ހދ. ވައިކަރަދޫ އަދި ށ. ބިލެތްފަހީގައި މިސްކިތެއް އިމާރާތްކުރުމަށް އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ޤުރުއާން ސެންޓަރެއް އެޅުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. އަދި ށ. ބިލެތްފަހި، ބ. ކަމަދޫ ބ. ފެހެންދޫ އަދި ބ. ފުޅަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ.
ބިލްތެފަހީގައި އިމާރާތްކުރާ މިސްކިތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޒް ޢަބްދުﷲ ސަޢުދާންއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަވާދުއެވެ.
މީގެ އިތުރުން ވައިކަރަދޫގައި އިމާރާތްކުރާ މިސްކިތާއި ޤުރުއާން ސެންޓަރު އަޅާން ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ހަސަންއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޔޫނުސް އިބްރާހިމްއެވެ.
ވައިކަރަދޫގައި އިމާރާތްކުރުމަށް ހަވާލުކުރި މަޝްރޫޢުގެ ދަށުން މިސްކިތަކާއި ޒަމާނީ ކުލާސްރޫމާއި ލައިބްރަރީ އަދި ކޮންފަރެންސް ހޯލެއްގެ އިތުރުން އިދާރީ އޮފީސް ބަޔާއި ހިނަވާގެ ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ބިލެތްފަހީގައި އިމާރާތްކުރާ މިސްކިތުގައި އަންހެނުންނާއި ފިރިހެނުން ވަކިން ނަމާދު ކުރާ ބަޔާއި ވުޟޫ ކުރާ ބައިގެ އިތުރުން ލައިބްރަރީއާއި ކުލާސްރޫމު ހިމެނޭނެއެވެ. އަދި މިސްކިތްތަކުގައި ސޯލާ ނިޒާމު ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. އަދި ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!