ކުރީގެ އަދަދާއި ގުޅޭ:

" ހުސެން އަހަރެންދެކެ ހާދަ ރުޅި އައިސްފައޭ ހުރީ. ހުސެން ހީކުރީ އަހަރެން ގަސްތުގައި އޭނާއަށް ދިން ލަނޑެއް ކަމަށް. އެކަމަކު އަހަރެން ކިހިނެއް ދެން ބުނާނީ ވެސް؟" އަހަންނަށް ބުނެވުނެވެ.

Ad
rt

ހަމަ އެ ވަގުތެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނުގެ ސްކްރީން ފެނުމާއެކު ބިރުން ގޮސް ދެ ލޯ ބޮޑުކޮއްލެވުނެވެ. ޒިޔާދު މިހާރު އަހަންނަށް ގުޅަމުން އެ ދަނީ ފޭސްބުކްގެ މެސެންޖާއިންނެވެ.

" ކާކު؟" އަހަރެން އިން ގޮތް ފެނި ނޫރާ އެހިއެވެ.

ޖަވާބެއް ނުދީ އަހަރެން އޭނާއަށް ފޯނު ދައްކާލީމެވެ.

" ތި ލޮކޭޝަން އޮފް ކުރައްޗޭ ހުރިހާ އެއްޗަކުން. އެހެން ނޫނީ އޭނަ އަންނާނެ ހޯދައިގެން ވެސް. " ނޫރާ ބުނެލިއެވެ.

" ނުނަގާނަންތަ؟" އަނެއްކާ ވެސް ނޫރާ އެހިއެވެ.

އަހަރެން ބޯ ޖަހާލުމާއެކު ފޯނު ކެނޑިއްޖެއެވެ.

" ހުރިހާ އެއްޗަކުން ބްލޮކް ކުރާނީ." އަހަރެން ބުނީމެވެ.

އެއާއެކު މެސެންޖާއިން ޒިޔާދު އަހަންނަށް މެސެޖެއް ފޮނުވިއެވެ. އެ އަޑަށް ނޫރާ ވެސް އަހަރެންގެ ފޯނުގެ ސްކްރީން ބެލުމަށްޓަކައި އަހަންނާ ގާތް ވެލިއެވެ.

" އަހަރެން ސޭވް ކުރަން ދިން ލާރިތައް ވީހާ ވެސް އަވަހަކަށް އަހަންނަށް ޖަމާ ކުރޭ. އަދި ހަމަ މިހާރު ގެއަށް އާދޭ. ނޫނީ ފުލުހުން މެދުވެރިކޮށް ވެސް އަހަރެން ކަލޭމެން ހޯދާނަން." ޒިޔާދުގެ މެސެޖް ކިޔާ ނިމުނު އިރު އަހަރެން ބިރުން އަވަދިވެއްޖެއެވެ.

" ކޮން ލާރިއެއް؟" ނޫރާގެ އަޑަށް ވެސް އަހަރެން ދިޔައީ ސިހިގެންނެވެ.

" އޭނަ އެހެން ބުނީމަ އަހަރެން މި ހަނދާންވީ. އޭނަ އެ ރަށަށް ގޮސް ހުރެފައި އަހަންނަށް ދެ ފަހަރަކު ވަރަށް ލާރި ފޮނުވި. ބުނި ސޭވް ކުރަން. އެ ދޭށޯ އެ ބުނީ." އަހަރެން ބުނީމެވެ.

އަދި އަވަސް އަވަހަށް ފޯނުން އިންޓަނެޓްބޭންކަށް ވަނީމެވެ. އެއާއެކު ނޫރާ އަހަރެންގެ ފޯނު ޖަހައިގެންފިއެވެ.

" ތައިބާ ފުރަތަމަ ހަމަޖެހިލަބަލަ. އޭނަ ބުނާއިރަށް ބުނާހާ ކަމެއް ނުކޮއްބަލަ! " ނޫރާ ބުންޏެވެ.

އެއާއެކު ހައިރާންކަމާއެކު އަހަންނަށް ނޫރާގެ މޫނަށް ބަލައިލެވުނެވެ.

" ވިސްނަބަލަ މި ދައްކާ ވާހަކައަށް. އެ ރޭ ފުލުހުން ތި ގެއަށް އެ ދިޔައީ ހުސެންއަށް ޝައްކު ކޮއްގެންނެއް ނޫނެއްނު. އެ މީހުން ޝައްކު ކުރާނީ ޒިޔާދަށް. ފުލުހުން އެ އައީ ޒިޔާދު ހޯދަން. އެ ރޭ ތި ގޭގައި ހުސެން ހުރުމަކީ ޒިޔާދުގެ ނަސީބު. އެހެން ނަމަ މިއަދު ގޮޅީގައި އޮންނާނީ ޒިޔާދު. " ނޫރާ ބުންޏެވެ.

އަނގައިން ބަހެއް ބުނަން ނޭނގި އަހަންނަށް ހަމަ އިނދެވުނީއެވެ.

" އެހެންވީމަ، އަދި ވެސް ފުލުހުން ޒިޔާދަށް ފާރަލާނެ. އޭނަގެ ބޭންކް އެކައުންޓް ވެސް އެ މީހުން ބަލާނެ. ކުއްލިއަކަށް ލައްކައިން ލައްކައިން ތައިބާ އޭނައަށް ފައިސާ ފޮނުވީމަ؟ ތައިބާ ވެސް ތި ކަމުގެ ތެރެއަށް އަދި ވައްދާނެ. ތި ލާރިތައް އޭނައަށް ދޭނެ ކަމެއް ނެތް." ނޫރާ ބުންޏެވެ.

އަހަރެން ދެ ފަރާތަށް ބޯ ހޫރާލީމެވެ.

" ހެޔޮ! އަހަރެން މި ލާރިއެއް ބޭނުމެއް ނޫން. އޭނައަށް ފޮނުވާނަން. އަހަންނަށް ރަނގަޅީ ވެސް އަހަރެން ބާނާލައިގެން ވެސް ހުސެން ކައިރިއަށް އަހަރެން ގެންދިޔައްޔާ. " ހުސެންގެ ނަން ބުނެވުމާއެކު ލޮލުން ކަރުނަ ހިލިއްޖެއެވެ.

" ދެން؟ ލިލީ އޯ؟ ތައިބާ މޮޔަވީތަ؟ ލިލީއަށްޓަކާ ވެސް ތައިބާގެ ސަލާމަތް ހޯދަން ޖެހޭނެ އެއްނު." ނޫރާ ބުންޏެވެ.

" އިރާދަކުރެއްވިއްޔާ އަހަރެން ހުންނާނީ ސަލާމަތުންނޭ! އަހަރެން ބޭނުމީ ހުސެން ސަލާމަތް ކޮއްދޭން. އަހަރެން ބޭނުން ޒިޔާދާ ދެކޮޅަށް ހެކި ދީގެން ވެސް ހުސެންގެ ކުށެއް ނެތް ކަން ސާބިތު ކޮއްދޭން. އޭނައަށް އެ ލަނޑު އެ ލިބުނީ ވެސް އަހަންނާ ހެދިއެއްނު." އަހަރެން ބުނީމެވެ.

" ދެން ކީކޭ އަަހަރެން ބުނާނީ؟ ތައިބާ ބޭނުން ގޮތަކަށް ހަދާ! އެކަމަކު ވިސްނައްޗޭ. ތުއްތު ދަރިޔަކު ހުރިކަން." އަހަރެންގެ އަތަށް ފޯނު ދިއްކޮއްލަމުން ނޫރާ ބުންޏެވެ.

ނޫރާގެ ވާހަކަތަކަށް ރައްދެއް ދިނުމެއް ނެތި، ޒިޔާދުއަށް ލާރި ފޮނުވަން އަހަރެން އަވަސްވެގަތީމެވެ. އޭރު ވެސް ނޫރާ އިނީ އަހަންނަށް ބަލަހައްޓައިގެންނެވެ.

" ފުލުހުން މެދުވެރިކޮށް އަހަރެން ހޯދާކަށް އޭނައަކަށް ނުކެރޭނެ. އޭނަ މިހާރު ވެސް އެ އުޅެނީ ފުލުހުންނަށް ފިލައިގެން ރާއްޖެއިން ބޭރަށް އަވަހަށް ފުރަން ވެގެން." އަހަރެން ބުނީމެވެ.

ނޫރާ މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. އަދި ލުއި ގޮތަކަށް ހިނިތުންވެލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އިންޝާﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. ލިލީއާ ދެ މީހުންގެ ރައްކާތެރިކަމަށް ބަލައިގެން އުޅޭ. މި ގޭގައި ތިބެވޭނެ އެންމެ ގިނަ ދުވަހަކަށް އަހަރެން ތި ދެމައިން ބައިތިއްބާނަން. " ނޫރާ ބުންޏެވެ.

ޝުކުރުން ފުރިގެންވާ ފަދަ ގޮތަކަށް ބަލައިލަމުން އަހަރެން ހީލީ ގަދަކަމުންނެވެ.

ފެންވަރާލައިގެން ނިކުމެ ލިލީ ކައިރީ އޮށޯވެލި އިރު ވެސް ވަރުބަލިކަން ނުފިލައެވެ. ފޯނަށް ބަލަހައްޓައިގެން އޮވެވުނީ އެ މެސެޖަކަށް އަހަރެން އަބަދުވެސް އިންތިޒާރު ކުރާ މެސެޖް މިރޭ ނުލިބޭނެކަން އެނގި ހުރެއެވެ. ނަމަވެސް ހާސްކަން ވެރިވެފައިވާ ހިތަށް ކުޑަނަމަވެސް ތަސައްލީއެއް ލިބެނީ އެސޫރައެއް ދެކެން އަހަރެން އަބަދުވެސް ކެތްމަދުވެފައި ހުންނަ ތަސްވީރު ފެނުމުންނެވެ. ހުސެންގެ ފޮޓޯއަކަށް ބަލަހައްޓައިގެން އޮވެ، ތުންފަތުގައި ފޯނު ޖައްސާލި އިރު އަހަރެންގެ ލޮލުގެ ހިމަކޮޅުން ރޮނގަކަށް ކަރުނަ ފައިބައިގެންފިއެވެ.

" ސޮރީ ދޫނި. ވަރަށް ބޮޑަށް ސޮރީ." މަޑުމަޑުން އަހަންނަށް ބުނެވުނެވެ.

ފުލުހުން ހުސެން ގެންދިޔަ ވަގުތުކޮޅު އަނެއްކާ ވެސް އަހަރެންގެ ލޮލުގެ ތެރޭގައި ކުރެހެން ފެށިއެވެ. ހުސެން އަހަންނާ ދިމާލަށް ބަލަމުން ދިޔަ ގޮތް ލޮލަށް ސިފަވީ ވަގުތު ސިހިފައި ދެ ލޯ ހުޅުވާލެވުނެވެ. އެ ދެ ލޮލުން އަހަންނަށް ފެނުނީ ހަމައެކަނި ރުޅިވެރިކަމެއް ނޫނެވެ. އެ ހިތުގެ ތަދުވެސް ހުސެންގެ ލޮލުން އަހަންނަށް ސިފަވިއެވެ.

އޮށޯވެ އޮންނަން އުނދަގޫވެގެން އަހަރެން ތެދުވީމެވެ. އަދި ކުޑަދޮރު ކައިރީ ހުއްޓި، ދޮރުފޮތިގަނޑު ކަހާލުމަށްފަހު ބޭރަށް ނަޒަރު ހިންގާލީމެވެ. ދަންވަރުގެ އެ ވަގުތު އަހަންނަށް ފެންނަމުންދަނީ ހިމޭންވެފައި އޮތް މަގެވެ. އެ ވަގުތު އަހަރެންގެ ހަނދާނަށް އައީ އަހަންނާ ހުސެން އެންމެ ފުރަތަމަ ބައްދަލްވީ ރެއެވެ. އެއީ ވެސް މި ކަހަލަ ހިމޭން ދަން ވަގުތެކެވެ. އަހަރެންގެ ކުރިމަތީ ހުރި އިރު ވެސް ހުސެން ހުރީ އަހަންނާ ދިމާލަށް ބަލައިލަން ނުކެރިފައެވެ. އަހަރެންގެ ހިތް ހުސެންއަށް ލެނބިގެން ދިޔައީ ވެސް އެ މަޑުމައިތިރިކަމާއި ބަސްމަދުކަން އަހަންނަށް ކަމުދިޔައީމައެވެ. އެރޭގެ ހަނދާންތައް ހިތުގައި ކުރެހެން ފެށުމާއެކު އަހަންނަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. އުމުރު ދުވަހު ވެސް ހުސެންގެ ހަނދާންތައް އަހަންނަށް އުނދަގޫ ކުރުވާނެކަން ޔަގީނެވެ. އެ ހިޔާލުތަކުން އަހަންނަށް މިންޖު ނުވެވޭނެކަން ވެސް އެނގެއެވެ. ހުސެން އެ ދިޔައީ އަހަރެންގެ ހިތުގެ ވިންދު ހިފައިގެންނެވެ.

" ހުސެންއާ ނުލާ އަހަންނަކީ ހަމަ އެއްވެސް މީހެއް ނޫން." ކުޑަދޮރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލަމުން އަހަންނަށް ބުނެވުނެވެ.

ބައެއް ފަހަރު އަހަންނަށް ހީވެއެވެ. އަހަރެންގެ ލޮލުގައިވަނީ އޭނާގެ ލޮލުގެ ނޫރެވެ. ހިތުގައިވަނީ އެ ހިތުގެ ތެޅުމެވެ. މުޅި ޖިސްމު ވަނީ ހިތްދަތިކަމެއްގައެވެ. ދިރިއުޅުން އެ ފުށް މި ފުށަށް ޖެހުނު އިރު، އަހަރެން އެންމެ ދެރަވަނީ އަހަރެން އެންމެ ލޯބިވާ މީހާ އަހަންނަށް މިއަދު ނަފްރަތު ކުރާނެތީއެވެ. އަދި އޭނާގެ ދިރިއުޅުމަށް އަންނާނެ ބޮޑު އިންގިލާބަށްޓަކައެވެ. ހުސެންގެ ހިޔާލުތަކުން ހިތަށް ލިބުނު ކުޑަކުޑަ ހިތްހަމަޖެހުން ހަމަ އެ ވަގުތު ގެއްލިއްޖެއެވެ.

ޖެހިގެން އައި ދުވަހެވެ. ކޮޓަރިން ނިކުތް އިރު ނޫރާ ހުރީ ބަދިގޭގައެވެ. އަހަރެން ފެނުމާއެކު އޭނާ އަހަންނަށް ގޮވާލި ގޮތުން އަހަރެންގެ ހިތް ބާރަށް ތެޅިގަތެވެ. އޭނާ ގޮވާލި ގޮތުން ކޮންމެވެސް ކަހަލަ ހަބަރެއް ދޭން އުޅޭހެން ވެސް ހީވިއެވެ.

" ފޭސްބުކް ބަލައިލިންތަ؟ ހަބަރުތައް ދުށިންތަ؟" ނޫރާ އެހިއެވެ.

އޭރު އޭނާ ހުރީ ރޮށި ފިހާށެވެ. ނޫރާ އެހެން ބުނުމުން އަތުގައި އޮތް ފޯނަށް ބަލައިލީމެވެ.

" ބަލާބަލަ! ނޫސްތަކުގެ ސުރުހީތައް." ނޫރާ އަނެއްކާ ވެސް ބުންޏެވެ.

ހިތްބިރުގެންފައި ހުރެ އަހަރެން ފޯނު ޕާސްވޯޑު ޖެހީމެވެ. ހުރި ފިޔަވަޅުމަތީގައި ހުރެ ފޯނު ބަލަން ފެށީމެވެ.

" އަޅެ! ދެން..." ގައިން ބާރު ދޫކޮށްލަމުން އަހަންނަށް ބުނެވުނެވެ.

" އެންމެ ފަހުން އަމިއްލައަށް އިސްތިއުފާ ދިނީއެއްނު. އެ ފަކީރަށް ހާދަ ބޮޑު ގެއްލުމެކޭ އެ ލިބުނީ." ނޫރާ ބުންޏެވެ.

މަޑުމަޑުން ހިނގާފައި ގޮސް ބަދިގޭގައި ހުރި އައިސް އަލަމާރީގައި އަހަރެން ލެނގިލީމެވެ.

" އަހަންނަށް ހުސެން ވަރަށް ރަނގަޅަށް އެނގޭ. ވަޒީފާ ގެއްލިގެންނެއް އޭނަ ދެރައެއް ނުވާނެ. އޭނަ ދެރަވާނީ މީހުން ކިޔާފައި އެ ހުރި އެއްޗެހި ފެނުނީމަ. ހުސެންއާމެދު މީހުން ދެކޭ ގޮތް ބަދަލުވީމަ. ނޫރާ! ކީއްވެތަ އެހާ ރަނގަޅު މީހުންނާމެދު ގޯސްކޮށް ކަންކަން މެދުވެރިވަނީ؟" އަހަންނަށް ބުނެވުނެވެ.

އެއާއެކު އުނދުން ނިއްވާލަމުން ނޫރާ އަހަންނަށް ބަލައިލިއެވެ.

" ކޮންމެވެސް ހިކުމަތެއް އޮންނާނެ ކަމަށް ބަލާ! " ނޫރާ ބުންޏެވެ.

އޭނާ ކިތަންމެ ހަމަޖެހިފައި ހުއްޓަސް، އަހަރެންގެ ހިތް ރޯވަރުން މޭ ވެސް ވަރަށް ބާރަށް ތެޅެމުން ދެއެވެ.

" ހުސެންގެ ފެމިލީ ކިހިނެއްބާއޭ ހިތަށް އަރަނީ؟ ވައިފް ވެސް މީޓް ކުރަން ދާނެއެއްނު. ހުސެން ކިހާ ދެރަވާނެ. ކިހާ ލަދު ގަންނާނެ. އަހަރެންދެކެ ކިހާ ރުޅި ވެސް އަންނާނެ." އިސްޖަހާލަމުން އަހަރެން ބުނީމެވެ.

" ކިތަންމެ ވަރެއް ވިޔަސް، އަނެއްކާ ޖަޒްބާތުގައި ޖެހިގެން އެ ތަނަށް ނުދައްޗޭ. އަހަރެން ބޭނުމެއް ނޫން ތި ކަމުގެ ތެރެއަށް ތައިބާ ވަންނާކަށް. ކުޑަކުޑަ ކުއްޖަކު ހުރީމަ މި ކިޔަނީ. " ނޫރާ ބުންޏެވެ.

ބައެއް ފަހަރު ނޫރާގެ ވާހަކަތައް ހުންނަ ގޮތުން އަހަރެން ހިތްހަމަ ވެސް ނުޖެހެއެވެ. ނަމަވެސް ނޫރާގެ އެއްވެސް ބަހަކަށް ދެކޮޅު ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތްވަރުކޮއްފައި ކެތްކުރާނަމޭ އަބަދުވެސް ހިތަށް އަރައެވެ.

( ނުނިމޭ )

އެޑިޓަރުގެ ނޯޓު: މިއީ ދުވަހު ގެނައުމަށް ހަމަޖެހުނު ބަޔެވެ. މިވާހަކަ ގެނެސްދިނުމުގައި ދިމާވާ ކަންކަމާއި ގުޅިގެން ކިޔުންތެރިންނަށް ލިބޭ ނުތަވަސްކަމަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. ވާހަކައިގެ ބައެއް ނުގެނެސްދެވުމަކީ ތިޔަ ކިޔުންތެރިން އިތުރަށް އިންތިޒާރުކުރަން ޖެހޭ ކަމެއްކަން އެނގޭހާލު، އެކަމަށް މައާފަށް އެދުމާއެކު، ސަބަބެއް މެދުވެރިވެގެން މެނުވީ އެދުވަހެއްގައި ބައި ނުގެނެސްދެވި ނުދާނެކަން ގަބޫލުކޮށްދެއްވުމަށް އިހްތިރާމާއެކުއެދެމެވެ. މިވާހަކައަށާއި، ލިޔުންތެރިޔާ ސަލާގެ ހުރިހާ ވާހަކައަކަށް ވެސް ތިޔަ ކިޔުންތެރިން ދެއްވާ ތަރުހީބަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

(ނިމުނީ)