މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 34 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ.

މި ބޭފުޅުންނަށް އިނާމު ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އިނާމު ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad
rt

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ޢިލްމާއި ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމު ދިނުމުގެ މަޤްޞަދަކީ ޤައުމަށް ފައިދާހުރި ގޮތްގޮތަށް ހިތްވަރުލައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ހިތްވަރެއް ދިނުމެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މި އަހަރު ދިނުމަށް ނިންމީ، 2022 ވަނަ އަހަރު ނުވަތަ އޭގެފަހުން ލިބިފައިވާ ކާމިޔާބީތަކަށެވެ.

މަތީ ދަރަޖަ އިނާމު ލިބިލެއްވި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ބޭފުޅުން

  • އަރުޝަދު އަހްމަދު، ފަހިވާ / ހއ. އުލިގަމު،
  • އައިޝަތު މައުރޫފާ، އަންދަލީބުގެ / ހއ. އިހަވަންދޫ،
  • ޢަލީ އަކްރަމް، އޮޅުހަލި / ހއ. ކެލާ،
  • ފާތިމަތު މުފާޒާ، ކޯއްޓޭގެ / ހއ. ކެލާ،
  • ހުސައިން ނުވާސް، މެދަ / ހދ. ވައިކަރަދޫ،
  • ރަޚާ މުހައްމަދު ރަޝީދު، އަމީނާމަންޒިލް / ހއ. ދިއްދޫ،
  • ސަމްޙާ މުޙައްމަދު ފައިސަލް، ބުލްބުލާގެ / ހއ. ދިއްދޫ،

މި އަހަރުގެ ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި 34 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ 8 ބޭފުޅުން ހިމެނެއެވެ. އަދި، ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 23 ބޭފުޅުންނަށް ވެސް ވަނީ މި އިނާމު ލިބިފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން އިނާމު ހާސިލު ކުރެއްވި 2 ބޭފުޅުން ވެސް މި 34 ބޭފުޅުންގެ ތެރޭގައި ހިމެނެއެވެ.

މި އިނާމަކީ ޤައުމީ ފެންވަރުގައި ދިވެހި ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.