މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ.

Ad
rt

ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަސައްކަތް، ބޮސްކާލިސްގެ 22,000 ސީ.ބީ.އެމްގެ ޑްރެޖަރެއްގެ އެހީގައި ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސްގެ އޮފީހުން މަޢުލޫމާތުދެއެވެ.

ރައީސް މުޢިއްޒު ވަނީ މަސައްކަތް ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން، މަސައްކަތުގެ އެންމެ ފަހުގެ ތަރައްޤީއަށް ބައްލަވާލައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް 24 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. މިއީ މުޅި މަޝްރޫޢުގެ ބޮޑު ބައެކެވެ. މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި މި މަޝްރޫޢު ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ މާލޭ ސަރަޙައްދުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ އެއްބަޔެވެ.