އިސްލާމް ދީނަކީ، ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރާން އަންގަވާ ދީން ކަމަށާއި، މި ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެކަމަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައިދިން ހުކުރު ހުތުބާގައި ބުނެފިއެވެ.
"މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!" މި މައުލޫއަށް މިއަދު ގެނެސްދިން ހުތުބާގައި ވަނީ، މަސައްކަތްކުރުމާއި އުފެއްދުންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ހުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި އިސްލާމްދީނަކީ، ދުނިޔެއާއި އާޚިރަތުގެ ދީނެވެ. މަސައްކަތްކުރުމަށާއި، އުފެއްދުންތެރިކަމަށް ގޮވައިލާ ދީނެކެވެ. އިންސާނުން ދިރިއުޅުމަށްޓަކައި، ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ، އިންސާނާގެ މަސްއޫލިއްޔަތެކެވެ. މީސްތަކުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ކޮންމެވެސް އެއް ބަޔަކު ކުރާންޖެހޭނޭ ކަމެއްކަން ހުތުބާގައި ބަޔާންކޮށްފަވެއެވެ.
މަސައްކަތްކުރުމަށް ބާރުއަޅުއްވައި، މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ފަހެ، ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيبލިބުމަށްޓަކައެވެ." (ސޫރަތުލް ޖުމުޢާ: 10)
ހުތުބާގައި ހަނދާންކޮށްދީފައިވާގޮތުގައި، އިސްލާމް ދީނުގައި ހުއްދަކުރައްވައިފައި ވަނީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުމެވެ. ރިބާއާއި ޖުވާގެ މުޢާމަލާތްތައް ވަނީ، ޙަރާމްކުރައްވައިފައެވެ. އިސްލާމްދީނުގައި، ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަށް އަންގަވައިފައިވުމުން، މުސްލިމުންނަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭނެކަން ހުތުބާގައި ބަޔާންކުރިއެވެ. އެ ފަދަ ބަޔަކަށް ވެވޭނީ، މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެންނެވެ. ﷲ ތަޢާލާ ވަނީ، ދުނިޔޭގެ ބިމާއި، އެ ބިމުގައި އުފެދޭ ގަސްހަގާގެއްސާއި، ކަނޑުގައި ދިރިއުޅޭ މަސްމަހާމެއްސާއި، އެހެނިހެން ތަކެތި އިންސާނާއަށްޓަކައި ޚިދުމަތްތެރިކުރައްވައިފައެވެ.
ކާބޯތަކެތި އަޅާ ގަސް އިންދުމަށް ބާރުއަޅުއްވައި، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (إِنْ قَامَتِ السَّاعَةُ وَفِيْ يَدِ أَحَدِكُمْ فَسِيْلَةٌ، فَإِنِ اسْتَطَاعَ أَلَّا تَقُوْمَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا) މާނައީ: "ޤިޔާމަތް ޤާއިމުވާ ހިނދު، ތިޔަބައިމީހުންކުރެ މީހެއްގެ އަތުގައި، ކަދުރު ނިރެއް އޮތްކަމުގައި ވިއަސް، އޭނާއަށް ކުޅަދާނަވެގެންވާ ނަމަ ޤިޔާމަތްވުމުގެ ކުރީން، އެ ނިރު އިންދާހުށިކަމެވެ." މި ޙަދީޘުން ދޭހަވަނީ، އިސްލާމްދީނުގައި، ކާބޯތަކެތި އަޅާ ގަސްއިންދުމާއި މީސްތަކުންނަށް މަންފާ ލިބެނިވި ކަންކަންކުރުމަށް އިސްކަންދީފައިވާ މިންވަރެވެ.
ހުތުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫނެވެ. މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީންނެވެ. އެ ބޭބޭކަލުން ވެސް، މަސައްކަތްކުރެއްވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ، وَإِنَّ نَبِيَّ اللهِ دَاوُدَ عَلَيْهِ السَّلَامُ كَانَ يَأْكُلُ مِنْ عَمَلِ يَدِهِ) މާނައީ: "މީހެއްގެ އަމިއްލަ އަތުންކުރާ މަސައްކަތުން ހޯދާ އެއްޗަކަށްވުރެ، ހެޔޮ އެއްޗެއް، އޭނާއެއް ނުކައެވެ. ހަމަކަށަވަރުން ﷲގެ ނަބިއްޔާ ދާވޫދު ޢަލައިހިއްސަލާމް ފަރީއްކުޅުއްވައި އުޅުއްވީ، އެ ކަލޭގެފާނު އަތްޕުޅުން ކުރައްވާ މަސައްކަތްޕުޅުންނެވެ."
ހުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ވިޔަފާރިކުރެއްވުމަށް ޝާމުކަރައަށް ވަޑައިގަތެވެ. ޒަކަރިއްޔާ ޢަލައިހިއްސަލާމް އާއި ނޫޙް ޢަލައިހިއްސަލާމް ވަޑާމުގެ މަސައްކަތްކުރެއްވިއެވެ. ދާވޫދު ޢަލައިހިއްސަލާމް ކަނބުރުކަންކުރެއްވިއެވެ. ހަނގުރާމަތަކުގައި ބޭނުންކުރާ ދަގަނޑުދަހަނާ އުފެއްދެވިއެވެ. ޢީސާ ޢަލައިހިއްސަލާމް، ބޭސްވެރިކަން ކުރެއްވިއެވެ. ޔޫސުފް ޢަލައިހިއްސަލާމް، އިޤްތިޞާދުގެ ޢިލްމު މޮޅަށް ދެނެވަޑައިގެން ހުންނެވިއެވެ.
''އިސްލާމް ދީނަކީ، އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ޓަކައި، މަސައްކަތްކުރާން އަންގަވާ ދީނެވެ. މި ކަމުގައި މުސްލިމުން ލަދުވެތިވެގެންނެއް ނުވާނެއެވެ. މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެއެވެ. އިޤްތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފިއެވެ. މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވެއެވެ. ދިވެހި އިޤްތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު، އެ ޞިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައެވެ. ދަނޑުވެރިކަމާއި އިޤްތިޞާދީ އެހެނިހެން ޞިނާޢަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެކެވެ.'' ހުތުބާގައި ބުނެފަވެއެވެ.
ނަމަވެސް، މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެކަމަށް ހުތުބާގައި ބަޔާންކޮށްފަވެއެވެ. އިޤުތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށައިފައިވާކަން ވެސް ފާހަގަކޮށްފަވެއެވެ. މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނެތްކަމަށާއި، ދިވެހި އިޤުތިޞާދުގެ އެއް މައިނާރަކީ މަސްވެރިކަންކަމުގައިވީ އިރު، އެ ޞިނާޢަތު އޮންނާންވާނީ ދިވެހީންގެ އަތްމަތީގައިކަން ހުތުބާގައި ބާރުއަޅާފައިވެއެވެ. ދަނޑުވެރިކަމާއި އިޤުތިޞާދީ އެހެނިހެން ޞިނާޢަތްތަކުގައި ވެސް ދިވެހީން ހީވާގިވެ އުޅޭ ތަން ނުފެނުމަކީ ހިތާމަހުރި ކަމެއްކަމަށް ވެސް ހުތުބާގައި ބުނެފަވެއެވެ.
އެހެން ބަޔެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ބޭނުންތައް ފުއްދާނެ ގޮތްތަކާއި، ވަސީލަތްތައް އަމިއްލައަށް އުފައްދައި، އޭގެ ބޭނުންހިފާ ބަޔަކުކަމުގައި ވުމަށް ހުތުބާގައި ގޮވައިލިއެވެ. މުސްލިމުންނަކީ، މާތް الله އެބައިމީހުން މި ބިންމަތީގައި ބާރުވެރިކުރައްވައިފި ނަމަ، ނަމާދުޤާއިމުކޮށް، އަމުރުމަޢުރޫފު ހިންގާން ޖެހޭ ބަޔެއްކަމާއި، މިނިވަން ވެރިކަމެއް ކުރާން ޖެހޭ ބަޔެއްކަމަށް ވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!