މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި، އެފައިސާތައް ވިޔަފާރި އެކައުންޓްތަކަށް ޖަމާކުރުވައި ނަގަމުންދިޔަ މައްސަލައެއްގައި 23 އަހަރުގެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ / މަންޒަރުގެ، މުޙައްމަދު ޝާވިން (23އ) އެވެ.

Ad
rt

ފުލުހުން ބުނިގޮތުގައި، ޝާވިން ހައްޔަރުކުރެވުނީ ޑޮލަރު މާރުކުރުމަށް ވައިބަރ ގްރޫޕަކުން ފެނުނު ފަރާތަކަށް 1250 ޑޮލަރު ޓްރާންފަރކުރުމަށްފަހު އެޑޮލަރަށްވާ ރުފިޔާ ނުދިނުމުގެ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ 2025 ނޮވެމްބަރު 27 ވަނަ ދުވަހުއެވެ. އެންޓި ސްކޭމް ސެންޓަރގެ ރެޕިޑް ރެސްޕޯންސުން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލެއިން ފައިސާއާ ހަވާލުވުމަށްފަހު ދަނިކޮށް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަނުގައި މަކަރާއި ހީލަތުން ހޯދާފައިވާ 1250 ޑޮލަރު ވަނީ ރިވަރކޮށްފައެވެ. މީގެ އިތުރުން އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާވެސް ފުލުހުން ވަނީ ރިކަވަރކޮށްފައެވެ. ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން މިމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާ ގޮތުގައި، ޝާވިން ހިންގަމުންދިޔަ މަކަރުވެރި އަމަލުތަކުގައި ސޯޝަލް މީޑީއާގެ އެކި މަންސަތަކުގައި އެކި ޚިދުމަތްތައް (ޑޮލަރު މާރުކުރުން، ތަކެތި ވިއްކުން ފަދަ) ފޯރުކޮށްދޭކަމަށް ބުނެ، އެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ފައިސާ ފޮނުވުމަށް އެދެނީ އެކި ވިޔަފާރީގެ ނަމުގައި ހުންނަ އެކައުންޓްތަކަށެވެ. އެގޮތުން ވިޔަފާރި އެކައުންޓްތަކަށް ޖަމާކުރުވާ ފައިސާ، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ނުވަތަ އެފައިސާއަށްވާ މުދަލުގެ ގޮތުގައި ނަގަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ޚިދުމަތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ފޮނުވަން ބުނާ އެކައުންޓް ނަންބަރުގައިވާ ވިޔަފާރިއަކީ އެފަދަ ޚިދުމަތެއް ފޯރުކޮށްދޭ ބައެއްތޯ ޔަގީންކުރުމާއި، ވިޔަފާރި އެކައުންޓަށް ޖަމާވާ ފައިސާ އަނބުރާ ހޯދުމަށް ގުޅާނަމަ އެފައިސާއަކީ ކޮންގޮތަކުން ޖަމާވި ފައިސާއެއްތޯ ބަލައި ސައްކުކުރެވޭ ކަމެއްވާނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ މިފަދަ މައްސަލަތައް ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކެކެވެ.