ހދ. ހަނިމާދޫގައި މޯލްޑިވިސް އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓްގެ ޚިދުމަތް ރޭ ފަށައިފިއެވެ.
ހަނިމާދޫ ކައުންސިލުން ބުނިގޮތުގައި އިމިގްރޭޝަން ހަނިމާދޫ ޕާސްޕޯޓް ކަލެކްޓިންގ ޕޮއިންޓް 17 ޑިސެމްބަރ 2025 ވީ ބުދަ ދުވަހުގެ ރޭ ވަނީ ހުޅުވާފައެވެ.
އެހެންކަމުން ޕާސްޕޯޓުގެ ޚިދުމަތް ހަނިމާދޫ އިމިގްރޭޝަން އޮފީހުން ލިބެމުންދާނެކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.
އިމިގްރޭޝަންގެ އޮފީހެއް ގާއިމުކުރުމަށް ހަނިމާދޫ ކައުންސިލް އިދާރާގެ ތެރެއިން ކައުންސިލުން ވަނީ އިމިގްރޭޝަނަށް އޮފީސް ޖާގަ ހަމަޖައްސައިދީފައެވެ.
ހަނިމާދޫގައި ޕާސްޕޯޓުގެ ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ފެށުމަށް، ސަރުކާރުން އެ ރަށު ކައުންސިލުގައި އެދުނު އިންތިޒާމްތައް އެ ކައުންސިލުން ހަމަޖައްސައިދީފައިވާކަން ކައުންސިލުން ވަނީ މިދިޔަ އޯގަސްޓް މަހުގެ ފަހު ހަފުތާގައި ހާމަކޮށްފައެވެ.
ހަނިމާދޫގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި ޕާސްޕޯޓްގެ ޚިދުމަތް ފެށުން، ފޮޓޯ: ހަނިމާދޫ ކައުންސިލް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިދިޔަ އޯގަސްޓް މަހު ހދ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހަނިމާދޫއަށް ވަޑައިގެން ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ، ހަނިމާދޫގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތާއި އައިޑީ ކާޑްގެ ހިދުމަތް ފެށުމަށްޓަކައި، އެކަން ކުރިއަށް ގެންދެވޭނެ ތަނެއް ކައުންސިލުން ހަމަޖައްސަވައި ދެއްވުމުން އެ ހިދުމަތްތައް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ މިއެދިލެއްވުމަށް ހަނިމާދޫ ކައުންސިލުން ވަނީ އިޖާބަދެއްވައި، ކައުންސިލް އިމާރާތަށް މި ދައުރުގައި އިތުރު ކުރެވުނު ބައިން ކައުންސިލަރުން ބޭނުން ކުރަމުން އައި ބައިގެ ތެރެއިން ބައެއް އެ ހިދުމަތްތައް ދިނުމަށް ހާއްސަކޮށްފައެވެ.
ހަނިމާދޫ ކައުންސިލަކީ އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެ ކައުންސިލްގެ ރައީސް ހިމެނޭހެން ހަތަރު މެމްބަރުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ. އަނެއް މެމްބަރަކީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މެމްބަރެކެވެ.
ހަނިމާދޫ އިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކުރުމުގެ ޚިދުމަތް ވަނީ 4 އޮކްޓޯބަރު 2025 ގައި ފަށާފައެވެ.
ހަނިމާދޫ އިން ޕާސްޕޯޓް ޚިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖެއްސެވިއިރު، މިއީ ހދ. އަތޮޅުގައި މި ޚިދުމަތް ގާއިމުކުރި ތިންވަނަ ރަށެވެ. 26 ޖުލައި 2014 އިން ފެށިގެން ކުޅުދުއްފުށީ ސިޓީން މި ޚިދުމަތް ލިބެމުން އަންނައިރު، 26 އޯގަސްޓް 2025 ގައި މަކުނުދޫގައި ވަނީ މި ޚިދުމަތް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!