ހއ. އުތީމުން އުފެދުނު ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ، މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ޤައުމީ ޓީމުގެ ސްކޮޑުން ބާކީ ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމު ނިންމު އަނބުރާ ގެންގޮސް އައިހަމް އަށް ޤައުމީ ޓީމުން ޖާގަ ދިނުމަށް އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ގޮވައިލައްވައިފިއެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އަށްކުޅޭ އައިހަމް ވަނީ ހއ.އަތޮޅު ކައުންސިލުން އެ އަތޮޅު ރަށްތަކަށް ބާއްވާ ''ތިލައުތުރު ފުޓްސަލް މުބާރާތް 2025'' ގައި އޭނާ ރަށަށް ކާމިޔާބު ހޯދައިދިނުމުގައި ބައިވެރިވުމަށް އެ މުބާރާތުގައި ކުޅޭ އުތީމު ޓީމުގައި ބައިވެރިވެފައެވެ. އައިހަމް އުތީމު ޓީމާއި ގުޅުނީ މި މަހުގެ 9 ވަނަ ދުވަހު ކުޅުނު ކުއާޓަރ ފައިނަލް މެޗާއި ހަމައިންނެވެ. އެ މެޗުގައި ފިއްލަދޫ އަތުން މޮޅުވި ލަނޑު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީ، ޓީމު ސެމީ ފައިނަލަށް ގެންގޮސްދިނީ އައިހަމްގެ ގޯލުންނެވެ.
އެއިގެ ފަހުން އުތީމާއި ދިއްދޫ ކުޅުނު ސެމީފައިނަލްގައި ވެސް އައިހަމް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. މި މެޗުގައި ދިއްދޫ ލީޑް ނަގާފައި ވަނިކޮށް އުތީމަށް ފުރަތަމަ ފަހަރު ހަމަހަމަކޮށްދިން ލަނޑުވެސް ޖަހައިދިނީ އައިހަމް އެވެ. އަދި މެޗުގެ ނަތީޖާ އެއްވަރުވުމުން ޕެނަލްޓީގައި ވެސް އައިހަމްގެ ޕެނަލްޓީ ވަނީ އިތުބާރާއެކު ވައްދާލާފައެވެ.
އައިހަމް ގައުމީ ޓީމުން ބާކީ ކުރުމުން އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިހަމް އިހުތިޔާރުކުރީ އުފަން ރަށު ޓީމު ކަމަށެވެ، އަދި ޤައުމީ ލޯތްބާއި ޖޯޝް ގެނުވި ފަސްގަނޑު ކަމަށެވެ.
'' އައިހަމް ކުޅުނީ އޭނާގެ އުފަން ރަށުޓީމަށް އެއްވެސް ފައިސާއަކަށް ނޫން. އަތޮޅުގެ އެންމެ ސަރަފުވެރި އެއްމުބާރާތް. ރަށައް ރީތީ ނަން ހޯދާދިނުމުގެ މާތް މަގުސަދުގައި، އައިހަމް އަކީ ހއ. އަތޮޅު ފަޚްރުވެރިވާ ދަރިއެއް. އަދި އަރަމުންއަންނަ މޮޅު ކުޅުންތެރިއެއް. އުތީމު ދަރިންނަކީ މިޤައުމަށް ވަފާތެރި ދަރިން. މިނިންމުން އަބުރާ ގެންދަން ގޮވާލަން'' ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ.
އައިހަމް ގައުމީ ސްކޮޑުން ބާކީކޮށް، 10 އޮކްޓޯބަރު 2025 ގައި އެފެއޭއެމުން ނެރުނު ބަޔާނުގައި ބުނީ ހުއްދަ ހޯދުމެއްނެތި ފުޓްސަލް މުބާރާތެއްގައި އައިހަމް ކުޅެފައިވާކަމަށެވެ. އަދި އެ ދުވަހު އޮތް ގައުމީ ޓީމުގެ ޕްރެކްޓިސް ސެޝަނުގައި ވެސް ބައިވެރިވެފައިނުވާކަމަށެބެ. އެހެންވެ އޭނާ ގައުމީ ސްކޮޑުން ބާކީކުރަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ގައުމީ ޓީމުގައި ހިމެނި ގައުމު ތަމްސީލްކުރާ ކުޅުންތެރިންގެ ފަރާތުން ޒިންމާދާރުކަމާ އެކު ޕްރޮފެޝަނަލް ކަމުގެ އެންމެ ރަނގަޅު މިންގަނޑުގެ ތެރެއިން ކަންކަން ކުރުމަށް އެދޭކަމަށް ވެސް އެފްއޭއެމްގެ ބަޔާނުގައި ބުނެފަވެއެވެ.
ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުން ފެށިގެން ގަވާއިދުން ޖާގަ ހޯދަމުން އަންނަ އައިހަމް އަކީ، މިދިޔަ މަހު ގަލޮޅު ދަނޑުގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި، ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެ، މޮޅު ކުޅުމެއްދެއްކި ކުޅުންތެރިއެކެވެ.
އައިހަމް އަށް އެޅި ފިޔަވަޅާއި ގުޅިގެން އުތީމާއި ހއ.އަތޮޅަށް ނިސްބަތްވާ ބައެއް މީހުން އަންނަނީ އެފްއޭއެމްގެ ނިންމުން އަނބުރާ ގެންދަން ގޮވާލަމުންނެވެ.
އައިހަމް މިހާރު ކުޅެމުން އަންނަ ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލް މިރޭ 20:30 ގައި އުތީމުގައި ފަށާނެއެވެ. މި މެޗުގައި އުތީމާއި ވާދަކުރަނީ މުރައިދޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!