ދިވެހިރާއްޖެ ހޮޅީންގެ ނުރައްކަލުން ސަލާމަތްކޮށްދެއްވި ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު 3 ގަރުނު ވާން ކައިރިވީ އިރުވެސް މި ފަސްގަނޑުގައި ދިރިދިރި އެބަހުރިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. މިއަދަށް 281 އަހަރު ފުރޭ މި ޤައުމީ ޖިހާދުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެ މެސެޖުގައި ރައީސް ވިދާޅުވީ، މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީކަމަށެވެ. މިއީ ދިވެހި ތާރީޚުގެ އެންމެ މުހިންމު އެއް ހާދިސާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި." ދޮންބަންޑާރައިންގެ ޖިހާދުގެ މަތިވެރިކަން ވަނީ ހާމަކުރައްވަމުން ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައި، އަދި ދިވެހި ލޮބުވެތި ރައްޔިތުންނަށް ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން އިސްވެ ހުންވައި ހޮޅިން (މަލަބާރީން)ގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވީ 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!