އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ސިޓީގެ ޓީމުން ހޯދާފައިވާއިރު، އެ ސިޓީގެ ރައްޔިތުންގެ ފަރާތުން އަބަދުވެސް ޓީމަށް ދޭ ހިތްވަރާ ސަޕޯޓަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ޝުކުރު އަދާކުރަށްވައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ކުޅުނުއިރު، ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދީ ހަނިމާދޫ ޓީމާ ދެކޮޅަށް 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި ކާމިޔާބީއާ ގުޅިގެން މޭޔަރު އާތިފް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކުރައްވައި، ޗެމްޕިއަންކަން ހޯދި ކުޅުދުއްފުށީ ފުޓުބޯޅަ ޓީމަށާއި ރަށުގެ ރައްޔިތުންނަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ.
މޭޔަރުގެ ޕޯސްޓުގައި ޓީމުގެ ކާމިޔާބީގެ އަސްލަކީ ކުޅުންތެރިންނާއި، ކޯޗާއި، އޮފިޝަލުންގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވާފައިވެއެވެ. ވަކިން ހާއްސަކޮށް، ޓީމްގެ މޭނޭޖްމަންޓްގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން އަމިއްލަ ދިރިއުޅުމުން ވަގުތު ހުސްކޮށް، ކުޅުދުއްފުށި ތަމްސީލުކުރާނެ ރަނގަޅު ޓީމެއް ތައްޔާރުކުރުމަށް ކޮށްދެއްވި އަގުނުކުރެވޭފަދަ ބޮޑު ބުރަ މަސައްކަތަށް މޭޔަރު ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން މޭޔަރު ވަނީ، އަހަރުގެ މެދުތެރެއިން ކުއްލި ގޮތަކަށް އިއުލާންކުރި މި މުބާރާތުގައި ޓީމަށް ބޭނުންވާ އެންމެހާ ޚަރަދުތައް ހަމަޖެއްސުމަށް ބަޖެޓް އެލޮކޭޓްކުރުމަށް ނިންމެވީތީ ސިޓީގެ ހުރިހާ ކައުންސިލަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޓީމުގެ ކަންކަމުގައި ސިޓީ ކައުންސިލްގެ ފަރާތުން މަސައްކަތްކުރި އެންމެހާ އިދާރީ މުވައްޒަފުންގެ ހިދުމަތްވެސް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.
މޭޔަރު އާތިފް ވިދާޅުވީ، ޓީމަށް އަބަދުވެސް ހިތްވަރާއި ސަޕޯޓް ދެމުންގެންދާ ކުޅުދުއްފުށީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި މޭޔަރު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މިފަދަ ހިތްވަރަކީ ޓީމުގެ ކާމިޔާބީއަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ.
އުތުރުގެ ޒޯން އެކެއްގައި ހިމެނޭނީ ހއ. އާއި ހދ. އަދި ށ އަތޮޅުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. އެހެންކަމުން ދެން ކުޅުދުއްފުއްޓަށް އޮންނާނީ އުތުރުގެ ސަރަހައްދީ ޒޯންތަކުގެ ތެރެއިން ޒޯން އެކެއްގެ މުބާރާތުގައި ވާދަކުރުމެވެ. މި މުބާރާތުގައި ރަނަރަޕްގެ ހައިސިއްޔަތުން ހަނިމާދޫ ވެސް ކުޅޭނެއެވެ.
އުތުރު ޒޯން އެކެއްގެ ޓީމުތަކުގެ މެދުގައި ކުޅޭ ބުރަށް ފަހު އެ ބުރުން ގަދަ ދެ ޓީމު ކޮލިފައިވާނީ އުތުރުގެ ސަރަހައްދީ ލީގަށެވެ.
އުތުރު ޒޯނުން ހއ.އަތޮޅުން ބައިވެރިވީ ދިއްދޫ އާއި އިހަވަންދޫ އެކަންޏެވެ. އެހެންވެ އެ ދެޓީމުގެ ދެމެދުގައި ދެ މެޗު ކުޅޭނެއެވެ. މިތަނުން ފުރަތަމަ މެޗު އޮކްޓޯބަރު 9 ގައި ކުލެފައިވާއިރު، މި މެޗު 1-3 ގެ ތަފާތަކުން ދިއްދޫ ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗު ކުޅުނީ އިހަވަންދޫގައެވެ. މި ދެ ޓީމު ދިއްދޫގައި ކުޅޭ މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ށ.އަތޮޅުން ޓީމެއް ބައިވެރިވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!