުކޭޝަން މިނިސްޓްރީން -- ދިރާސީ އަހަރު އަހަރު ފެށިގެންދާއިރުގައި ގްރޭޑް 10 އިން ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަކަށް ފޯނެއް ނުގެންދެވޭނެ، ވަރަށް ހަރުކަށިކޮށް ތަންފީޒުކުރާނެ އެކަންތައް،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގްރޭޑް 11 އަދި 12 ގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދެވުނު ނަމަވެސް، ކްލާސް ގަޑީގައި ފޯނު ބޭނުންކުރުން މަނާވާނެ ކަމަށެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ދަނީ ސްކޫލްގެ ކްލާސްތަކުގައި ބަހައްޓާނެ ލޮކަރ ސިސްޓަމެއް ހޯދުމުގެ މަސައްކަތް ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ. މި ސިސްޓަމްގެ ދަށުން، ކްލާސް ގަޑީގައި ކުދިންގެ ފޯނުތައް ލޮކަރަށްލާ ބަންދުކުރެވޭނެކަމަށާއި، އަދި ކްލާސް ނިމުމުން އަނބުރާ ފޯނު ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''ސްކޫލް ގަޑީގައި ގްރޭޑް 10ގެ ކުދިންނަށް ފޯނެއް ބޭނުމެއް ނުކުރެވޭނެ، ގްރޭޑް 11 އާއި 12 ގެ ކުދިންނަށް ފޯނު ގެންދެވޭނެ، އެެހެންމަވެސް އެޑިޔުކޭޝަން މިނިސްޓްރީން ހޯއްދަވާ އެބަ ލޮކަރ ސިސްޓަމެއް، ސްކޫލްގެ ކްލާސް ތަކުގައި ބަހައްޓަވާނެ ލޮކަރސިސްޓަމެއް، އެހެންވީމަ ކްލާސް ގަޑީގައި އެއްވެސް ކުއްޖަކަށް ފޯނު ބޭނުމެއްނުކުރެވޭނެ، އެ ލޮކަރަށްލާ ބަންދުކޮށްފައި، ކްލާސްގަޑީގައި ކިޔަވައިދެމުންދާގަޑީ ފޯނު ބޭނުންނުކޮށް، ކްލާސް ނިމުނީމަ އަތަށް ފޯނު ލިބޭގޮތަަށް ބަދަލުކުރާނެ ދިރާސީ އަހަރު ނިމުނީމައި'' ރައީސް ވިދާޅުވިއެވެ.