ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކުރާ ގޯތިތައް ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމަށްޓަކައި ނަސީބުވެރިންގެ ދެމެދު މިއަދު ގުރުއަތު ލައިފިއެވެ.

މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސުކޫލުގެ ހޯލުގައެވެ.

Ad
rt

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ގުރުއަތުން ޕްލޮޓް ނަންބަރު އިއުލާނުކުރެވެމުންދާ ވަރަކަށް، އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކު މެދުވެރިކޮށް ވަގުތުން ބައްލަވައިލެއްވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މި އިންތިޒާމުގެ ސަބަބުން ގޯތި ލިބުނު ފަރާތްތަކަށް އެމީހުންގެ ގޯތީގެ ތަފްސީލު ވަގުތުން ބެލުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

ގުރުއަތުލުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގޯތިތައް އިން ވަކިކޮށް، ނަސީބުވެރި ފަރާތްތަކަށް ރަސްމީކޮށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

ހުޅުމާލެ 3 އިން ދޫކުރާ ގޯތީގެ ބޮޑުމިނާއި އަދަދު

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރޭގައި ތަފާތު ބޮޑުމިނުގެ ގޯތިތައް ހިމެނެއެވެ. މިގޮތުން، 1650 އަކަފޫޓުގެ 181 ގޯއްޗާއި 2050 އަކަފޫޓުގެ 242 ގޯތި ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، 2450 އަކަފޫޓުގެ 132 ގޯއްޗާއި، 2850 އަކަފޫޓުގެ 62 ގޯތި، އަދި 3250 އަކަފޫޓުގެ 41 ގޯތިވެސް ހިމެނެއެވެ. އެންމެ ބޮޑު ގޯތިތަކުގެ ތެރޭގައި 3650 އަކަފޫޓުގެ 16 ގޯއްޗާއި 4000 އަކަފޫޓުގެ 24 ގޯތި ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.