އެހެން ސަރުކާރުތަކުން އިހުމާލުވެފައިވާ ރަށްރަށާއި، މާލެވެސް، އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އިން އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، މާލޭ އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޚާއްޞަ ބައްދަލުވުން ކަމަށްވާ "ދިވެހީންގެރާއްޖެ" ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހަމަހަމަ ތަރައްޤީ ކަށަވަރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަކަށް އިޝާރާތްކުރައްވައި، ހުރިހާ ދާއިރާއަކުންވެސް ތަރައްޤީ ލާމަރުކަޒުކޮށް، ރައްޔިތުން ފުދުންތެރިކޮށް ބާރުވެރިކުރުމުގައި މިހާތަނަށް ހޯއްދެވިފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ފާހަގަކުރައްވައި، އެ ރޮނގުން ކުރިއަށްހުރި ގިނަ މަޝްރޫޢުތަކެއްގެ ތަފްޞީލު އެމަނިކުފާނު ވަނީ މި ބައްދަލުވުމުގައި ހާމަކުރައްވާފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ސަރަޙައްދު ކަމުގައިވާ އައްޑޫގެ ތަރައްޤީއަށް ކުރެވެން ހުރި އިތުރުކަންކަން ދިރާސާކުރައްވަމުން ގެންދަވާ ކަމަށެވެ.
ޤައުމުގެ އިޤްތިޞާދު ހަރުދާނާކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މައި ތިން ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޢިމާރާތްކުރުމުގެ ސިނާޢަތުގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވައި، ޙައްލުކުރެއްވުމަށްޓަކައި ދާދި އަވަހަށް ޕްރެޒިޑެންޝަލް އެޑްވައިޒަރީ ކޮމިޓީތައް އުފައްދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިޤްތިޞާދު ކޮޅަށްޖައްސަވަނީ ރޭވުންތެރިކަމާއެކު، ރައްޔިތުންނަށް ފައިދާ އާއި، މުއްސަނދިކަމާއި، ވަޒީފާގެ ފުރުޞަތުތައް ލިބޭ ގޮތަށް، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ ތަރައްޤީކުރައްވައިގެން ކަމަށެވެ.
ރައީސް މުޢިއްޒު އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ތަރައްޤީގެ މަސައްކަތްތަކަށް ހުރަހެއް ނާޅާނޭ، އަދި މަޝްރޫޢުތަކަށް ހުއްޓުމެއް ނާންނާނޭ ކައުންސިލަރުން އިޚުތިޔާރުކުރެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ މަސައްކަތަކަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޕީ.އެން.ސީ ގެ އިސް ވެރީންނާއި ރެކޯޑު ޢަދަދެއްގެ ޢާންމުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!