ހއ. އިހަވަންދޫ ކައުންސިލުން ހއ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި "ރަސްތަރި ޤުރްއާން މުބާރާތް 2025"ގެ ފަޚުރުވެރި އެއް ވަނަ ޔައިޝާ ޔާސިރު އިބްރާހިމް/ދޭލިޔާގެ، ހއ.އިހަވަންދޫ ހޯދައިފިއެވެ.
މީގެ ކުރިން ބޭއްވި އިހަވަންދޫ ކައުންސިލް ރަސްތަރި ޤުރްއާން ދެ މުބާރަތުގެ އެއް ވަނަ ވެސް ހޯދާފައިވާ ޔައިޝާގެ މި ކާމިޔާބާއެކު ޔައިޝާ ވަނީ ޖެހިޖެހިގެން ތިންފަހަރު އިހަވަންދޫ ރަސްތަރީގެ މަގާމު ދިފާޢުކޮށްފައެވެ.
ފުރިހަމަ އިންތިޒާމުތަކާއެކު ބޭއްވުނު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.
މި މުބާރާތުގެ 1 ވަނަ ޔައިޝާ ހޯދާފައިވާއިރު، ދެވަނަ ލިބުނީ ދިއްދޫގެ ދަރިވަރަކަށެވެ. އެއ މަރިޔަމް ހިބާ ހުސައިން / ވިގޯރަސް، ހއ. ދިއްދޫއެވެ. އަދި މިމުބާރާތުގެ 3 ވަނަ ވެސް އިހަވަންދޫ އިން ހޯދާފައިވާއިރު، އެ މަގާމު ހޯދީ އައިޝަތު މައިހާ މާހިރު / ރަށްމެދުގެ، ހއ. އިހަވަންދޫއެވެ.
ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ބައިވެރިވުމުގެ ފުރުސަތުދިން މި މުބާރާތުގައި އެ އަތޮޅުގެ ޖުމްލަ 7 ރަށަކަކުން ބައިވެރިވިއިރު، އެއްވަނަ ރަށަކަށް ހޮވުނީ ދިއްދޫ އެވެ. ދެވަަނަ ލިބުނީ އިހަވަންދޫ އަށެވެ. އަދި ތިންވަނަ ހޯދީ ކެލަޔެވެ.
މި މުބާރާތަށް ބައިވެރިން ހޮވީ ބައިވެރިވި ކޮންމެ ރަށެއްގައި އޮޑިޝަނެއް ބާއްވައިގެންނެވެ. މި މުބާރާތުގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކޮންމެ ރަށަކަށް ދިނީ 10 ޖާގައެވެ. މިޖާގަތަކަށް ވާދަކޮށް ޖުމްލަ 54 ބައިވެރިން މި މުބާރާތުގައި ވާދަކުރިއެވެ.
މުބާރާތުގެ އެއްވަނަ ބައިވެރިޔާއަށް އުމުރާ ދަތުރަކާއެކު 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ދެވަނަ ބައިވެރިޔާއަށް 6,000 ރުފިޔާ އަދި ތިންވަނަ ބައިވެރިޔާއަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. އަދި ރަށްރަށަށް ދޭ އިނާމުގެ ގޮތުގައި އެއްވަނަ ރަށަށް 10,000 ރުފިޔާ، ދެވަނަ ރަށަށް 7,000 ރުފިޔާ އަދި ތިންވަނަ ރަށަށް 5,000 ރުފިޔާގެ އިނާމު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!