ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ބޮޑު މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި އަދަބިއްޔާތުގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ، އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށެވެ. އަދި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ، ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މި ދެ ފަންނު އުފެދެނީ ސަގާފަތާއި ތަރިކައިގެ ތެރެއިން ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޤައުމެއް ކުރިއަރައި ދިޔުމުގައި އެ ބައެއްގެ ސަގާފަތް އިސްލާހުވެ، ތަރިކަތަކަށް އިޙްތިރާމުކުރެވެން ޖެހޭނެ ކަމަށެވެ.

"އެ ބައެއްގެ ފިކުރާއި ޚިޔާލުތައް ފުންވެ އުފެއްދުންތެރި، އަޚުލާޤު ރަނގަޅު ހަރުދަނާ ބަޔަކަށްވާންޖެހޭ. އޭރުން އަޅުގަނޑުމެންނަށް ހާސިލުވާނީ ހަމަޖެހުން، ތަރައްޤީ، އަދި ރައްކާތެރިކަން. ވީމާ، ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތްކުރަމުން. " ރައީސް ވިދާޅުވިއެވެ.

ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ޚިދުމަތްތަކަށް ވަކި ވުޒާރާއެއް އުފެއްދެވުން ހިމެނެއެވެ. މީގެ އިތުރުން، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް އުފައްދައި، ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފައްދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ދިވެހި ބަހުގެ އެކަޑެމީ ފަދަ، ދިވެހި ޤައުމީ ދާރުލްއާސާރު ފަދަ ގުޅުން ހުރި މުއައްސަސާތައް ވުޒާރާއާ އެކީ އެއްކުޑައެއްގެ ދަށަށް ގެނެސްފައިވަނީ، ދިވެހި ތަރިކައިގެ ދާއިރާ ވަކި އެއް ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޤްސަދުގައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ، ދިވެހި ޤައުމަށް ޢިލްމީ، އަދަބީ، އަޚުލާޤީ އަދި ސަގާފީ އިންޤިލާބީ ބަދަލެއް ގެނައުން ކަމަށާއި، އެކަމަށް އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ދިވެހި ޤައުމިއްޔަތު އިތުރަށް ހަރުދަނާވެ، ކުރިއެރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ޔަޤީންކުރައްވައެވެ.

ދިވެހި ބަހުގެ އެކެޑަމީން ކުރިއަށް ދިޔަ ޤައުމީ އަދަބީ މުބާރާތްތަކުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޤައުމީ ފެންވަރުގައި މިއީ ބޭއްވުނު ފުރަތަމަ ފަހަރެއެވެ.