ރާއްޖެ އަށް ފުރަތަމަ ފަހަރަށް ޕެރާ ގޭމްސްއަކުން މެޑަލްއެއް ލިބިއްޖެއެވެ.
މި މެޑަލް ހޯދައިދީފައި ވަނީ ކުޅުދުއްފުށީ ސިޓީ އަށް ނިސްބަތްވާ، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޕްޓަން މުޙައްމަދު ރިޒްހާން އެވެ.
މޯލްޑިވްސް އޮޕިމްޕިކް ކޮމެޓީން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ދިވެހިރާއްޖެއިން ވަނީ ޕެރާ ގޭމްސްއެއްގައި ފުރަތަމަ ފަހަރަށް މެޑަލް ހޯދައިފައެވެ. މިއީ ކުރިމަގު ޖީލުތަކަށް ހަނދާންކުރެވޭނެ މުހިންމު ކާމިޔާބީއެއްކަން އޮލިމްޕިކް ކޮމެޓީން ފާހަގަކޮށްފަވެއެވެ.
އޮލިމްޕިކް ކޮމެޓީން ބުނިގޮތުގައި ދުބާއީ 2025 އޭޝިއަން ޔޫތު ޕެރާ ގޭމްސްގައި، ރާއްޖޭގެ ޒުވާން ޕެރާ ސްވިމިން އެތުލީޓް މުޙައްމަދު ރިޒުހާން ވަނީ ފިރިހެން ކުދިންގެ 12–16 އަހަރުގެ، 50 މީޓަރު ފްރީ ސްޓައިލް އެސް10 ކެޓަގަރީން ފަޚުރުވެރިކަމާއެކު ނިލަންކާ މެޑަލް (ބްރޯންޒް މެޑަލް) ހޯދައިފައެވެ.
''މި ކާމިޔާބީއަކީ ހަމައެކަނި ނަތީޖާއަކަށްވުރެ މާ މަތީ ކާމިޔާބެއް، މިއީ ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ހަރަކާތަށް ލިބުނު ބޮޑު ކުރިއެރުމެއް، އަދި ފުރުސަތު ލިބިއްޖެނަމަ އަޅުގަނޑުމެންގެ ޒުވާނުންނަށް ކޮށްދެވޭނެ ކަންކަމުގެ ނިޝާނެއް'' އޮޕިމްޕިކް ކޮމެޓީން ބުނެފަވެއެވެ.
މި ކާމިޔާބީއާއި އެކު އޮލިމްޕިކް ކޮމެޓީން މިއީ ފެށުމެއްކަމަށެވެ.
ރިޒްހާންގެ މި ކާމިޔާބީ އާއި ގުޅިގެން ހދ.އަތޮޅު ތަޢުލީމީ މަރުކަޒުން ކުރި ޕޯސްޓެއްގައި އެ ސްކޫލްގެ ކެޕްޓަން ރިޒްހާން ވަނީ ބައިނަލްއަޤްވާމީ ގިނަ އެތުލީޓުންނާ ވާދަކޮށް، އޭނާގެ ހުނަރާއި ޢަޒުމް ދައްކުވައިދީ، ދިވެހިރާއްޖެ ތަމްސީލުކޮށްފައިކަން ވަނީ ފާހަގަކޮށްފައެވެ.
''އޭނާގެ މި ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ޕެރާ ސްވިމިންގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކަމެއް، އަދި ބައިނަލްއަޤްވާމީ ޕެރާ-ސްޕޯޓްސް މައިދާނުގައި ދިވެހި އެތުލީޓުންގެ ބައިވެރިވުން އިތުރުވަމުންދާކަން މި ކާމިޔާބީން ހާމަކޮށްދޭ'' ހދ.އޭއީސީން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!