ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ 698 ގޯތީގެ ގުރުއަތުލުމުގެ މަސައްކަތް ކަލާފާނު ސްކޫލުގައި މިއަދު ފަށައިފިއެވެ.

މި ގުރުއަތުލުން ކުރިއަށް ގެންދަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން ތިންވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، އައު ލޮޓް ނަންބަރު ކަނޑައެޅުމަށްޓަކައެވެ.

Ad
rt

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް މަޖުބޫރުވީ، ކުރިން 2024 ވަނަ އަހަރު އޮކްޓޫބަރުމަހު ޝާޢިއުކޮށްފައިވާ ޕްލޭނުގައި ބަނދަރުގެ ޖާގަ ނެތުމާއި، ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވައި ވަކިވާގޮތަށް ޕްލޭން ކުރެވިފައިވުމުގެ ސަބަބުން ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތަކާއި ގޮންޖެހުންތަކެއް ކުރިމަތިވާނެތީއެވެ. އެހެންކަމުން، އެޗްޑީސީން ވަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިމެނޭގޮތަށް މުޅި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނެއް އެކުލަވާލާފައެވެ.

މި ބަދަލުތަކާ ގުޅިގެން، ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، އައު ލޮޓް ނަންބަރެއް ކަނޑައެޅުމަށްޓަކައި، ގުރުއަތުނެގުން މިއަދު ހެނދުނު 9:00 ފެށިގެން ކަލާފާނު ސްކޫލް ހޯލުގައި ކުރިއަށް ގެންދަން ފަށާފައިވާއިރު، މި ފިޔަވަހިން 1650 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ 7 ސައިޒެއްގެ ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުރުއަތުލުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ވަދެވޭނީ ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ކަމަށް ވުޒާރާއިން ވަނީ އަންގާފައެވެ. ބަދަލުގައި ޙާޟިރުވާ ފަރާތްތަކުން ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ. ގުރުއަތުން ލިބޭ ޕްލޮޓް ނަންބަރު ވަގުތުން ހިޔާވެހި ޕޯޓަލްއިން ފެންނާނެއެވެ. އަދި އެސް.އެމް.އެސް މެދުވެރިކޮށް ވެސް އެންގޭނެއެވެ.

ގުރުއަތު ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.