އިސްރާއީލް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ދިވެހިރާއްޖެއިން މަރުޙަބާކިޔާނެމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީން) މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާކުރައްވާފައިވާ މައިގަނޑު ތިން ދާއިރާ ކަމުގައިވާ ހަމަޖެހުން، ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަން ތަފްޞީލުކޮށް ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، މި ސިޔާސަތުތައް ބައްޓަންކުރުމުގައި އިސްލާމް ދީނަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި، އިސްލާމް ދީނަކީ ސަރުކާރުގެ މަސައްކަތްތަކުގެ އެންމެ މުހިންމު ބިންގާ ކަމަށެވެ.
މީގެ އިތުރުން، ރައީސް ވަނީ ޤައުމުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށްވެސް ބައްލަވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ "މޯލްޑިވްސް ފަރސްޓް" ސިޔާސަތު ކަމަށާއި، ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރައްވައި، ހަމަޖެހުން ޤާއިމުކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށެވެ. މިގޮތުން، ދިވެހިރާއްޖެއިން އިޒްރޭލް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް މަރުޙަބާކިޔާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިޒްރޭލާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ތަކުރާރުކުރެއްވީ، ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދޭހާ ހިނދަކު، އިސްރޭލުގެ ޕާސްޕޯޓަށް ދިވެހިރާއްޖެއިން މަރުޙަބާ ނުކިޔާނޭކަމަށެވެ.
ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާ އަށް 13،000 އަށް ވުރެ ގިނަ މީހުން ދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!