ހއ. ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިއްޔެ ޢިއުލާންކޮށްފިއެވެ.
މި ޢިއުލާނާއި ގުޅިގެން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ހއ.ބާރަށު ޓޫރިސްޓް ޒޯން އިންޓަރނޭޝަނަލް ބިޑަށް ހުޅުވާލާފައިވާކަމަށެވެ. އަދި މިއީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ތިންވަނަ ފަހަރުކަން ވެސް ޝުޖާއު ވަނީ ފާހަގަކުރަށްވާފައެވެ.
އޭނާ ވިދާޅުވެފައި ވަނީ މިއީ އިންވެސްޓަރުންނަށް ވަރަށް ފަހި ވާގޮތަށް ހުޅުވާލެވިފަ މިވާ ފުރުޞަތެއްކަމަށެވެ. އެހެންކަމުން މި ފުރުޞަތުގެ ބޭނުން ދާއިރާގެ ހުރިހާ ވިޔަފާރިވެރިން ހިފުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
''ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ސްޕީޑް ލޯންޗުގައި 8 މިނިޓުން ދެވޭ މިގުދުރަތީ މުއްސަނދިކަން ލިބިފައިވާ ތާރީޚީ ރަށުގައި އިންވެސްޓް ކުރުމަށް ހުރިހާ ފަރާތްތަކަށް މަރުޙަބާ ކިޔަން'' ޝުޖާޢު ވިދާޅުވެފައެވެ.
ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވައި ވަނީ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) މީޓަރުގެ ބިމެކެވެ. އެތަނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައި ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ބީލަމުގައި ބައިވެރިވުމަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، 22 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް އެޑްރެސް planning@tourism.gov.mv އަށް ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރަން ޖެހެއެވެ.
މި ބީލަމުގެ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް ފަތުރުވެރިކަމާއި ތިމާވެއްޓާ ވުޒާރާގެ ވެބްސައިޓް (www.tourism.gov.mv) ލިބެންހުރިއިރު، އަދި ބީލަން ފޮތް 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 – 13:00 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ (ވެލާނާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ވެސް ލިބޭނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި ވުޒާރާގެ އީމެއިލް planning@tourism.gov.mv އަށް އީމެއިލް ކުރުމަށް ވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!