ހުޅުމާލޭގައި ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފިހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޢާއިލާ އަށާއި ސްޓެލްކޯގެ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ނިޔާވި ސްޓެލްކޯގެ މުވައްޒަފަކީ އި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް އެވެ. ސްޓެލްކޯއިން ބުނިގޮތުގައި އޭނާ އަކީ 21 އަހަރަށްވުރެ ގިނަ ދުވަހު އެ ކުންފުނީގައި ޚިދުމަތްކޮށްފައިވާ މުވައްޒަފެކެވެ. އޭނާ ނިޔާވިއިރު ހުރީ ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައެވެ.

Ad
rt

މިދިޔަ ނޮވެމްބަރު 26 ގައި ހުޅުމާލޭ އިންޖީނުގޭގައި ހިނގި މި ހާދިސާގައި އެ މުވައްޒަފުގެ ގައިގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އޭނާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ހަމަ އެދުވަހު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަދި އޭނާ އިތުރު ފަރުވާ އަށް މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭ ވަނީ ތައިލެންޑަށް ގެންގޮސްފައެވެ.

އަޒްމީލް ނިޔާވީ ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.

އަޒްމީލް ނިޔާވުމާއި ގުޅިގެން މީޑީއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފު އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޑުއެހީ ނުހަނު އަސަރާއި ހިތާމައާ އެކުކަމަށެވެ.

ރައީސް ވަނީ އެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވައި، މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

އަޒްމީލް ނިޔާވުމުގެ ހިތާމާގައި ސްޓެލްކޯއިން ވެސް ވަނީ ބައިވެރިވެ ޢާއިލާ އާއި އެކުވެރިންނަށް ތައުޒިޔާ ފޮނުވާފައެވެ.