" މަންމި ކޮންތާކަށް ދަނީ؟" ތުއްތު ދަރިފުޅު ސުވާލު ކުރުމާއެކު އަހަރެން ގަދަކަމުން ހީލީމެވެ.

އޭރު ވެސް ލިލީގެ މޫނުމަތީގައި ހުރީ ނިދީގެ އަސަރެވެ.

Ad
rt

ދެވޭ ނުދެވޭ ތަނެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. މަޑުކޮއްލަން ވީ ކޮން ބަނދަރެއްގައިކަމެއް ވެސް ނޭނގެއެވެ. ލިލީގެ އަތުގައި ހިފައިގެން ދުވާރުމަތިން ދިޔައިރު ވެސް ހިތުގައި އޮތް ބިރުވެރިކަމަކަށް ނިމުމެއް ނައެވެ. އެންމެ ފަހުން އަހަރެން ހިނގަން ފެށީ، ލިލީ އުރާލައިގެންނެވެ. ގެންފައިހުރި ބިރެއްގެ ބޮޑުކަމުން ދުއްވާ އެއްޗަކަށް އަރަން ވެސް ހަނދާން ނެތް ކަހަލައެވެ. ފިހާރަތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން މަގުމަތީގެ އަލިކަން އޮތީ ކޮންމެވެސް ވަރަކަށް ފަނޑުކޮށެވެ.

ކުއްލިއަކަށް އަހަރެން ސިހުނީ ފޯނު ރިންގް ވާން ފެށުމުންނެވެ. ޔަގީނެވެ. އެ ގުޅަނީ ޒިޔާދެވެ. ޒިޔާދުގެ ނަން ހިތަށް އެރުމާއެކު އަހަރެން ހެޔަށް ގޮތްވާ ހެން ވެސް ހީވިއެވެ. އަވަސް އަވަހަށް ލިލީ ބެހެއްޓުމަށްފަހު އަތްދަބަހުގައި އޮތް ފޯނު ނެގީމެވެ.

ޒިޔާދުގެ ނަން ފެނުމުން ތުރުތުރުއަޅަމުން ދިޔަ އިނގިލިތަކުން އަހަރެން އެ ފޯނު ކަނޑާލީމެވެ. އަދި އެ ނަންބަރު ބްލޮކް ކޮއްލީ ފަސްޖެހުމެއް ނެތިއެވެ. ހަމަ އެވަގުތެވެ. ކުއްލިއަކަށް ނޫރާ މަތިން ހަނދާންވެއްޖެއެވެ.

އަހަރެންގެ ފައިގައި ލެނގިލައިގެން ހުރި ލިލީގެ ބޮލުގައި އެއް އަތުން ފިރުމާލަމުން އަހަރެން ނޫރާއަށް ގުޅީމެވެ. އެންމެ ރިންގަކުން އޭނާ ފޯނު ނެގިކަން އެއީ އަހަރެންގެ ނަސީބޭ ހިތަށް އެރިއެވެ.

" ޕްލީޒް އަހަރެން މި ވަގުތު ތި ގެއަށް ގެންދެބަ! އެއްވެސް އެއްޗެއް ނާހައްޗޭ. އަހަންނަކަށް ނެތް ވަގުތެއް." އަހަރެން ބުނީމެވެ.

" އޮހް! ކި... ކިހިނެއްވީ؟ކޮބާ ލިލީ؟ އާނ އޯކޭއޭ އާދޭ. އަވަހަށް އާދޭ." ހާސްވެ ހުރެ ނޫރާ ބުންޏެވެ.

އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދޭނެކަން އަހަންނަށް އެނގުނެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ނުދީ ފޯނު ކަނޑާލުމަށްފަހު އަހަރެން ބެލީ މަގުމަތިން ކާާރެއް ހުއްޓުވޭތޯއެވެ. އޭރު ވެސް ޒިޔާދު ފެނިދާނެކަމުގެ ބިރު ހިތުން ނުފިލައެވެ.

މަޑު ދުވެލީގައި އައި ކާރު އަހަރެމެން ކައިރިއަށް މަޑުކޮއްލީ އަތުން ހަނާ އަޅާލީމައެވެ. އަހަރެންގެ ފޮށި ޑިކީއަށް ލައިދިނުމަށްޓަކައި ޑްރައިވަރު ކާރުން ފޭބުމުން، އަހަރެން ލިލީ ގޮވައިގެން އަވަސް އަވަހަށް ކާރު ތެރެއަށް ދެމިގަތީމެވެ. ކުޑަކޮށް ވެސް ހިތަށް ހަމަޖެހުމެއް ލިބުނީ އެ ހިސާބުންނެވެ. ކުޑަ ނަމަވެސް ރައްކާތެރިކަމެއް ލިބުނުކަން އިހްސާސް ކުރެވުނެވެ.

" 4 ކިލޯގެ މަސްތުވާއެއްޗެއްސާއި ވަގު ޑޮލަރުތަކަކާއެކު ރ. އަލިފުށީ ދާއިރާގެ މެމްބަރު ހައްޔަރު ކޮއްފި! " ކާރު ތެރޭގައި ގުގުމަންފެށި އަޑުން އަހަންނަށް ދެ ލޯ މަރާލެވުނެވެ. ބްރޭކިން ނިއުސްގެ ގޮތުގައި ހުރިހާ ނޫސްތަކަކަށް ވެސް އެ ހަބަރު އަރާނެކަން އަހަންނަށް މިހާރު އެނގެއެވެ. ނުކުރާ ކުށަކަށް ހުސެން މުޅި ގައުމަށް ބޭޒާރުވީތީ އަހަރެން އިންތިހާއަށް ދެރަވިއެވެ. ބަރު ނޭވާތައް ބޭރަށް ދޫކުރާނެ ބާރު ވެސް އަހަރެންގެ ނެތްކަހަލައެވެ. ސީޓުގައި ބޯ ޖައްސާލައިގެން އިންދާ ޑްރައިވަރު އަހަންނާ ވާހަކަ ދައްކަން ފެށިއެވެ.

" މެމްބަރުންނަށް އެ ވަރަށް ލާރި ލިބޭ އިރުގައިވެސް މި ހުންނަނީ ކުރާ ވިޔާ ނުދާ ކަންތައްތައް. އެ ސޮރު މަގާމުން ވެސް ވަކި ކުރަން ޖެހޭނެ. އެ ފެންވަރުގެ މީހުން އެ ކަހަލަ މަގާމުތަކަށް މި ހޮވަނީ ކީއްކުރަންތަ؟" ޑްރައިވަރުގެ ބަސްތަކުން އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ.

އެ ގޮތަށް ހުސެންއާ ދިމާލަށް ކިތައްކިތައް މީހުން އެއްޗެހި ކިޔާނެ ހެއްޔެވެ؟ ކިތައް މީހުންގެ ހިތް އޭނާއާމެދު ކިލަނބުވާނެހެއްޔެވެ؟ ކުއްލިއަކަށް އަހަރެން ހަނދާންވީ ހުސެންގެ ދަރިންނާއި އަނބިމީހާ މަތިންނެވެ. ހުސެން ހައްޔަރު ކުރުމުން އެ އާއިލާ ބިކަވާނެވަރު އިހްސާސްކުރަން ވެސް އަހަންނަށް އުނދަގޫވިއެވެ. ހިތަށް އަރާ ފައިބަމުންދާ އެއްޗެހި ގިނަކަމުން މެޔަށް ވެސް ތަދުވާން ފެށިއެވެ.

ލޯ މަރާލައިގެން އިންދާ ނޫރާގެ ކައިރިއަށް ކާރު މަޑުކޮއްލުމުން ލިލީ ގޮވައިގެން އަހަރެން އަވަސް އަވަހަށް ކާރުން ފޭބީމެވެ. އޭރު ނޫރާ ވެސް ތިރިއަށް ފައިބާފައި ހުއްޓާ ފެނުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ.

ނޫރާ ފެނުމާއެކު އަހަންނަށް އޭނާގެ ގައިގައި ބާރަށް ބައްދާލެވުނެވެ. އަހަރެންގެ ހާލަތު ފެނި، އެއްވެސް ކަމެއް ރަނގަޅު ނޫންކަން ނޫރާއަށް އެނގުނެވެ. ލިލީ ކުރިމަތީގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާތީ އަހަރެން މަސައްކަތްކުރީ ކަރުނަ ހިފެހެއްޓޭތޯއެވެ.

" ހިނގާ އެތެރެއަށް. މިތާ މަޑުކުރުން އެހާ ރަނގަޅެއް ނުވާނެ." އަހަރެން ބުނީމެވެ.

ލިލީ ނިންދަވަން ދިޔުމަށް ނޫރާ އެދުމުން، ގެއަށް ވަތް ގޮތަށް އަހަރެން ކޮޓަރިއަށް ވަނީމެވެ. އޭރު ވެސް ތަފާތު ހިޔާލުތަކުން ހިތާއި ސިކުނޑިއަށް އުނދަގޫ ކުރުވަމުންދެއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިލީއަށް ނިދިއްޖެއެވެ. އަހަރެން ހުރީ ނޫރާ ކައިރިއަށް ދާ ހިތުން ކެތްމަދުވެފައެވެ. އަދި ހިތުތެރޭގައި ހުންނަ ހުރިހާ އެއްޗެއް ބޭރު ކުރަން ބޭނުންވެފައެވެ.

ސިޓިންރޫމަށް ނިކުތް އިރު، ނޫރާ އިނީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން ފެނުމާއެކު އޭނާ އަހަންނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

" އެއްވެސް ވާހަކައެއް އަހަރެން ކައިރީ ނާހާ، އެއްވެސް ސުވާލެއް ނުކޮށް، އަހަރެންގެ ވާހަކަ ފެށިގެން ނިމެންދެން އަޑުއަހާލަ ފާނަންތަ؟" އަހަރެން ސުވާލު ކުރީ އިސްޖަހާލަމުންނެވެ.

" އާނ. އަހަރެން މި ހުރީ ވާނުވާގައޭ. ކިޔައިދީބަލަ އަވަހަށް." ނޫރާ ބުންޏެވެ.

ޒިޔާދުގެ އުޅުން ހުންނަ ގޮތުން ފެށިގެން ހުސެންއާ ދިމާވި ދުވަހާ ހަމައަށް އަހަރެން ސާފުކޮށް ނޫރާއަށް ހުރިހާ އެއްޗެއް ކިޔައިދިނީމެވެ. އަދި މިރޭ ކަންތައް ވީ ގޮތް ވެސް ނޫރާއަށް ކިޔައިދިނީމެވެ. އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދެވުނީ ނުހަނު ލަސްލަހުން އަދި އެހާމެ އުނދަގުލުންނެވެ. ބައެއް ފަހަރު ވާހަކަ ކުރިއަށް ނުގޮސްގެން ހުއްޓާލަން ޖެހެއެވެ. ނޫރާ އަހަރެންގެ ބޮލުގައި ފިރުމާލަމުން ހިތްވަރު ދެމުން ދިޔައެވެ.

" އަހަންނަކީ ވެސް ކުއްވެރިއެއް ދޯ؟" އަހަރެން ބުނީމެވެ.

އެ ވަގުތު ނޫރާ އެކަމަށް އިންކާރު ކުރިއެވެ.

" ނޫން. ތައިބާއަށް އެެހެން މީހަކު ހާއްސަވީ، ޒިޔާދު ކަންތައް ކުރި ގޮތުން ނެއްނު. އެހެން ނޫނަސް، ހުސެންއާ ދެ މީހުން ވަރަށް އަވަހަށް ރަނގަޅު މަގު ހިޔާރު ކުރީމެއްނު. މި ވަގުތު އަމިއްލަ ނަފްސު ކުއްވެރި ނުކޮއްބަލަ. " ނޫރާ އެހެން ބުނުމުން އަހަރެން އޭނާގެ ކޮނޑުގައި ބޯ އަޅާލީމެވެ.

" ދެން އަލުން ޒޔާދު ކައިރިއަކަށް ނުދާނަން. އޭނާއަކީ އެހާ ނުބައި މީހެއް ކަމެއް އަހަންނަކަށް ނޭނގެ. އޭނަ ބޮސްއަށް މަސްތުވާތަކެތީގެ ވިޔަފާރި ކޮއްދެނީ. ކިހިނެއް އެނގެނީ ނުބޯ ކަމެއް ވެސް. " އަހަރެން ބުނީމެވެ.

" އަހަރެން ބޭނުމެއް ނޫން ނުވިސްނާށޭ ބުނާކަށް. އަހަންނަށް އެނގޭ ތައިބާ ވިސްނާނެކަން. " ނޫރާ ބުންޏެވެ.

" އެހާ ނުބައި ކަމެއް ކުރާ މީހަކު ބައްޕައެއްގެ ގޮތުގައި ލިލީއަށް ދައްކާކަށް ވެސް އަހަރެން ބޭނުމެއް ނޫން." އަހަންނަށް ބުނެވުނެވެ.

" ދެން؟ " ސިހިފައި ނޫރާ އެހެން ބުނުމާއެކު އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނެވެ.

" ވަކިވާނީ. ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް، ޒިޔާދުގެ އެ އަމަލުތަކުން އަހަންނަށް ދެން އޭނައަކަށް މަޢާފެއް ނުދެވޭނެ. " އަހަރެން ބުނީމެވެ.

" އެކަމަކު ޒިޔާދުއަށް ފިލައިގެން ކިހިނެއް އުޅޭނީ؟" ނޫރާ ބުންޏެވެ.

" ހުސެންގެ ކަންތައް އޭނައަށް ބަސްޓުވީމަ އޭނަ ބަދަލު ހިފަން ވެގެން އެ އުޅެނީ އަހަރެން ތަޅުވަން. އޭނަ މަ ދެކެ ލޯތްބެއް ވެސް ނުވެ. ދެން ރާއްޖެއިން ބޭރަށް ގޮސް އަހަންނަށް ޖައްސާނެ ހާލެއް އެނގޭތަ؟ ނޫރާ ހެޔޮނުވާނެ އަހަންނަށް ހިމާޔަތް ދީ. އަހަރެން މިތާ ބަހައްޓައިދީ." އަހަރެން ބުނީމެވެ.

" މި ވަގުތު ހުރެވިދާނެ. އެކަމަކު..." މާޔޫސްވެފައި އިނދެ ނޫރާ އަހަންނަށް ބަލަމުން ދިޔަ ގޮތުން އަހަރެން ބިރު ގަންނަން ފެށިއެވެ.

" އެކަމަކު ކިހިނެއްވީ؟ ބުނެބަ! އަހަންނަށް ނުހުރެވޭތަ މިތާ؟" ރޮވޭ ފަދަ ގޮތަކަށް އަހަރެން ބުނީ ނޫރާގެ ދެ އަތުގައި ބާރަށް ހިފަހައްޓަމުންނެވެ.

" އަހަރެންގެ ފިރިމީހާ ކުރީގެ ކައިވެންޏަށް ލިބިފައި ހުރި ދަރިފުޅު އޭނައަށް ކޯޓުން ހަވާލުކޮއްފި. އެއީ ބޯއީއެއް. އަހަރެންގެ ހުރީ އަންހެން ކުއްޖެއް. ފިރިމީހާ ބޭނުންވަނީ ދެ ކުދިންނަށް ރޫމް ވަކި ކުރަން. އޭނަ މި ވަގުތު ވީ ދުބާއީގައި. އޭނަ އައިސް ދަރިފުޅު ގެންނާނެ. އަހަންނަށް ކިރިޔާ ވެސް ގޮތެއް އޮތް ނަމަ ތައިބާއަށް އެހީ ވީމުސް." އަހަރެންގެ މޫނުގައި އަތް ޖައްސާލަމުން ނޫރާ ބުންޏެވެ.

އެ ވަގުތު އަހަރެންގެ ދެ ލޮލުން އޮހޮރިގަތް ކަރުނަތައް ނޫރާ ފޮހެލަދިނީ ނުހަނު ލޯބިންނެވެ.

" ޒިޔާދުގެ ލާރިގަނޑުން އެންމެ ރުފިޔާއެއް ވެސް ތައިބާ އަތުގައި އެބައޮތްތަ؟" ނޫރާ އެހިއެވެ.

އަހަރެން ދެ ފަރާތަށް ބޯ ހޫރާލީމެވެ.

" ޒިޔާދު އަހަންނަށް ގަނެދީފައި ހުރި އަގުބޮޑެތި ގަހަނާތައް ގެނައިން. ގަޑިއާ ރަން ތަނޑިތަކާއި ކެވެލި، ފަށް، އަދި އަނގޮއްޓިތައް ވެސް ބޭގަށް އެޅިން. ކިރިޔާ ވެސް ގެނެވެން އޮތް އެއްޗެއް ގެނައިން." އަހަރެން ބުނީމެވެ.

ނޫރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އަހަރެން އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިމެވެ.

" އަހަރެން ބޭނުމީ އެ އެއްޗެހިތައް ވިއްކާލަން. ލާރި ބޭނުން އަހަރެން.. މި ވަގުތު އަހަންނަށް މުހިއްމީ ހަމައެކަނި ލާރި." އަހަރެން ބުނީމެވެ.

" ގެނޭ އަހަރެންގެ އަތަށް. ފިރިމީހާއާ ވާހަކަ ދައްކާފައި ވިއްކާލެވޭނެ ގޮތެއް ހޯދައިދޭނަން. " ނޫރާ ބުންޏެވެ.

އަހަރެން ބޯ ޖަހާލީމެވެ.

" އޭރުން ކުޑަ އެޕާޓްމެންޓެއް ރެންޓަށް ނަގައިގެން އުޅެވިދާނެތަ އެއްނު." އަހަރެން ބުނީމެވެ.

" ދެން؟ އެ ރުފިޔާތައް ހުސްވީމަ؟ ދެން ކިހިނެއް ތައިބާ ލާރި ހޯދަނީ؟ ލިލީ ބަހައްޓާފައި ކިހިނެއް ވަޒީފާއަކަށް ދާނީ؟ ވަރަށް ވިސްނާފައި ނޫނީ ގޮތެއް ނުނިންމައްޗޭ." ނޫރާ ބުންޏެވެ.

ނޫރާގެ ވާހަކައާ މެދު އަހަންނަށް ވިސްނާލެވުނީ ދެނެވެ. މީގެ ކުރިން ޒިޔާދު އަހަންނަށް ދަސްކޮއްދީފައި ހުރީ މުއްސަނދި ދިރިއުޅުން އުޅޭނެ ގޮތެވެ. އަތުގައި އެންމެ ރުފިޔާއެއް ވެސް ނެތް ދުވަހެއް އަތުވެދާނެ ކަމަކަށް އޭރު އަހަރެން ނުވިސްނަމެވެ. އަހަރެންގެ އެކައުންޓުގައި ފައިސާ ރައްކާކުރަން ހިތަށް ވެސް ނާރުވަމެވެ. އެއީ އަހަރެންގެ ދުލުން ބުނާ އަދަދަކަށް ޒިޔާދު އަހަންނަށް ފައިސާ ދޭތީއެވެ.

" ލިލީ ގޮވައިގެން ދެވޭ ތަނަކަށް ގޮސްގެން ވެސް ލާރި ހޯދާނަން. ހާސް ނުވޭ. ކޮންމެވެސް ގޮތެއް އޮންނާނެ އެއްނު." އަހަރެން އެހެން ބުނީ ނޫރާ މާ ބޮޑަށް ކަންބޮޑުވާތަން ފެނިގެންނެވެ. އަހަންނަށް ކިރިޔާ ވެސް އެހީއެއް ވާން ހުރި މީހާ ކަންބޮޑުވެގެން އަހަންނަށް ލިބޭނީ ކޮން ހިއްވަރެއް ހެއްޔެވެ؟

" ހާސްނުވާށޭ ބުންޏަސް ހާސް ވާނެ ދޯ. ތައިބާ ގެއިން ވެސް ނިކުމެގެން ނުވާނެ. ޒިޔާދުއަށް ނުފެނި އުޅެވޭތޯ ވަރަށް ބަލާތި. އަހަރެން ހަމަ ވަރަށް ބިރުގަނޭ. ކިހިނެއް އެނގެނީ އޭނައަކީ ގޭންގް ލީޑަރެއް ނޫންކަމެއް ވެސް." ނޫރާ ބުންޏެވެ.

" އާނ. ތިއެއްވެސް ނޭނގެ. އަހަރެން މަރާލަފާނެތަ އޭނަ؟" ބިރުން ހުރެ އަހަރެން އެހީމެވެ.

" އެކަހަލަ މީހަކު، މީހަކު މަރަން ވެސް މަރާފާނެ. އެކަމަކު ލިލީދެކެ ލޯބި ވަންޏާ ތައިބާއަކަށް ގެއްލުމެއް ނުދޭނެ ދޯ." ނޫރާ ބުންޏެވެ.

" އަހަރެން ވެސް މިހާރު އެބަ ބިރުގަނޭ. ހުސެންއަށް ވާނެ ގޮތެއް ވެސް ނޭނގެ. ހުސެން މަތިން ވަރަށް މިސްވޭ. " މޫނުގައި ދެ އަތް އަޅަމުން އަހަރެން ބުނީމެވެ.

" މަ ވެސް ތި ވާހަކަ ކިޔައިދިނީމަ ޔޫގެ ހުސެން މަތިން ވަރަށް ހިތަށް އަރާ. އޭނަގެ ލައިފްއަށް ވާނީ ކިހިނެއް؟ އަބުރާ އިއްޒަތާ މޮޑެވުނީނު. ޖޮބް ގެއްލި، ނޭނގެއެއްނު ދެން ލައިފް ސަލާމަތް ވާނެ ކަމެއް. " ނޫރާގެ ވާހަކަތަކުން އިތުރަށް އަހަރެން ހާސްވިއެވެ.

" ހުސެން އަހަރެންދެކެ ހާދަ ރުޅި އައިސްފައޭ ހުރީ. ހުސެން ހީކުރީ އަހަރެން ގަސްތުގައި އޭނާއަށް ދިން ލަނޑެއް ކަމަށް. އެކަމަކު އަހަރެން ކިހިނެއް ދެން ބުނާނީ ވެސް؟" އަހަންނަށް ބުނެވުނެވެ.

( ނުނިމޭ )

ނޯޓު: މިވާހަކައިގެ ދެން އޮތްބައި ގެނެސްދެވޭނީ 24 އޮކްޓޯބަރު 2025 ވާ ހޯމަ ދުވަހުއެވެ.

(ނިމުނީ)