ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާއަށް ނިސްބަތްވާ ދެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސް، ފުލުހުންނާ ހަވާލުކޮށްފިއެވެ.
މި ދެ ބޯޓު ހިފަހައްޓާފައި ވަނީ ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ބޭރުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިންނެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ އަލީގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޑިސެންބަރު 17ވަނަ ދުވަހުގެ ހެނނު 08:30 ހާއިރުގައެވެ. ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރުމުގެ މައްސަލަތައް ދިވެހި ކަނޑުގެ ސަރަހައްދުގައި ދަނީ އިތުރުވަމުންނެވެ.
މި ދެ ބޯޓު މިހާރު ވަނީ ހދ. ކުޅުދުއްފުށީ ބަނދަރަށް ވައްދައި، އިތުރަށް ތަހުޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މިކަމާ ގުޅޭ ތަހުޤީޤު ކުރިއަށްގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!