ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން، އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަނީ މި މަސައްކަތުގެ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކުރައްވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިން ވެސް މި މަސައްކަތް ހަލުވިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ނޮވެމްބަރު 25، 2025 ދުވަހުގެ ރޭ މާލޭގެ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އިތުރު ޑްރެޖަރެއް ގެންނާނެ ކަމަށާއި، އެއީ ހުޅުމާލޭ 3 ގެ ބިން ހިއްކުމަށް އެދުވަހު ގެނައި ޑްރެޖަރުގެ ދެގުނަ ބޮޑު ޑްރެޖަރެއް ކަމަށެވެ. އަދި އެއާ އެކު ޑިސެމްބަރު 7 ހިސާބުގައި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް އިތުރަށް ހަލުވިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަޑުޖެހިފައި އޮތް ހުޅުމާލޭގެ ފޭސް 3ގެ މަސައްކަތް ސަރުކާރުން އަލުން ފަށާފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލެ ފޭަސް 3 ހިއްކުން އެއްފަހަރާ 2 ޑްރެޖަރ އިން ކުރަމުން ދަނީ. https://t.co/A6XCmJ0W9L pic.twitter.com/ANPlDjgcye
— Dr Mohamed Muizzu (@MMuizzu) November 28, 2025
މި މަސައްކަތް ކުރިއަށް ގެންދަނީ، ބޮސްކާލިސްގެ 22,000 ސީބީއެމްގެ ޑްރެޖަރެއްގެ އެހީގައެވެ. 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.
މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ހުޅުމާލެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާއިރު، ގުޅިފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ފުރަތަމަ ފިޔަވަހީގައި ހިއްކަން ނިންމި 192 ހެކްޓަރާއި، ރައީސް މުޢިއްޒު އިތުރަށް ހިއްކުމަށް ނިންމެވި 85 ހެކްޓަރުގެ ބިންވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!