ހައި ކޯޓުގެ ފަނޑިޔާރުކަމުން އާދީއްތަ ދުވަހު (އިއްޔެ) އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްގެ މައްޗަށް ތުހުމަތުވާ މައްސަލަތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ރޭ ބުނެފި އެވެ.
އޭސީސީން ހާމަކުރި ގޮތުގައި، ފައިސަލްގެ މައްޗަށް ތުހުމަތުވާ މި މައްސަލަތައް އެ ތަނަށް ހުށަހެޅުނީ ފުލުހުންގެ ފަރާތުންނެވެ.
އެއީ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފަވެއެވެ. އަދި އެ މައްސަލަތައް ބަލަމުން އަންނަކަމަށް ވެސް ބުނެފަވެއެވެ.
ފަނޑިޔާރު ފައިސަލް ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވެސް ބަލަމުން އަންނަނިކޮށެވެ.
ޖޭއެސްސީން މީގެ ކުރިން ފައިސަލް ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް އިސްކުރަން ފާސްކުރިއެވެ. ނަމަވެސް އެ މަގާމަށް ރަސްމީކޮށް އޭނާ ހަވާލުކޮށްފައެއް ނުވެ އެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2018 ވަނަ އަހަރުގެ ޖުލައި 24 ގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!