ކުޅުދުއްފުށި ސިޓީ އާއި ނ. ހޮޅުދޫ އަދި ހއ. އުތީމުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މިގޮތުން ކުޅުދުއްފުށި އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ނ. ހޮޅުދޫއާއި ހއ. އުތީމު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

Ad
rt

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިސްލާމީ ކަންތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. އަދި ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން މި ތިން ރަށުގައި ބިނާކުރާ މި އިސްލާމީ މަރުކަޒުތަކުގައި ނަމާދު ކުރާ ބައިގެ އިތުރުން ޒަމާނީ ކްލާސްރޫމާއި އިސްލާމީ ލައިބްރަރީއާއި، ކޮންފަރެންސް ހޯލާއި އޮފީސް ބައި ހިމެނޭނެއެވެ.

ސަރުކާރުން 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުތަކަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެކެވެ.