ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަމަށާއި، އެކަމުން ޒުވާނުން ސަލާމަތްކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ''ރައްޔިތުންނާއިއެކު ކުރިއަށް - ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު''ގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ޒުވާނުން ބޭނުންވަނީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުން ދުރުވާންކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމުގެ މައިގަނޑު ސިޔާސަތަކީވެސް ޒުވާނުން އެ ކަމުން ސަލާމަތްކޮށް މުޖުތަމަޢުގެ މެއިންސްޓްރީމަށް ނެރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލަތައް މުލުން ލުހެލުމަށް މަސައްކަތްތައް ތަރުތީބުކުރައްވާފައިވަނީ މަސްތުވާތަކެތީގެ ސަޕްލައިގެ މައްސަލަ ޙައްލުކުރައްވައި، ރިހެބިލިޓޭޝަންގެ ފުރުޞަތު ފަހިކޮށް، ޒުވާނުން އަނބުރާ މުޖުތަމަޢަށް ނެރެ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނޭގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ، މަސްތުވާތަކެއްޗާއި ގޭންގު ކުށުގެ ނުބައި އާދައިގައި ޖެހިފައިވާ ޒުވާނުން އެކަންކަމުން ދުރުވެ، އަމިއްލަ ނަފުސާއި، ޢާއިލާ އާއި، ޤައުމަށް ޚިދުމަތްކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ. އަދި ރިހެބިލިޓޭޝަނާއި ރީއިންޓެގްރޭޝަނަށް ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށްވެސް، އެމަނިކުފާނު އެފަދަ ޒުވާނުންނަށް ގޮވާލެއްވިއެވެ.

ޒުވާނުންނަށް ހުރި ފަހި ފުރުޞަތުތަކަށް އަލިއަޅުއްވާލައްވަމުން، ރައީސް ވަނީ ދިވެހި ވަޠަނީ ޚިދުމަތާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމާއި ސަރުކާރުން އެކި ކަންކަމަށް ދޭ މާލީ އެހީއާ ބެހޭ ތަފާސްހިސާބާއި މަޢުލޫމާތު ރޭގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

ޒުވާނުންނަށް އަބުރުވެރި ދިރުއުޅުމެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތަކުގެ އިތުރުން، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގެ އުސްއަލިތައްވެސް، އެމަނިކުފާނުގެ ވާހަކަފުޅުގައި ހިމަނުއްވާފައިވެއެވެ. އެގޮތުން ޖަމަޢީ ފެންވަރުގައި އެދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާއި، ވަށާޖެހޭ އެތުލީޓުން ބިނާކުރުމަށް ޚާއްޞަކޮށްގެން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ޖަމަޢީ ފެންވަރުގައި އެދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބިނާކުރުމަށް ކުރައްވަމުންދާ ކާމިޔާބު މަސައްކަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި އެމަނިކުފާނުގެ ޕްރެޒެންޓޭޝަން މެދުވެރިކުރައްވައި ވަނީ، އެ މަސައްކަތްތަކުގެ އަދާހަމަ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.