ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި އާންމު ޞިއްޙަތު ކުރިއެރުވުމަށް ބާރުވެރިކުރެވިފައިވާ މުޖުތަމައުއެއް ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެއްދުމުގެ މަޤްސަދުގައި ހިންގޭ ޤައުމީ ކެމްޕެއިން "ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން" މިއަދު އިފްތިތާޙްކޮށްފިއެވެ.

މިކަމަށް ކ. ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ ރައިސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދަ މުޙައްމަދެވެ.

Ad
rt

ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ދިރިއުޅުމުގެ އާދަތަކާއި ކެއުންބުއިން ބައްޓަންވެފައިވާ ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމެވެ.

"ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ކެމްޕެއިންގެ ތެރެއިން އާންމު ޞިއްޙަތު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކެމްޕެއިންގައި ކުޑަކުދިންނާ، ޒުވާނުންނާ، އަންހެނުންނާ އަދި ދޮށި އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، މިއީ ދެމެހެއްޓެނިވި ގޮތެއްގައި އާއްމު ޞިއްޙަތާ ގުޅޭ ހަރަކާތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށްޓަކައި އެކުލަވާލެވިފައިވާ ބޮޑު މަޝްރޫޢެއްކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކެމްޕެއިން ކާމިޔާބުކަމާއެކު ހިންގުމަށްޓަކައި ރަށު ފެންވަރުގައި އާއްމު ޞިއްޙަތާ ގުޅޭ ޙަރަކާތްތައް ރޭވުމާއި ތަންފިޒުކުރުމަށް މުހިއްމު ދައުރެއް އަދާކުރާ އެކި އިދާރާތައް ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން ޞިއްޙީ ވުޒާރާ، ރަށުގެ ޞިއްޙީ މަރުކަޒުތައް/ހޮސްޕިޓަލް، ތަޢުލީމީ ދާއިރާ (ސްކޫލް/ކޮލެޖު/ޔުނިވަރސިޓީ)، ރަށު ކައުންސިލް، އަންހެނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ، އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތައް، ސަރުކާރާއި އަމިއްލަ މުއައްސަސާތައް އަދި ޔޫތު ފޯކަލް ޕޮއިންޓްސް ވެސް މި މަސައްކަތުގައި ބައިވެރިވާނެއެވެ.

މި ކެމްޕެއިންގެ ހަރަކާތްތައް ގަވައިދުން މޮނިޓަރކޮށް ވަޒަންކުރުމުގެ ނިޒާމެއް ޤާއިމުކުރަން ނިންމާފައިވާއިރު، އަދި އާއްމު ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް އަގުވަޒަންކުރުމަށާއި، މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ތިން އެވޯޑެއް ތަޢާރަފްކޮށްފައިވެއެވެ. އެއީ: ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ރަށު އެވޯޑް، ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ސްކޫލު އެވޯޑް، އަދި ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ޖަމިއްޔާ އެވޯޑްއެވެ. މި އެވޯޑްތައް ކަނޑައެޅޭ މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރަކު ވެސް ދެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.