ފުޓްސަލް އަދި ފުޓްބޯޅަ މައިދާނުގައި ފާއިތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ށ. ކަނޑިތީމުން ހޯދާފައިވާ ކާމިޔާބީތަކަކީ އެހެން ރަށްތަކަށް ނަމޫނާއެކެވެ. 2015 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް، އެ ރަށުގެ ފުޓްސަލް ޓީމުތަކުން ވަނީ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށް، އެތައް ތަށިތަކެއް އެރަށަށް ގެނެސްފައެވެ.

މި ކާމިޔާބީތަކަކީ އެ ރަށުގެ ކުޅުންތެރިންގެ ހިތްވަރާއި، ކޯޗުންގެ ހުނަރާއި، ސަޕޯޓަރުންގެ އެއްބާރުލުމުގެ ނަތީޖާކަން ޔަގީނެވެ.

Ad
rt
ކަނޑިތީމު ފުޓްސަލް ކާމިޔާބީގެ ފެށުމުގައި ޝާމިލްވާ ކުރީގެ ޓީމެއް، ފޮަޓޯ: ކައުންސިލް

ކަނޑިތީމުގެ ފުޓްސަލްގެ ރަން ޒަމާނުގެ ފެށުމަކަށް ވެގެންދިޔައީ 2015 ވަނަ އަހަރު ބޭއްވުނު "ނޭޝަނަލް ހާޑްވެއަރ ފުޓްސަލް ކަޕް"ގެ އެޓޯލް ޗެމްޕިއަންކަން ހޯދުމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު ތަށި ކަނޑި ތީމަށް ހޯދައިދިން އެއް ޓީމު ކާމިޔާބަށްފަހު ތައްޓާއެކު، ފޮޓޯ: ކަނޑިތީމު ކައުންސިލް

މި ކާމިޔާބީއާއެކު އެރަށުގެ ފުޓްސަލްއަށް އާ ރޫހެއް ލިބި، މި ފަހުން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކަނޑިތީމުން ވަނީ ހޯދާފައެވެ.

2016 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެޓޯލް ޗެމްޕިއަންކަން ހޯދި ކަނޑިތީމު ޓީމު، ފޮޓޯ: ކަނޑިތީމު ކައުންސިލް

އެގޮތުން 2016 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެޓޯލް ޗެމްޕިއަންކަން ހޯދުމަށްފަހު، 2018، 2022 އަދި 2024 ވަނަ އަހަރުވެސް އެ މުބާރާތުގެ އެޓޯލް ޗެމްޕިއަންކަން ކަނޑިތީމުން ވަނީ ބަދަހި ކުޅުމަކާއެކު ހޯދާފައެވެ. މި ކާމިޔާބީތަކުން ދައްކުވައިދެނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކަނޑިތީމުގެ ގަދަފަދަ ކުޅުމެވެ.

2024 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެޓޯލް ޗެމްޕިއަންކަން ހޯދި ކަނޑިތީމު ޓީމު، ފޮޓޯ: ކައުންސިލް

މިއާއެކު، އުތުރުގެ ރަށްތަކަށް ޚާއްސަ މިލަ އުތުރު ފުޓްސަލް މުބާރާތުގައިވެސް ވިދާލައި، ކަނޑިތީމުން ވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. 2023 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު، މި ހިނގަމުންދާ 2025 ވަނަ އަހަރުވެސް އެރަށުގެ ޓީމުން ވަނީ މުބާރާތުގެ ތަށި ނަގައި، އެރަށުގެ ފުޓްސަލްގެ ކުޅަދާނަކަން އަނެއްކާވެސް ދައްކުވައިދީފައެވެ.

މިލައުތުރު ފުޓްސަލް 2025ގެ ޗެމްޕިއަން ކަނޑިތީމު

މީގެ އިތުރުން މި އަހަރުގެ އޮގަސްޓް މަހު ކުޅުދުއްފުށީގައި ބޭއްވުނު ކުޅުދުއްފުށި ޗެމްޕިއަންޝިޕްގެ ތަށިވެސް ކަނޑިތީމުން ހޯދިއެވެ. އެހެން އަތޮޅެއްގައި ހޯސްޓުކުރެވިގެންދިޔަ މުބާރާތެއްގައި ށ އަތޮޅުގެ ރަށްތަކުގެ ތެރެއިން ކަނޑިތީމުން އެކަނި ބައިވެރިވެ، ކުޅުދުއްފުށި ޗެމްޕިއަންޝިޕްގެ ކާމިޔާބީއާއެކު، ކަނޑިތީމަކީ އެހެން އަތޮޅުތަކުގައި ބޭއްވޭ ބޮޑެތި މުބާރާތްތަކުންވެސް ކާމިޔާބީ ހޯދުމުގެ ގާބިލިއްޔަތު ހުރި ޓީމެއްކަން ވަނީ ސާބިތުކޮށްދީފައެވެ.

ކުޅުދުއްފުށީ ޗެމްޕއަންޝިޕް 2025 ގެ ޗެމްޕިއަން ކަނޑިތީމު ޓީމު، ފޮޓޯ: ކައުންސިލް

މި ކާމިޔާބީތަކުން ދައްކުވައިދެނީ، ކަނޑިތީމަކީ ދިވެހިރާއްޖޭގެ ފުޓްސަލް މައިދާނުގައި ހިފާލެވޭ ބާރެއްކަމެވެ. އެރަށުގެ ޒުވާނުންގެ ހުނަރާއި، އޭގެ ފަހަތުގައިވާ ސަޕޯޓަރުންނާއި، ކޯޗުންގެ ހިއްސާއަކީ މި ކާމިޔާބީތަކުގެ މައިގަނޑު ސިއްރެވެ. މިހެން ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ސަބަބުން ކަނޑިތީމަކީ ދިވެހިރާއްޖޭގެ ފުޓްސަލް ތާރީޚުގައި ލިޔެވިގެންދާނެ ނަމެއްކަން ޔަގީނެވެ.