ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި މުހިންމު ދެ ބަދަލެއް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މިޢިއްޒު، މިރޭ ނިންމަވައިފިއެވެ.
އެމަނިކުފާނު މިކަން ޢިއުލާން ކުރެއްވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އެފަރާތްތަކުގެ ޝަކުވާތައް އަޑުއެއްސެވުމަށްފަހުގައެވެ.
މުދާ ކްލިއަރެންސްގެ ދަތިތަކަށް ހައްލު
ވިޔަފާރިވެރީންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، މުދާ ކުލިއާ ކުރަން ފްރީކޮށް ލިބޭ ވަގުތުގެ ތެރޭގައި އެކަން ނުކުރެވުމުގެ ސަބަބުން ޑެމެރޭޖްގެ ގޮތުގައި ބޮޑެތި ގެއްލުންތައް ލިބުމެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުގެ ހަރަދު ބޮޑުވެ، ހިންގުމަށް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް އެފަރާތްތަކުން ވަނީ ބަޔާންކޮށްފައެވެ.
މި ކަންބޮޑުވުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، މުދާ ކުލިއާ ކުރަން ޑެމެރެޖް ނާރާ ގޮތަށް ފްރީކޮށް ލިބޭ ވަގުތު އިތުރުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން މިހާރު އޮންނަ 80 ގަޑިއިރު، 124 ގަޑިއިރަށް އިތުރުކުރައްވާނެ ކަމަށް ރައީސް މިޢިއްޒު ވަނީ ޢިއުލާނު ކުރައްވާފައެވެ. މި ބަދަލުގެ ސަބަބުން ވިޔަފާރިވެރީންނަށް މުދާ ނެގުމަށް އިތުރު ފުރުސަތު ލިބި، ޑެމެރެޖްގެ ހަރަދުތައް ކުޑަވާނެއެވެ.
މީގެ އިތުރުން، މުދާ ކްލިއަރެންސްގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމާއި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން މި މަސައްކަތް ކުރާ ވަގުތަށް ވެސް ބަދަލެއް ގެންނެވުމަށް ވަނީ ނިންމަވާފައެވެ. މިހާރު 18 ގަޑިއިރާއި 30 މިނެޓަށް މި ވަގުތު އޮންނައިރު، އެއީ 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ދެ ބަދަލަކީ ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރީންނަށް ދިމާވާ އެންމެ ބޮޑެތި އިދާރީ ދަތިތަކަށް ހައްލެއް ހޯދައިދީ، ވިޔަފާރީގެ މާހައުލު ރަނގަޅުކުރުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅުތަކެކެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުގެ ހަރަދުތައް ކުޑަވެ، އުފެއްދުންތެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!