މަންމަޔަކު ކުޑަ ފިރިހެން ދަރިފުޅަށް ޖިސްމާނީ އަނިޔާދީ، މަސްތުވެގެން ހުރެ ޖިންސީ އަނިޔާދިން ކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ސީރިއަސް މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ މާލެ ސަރަހައްދުގައެވެ.

Ad
rt

ފުލުހުން މިއަދު ބުނީ، ކުޑަ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން، މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އެ އިދާރާ އަށް ހުށަހަޅާފައިވާކަމަށެވެ.

ޖެންޑާ މިނިސްޓްރީން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 28 އޮކްޓޯބަރު 2025 ގައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ 50 އަހަރުގެ މަންމަ، އިއްޔެ (10 ނޮވެމްބަރު 2025 ދުވަހު) ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު (11 ނޮވެމްބަރު 2025 ދުވަހު) ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.