ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާފައިވާ ގޮތާ ހިލާފަށް ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ފަސް މީހުންނެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައެވެ.

Ad
rt

ފުލުހުން މިއަދު ބުނީ، މި މީހުން ހައްޔަރުކުރީ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

މި އޮޕަރޭޝަންގައި ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު، ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވެއެވެ. މިއީ އެމްއެފްޑީއޭގެ އުސޫލުތަކާ ހިލާފަށް ވިއްކާ ތެޔޮކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލައި، ދެންތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. 10 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި މީހުންނަކީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) އެވެ.

ރިސޯޓުތަކުން ބޭނުންކޮށް އުކައިލާ ތެޔޮ، ސިއްހީ މިންގަނޑުތަކާ ހިލާފަށް ބޭނުންކުރަމުންދާ މައްސަލަތައް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ފެންމަތިވެފައެވެ. ރިސޯޓުތަކުން އުކާލާ ތެޔޮ ދޯންޏެއްގައި މާލެ ގެނެސް ފުރާނައި ހަންތަކަށް އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް މީގެ ކުރިން ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ވެސް ފެންނަނީ ބިދޭސީން ތަކެކެވެ.