ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫސިޓީ ކައުންސިލް އަލުން ކަނޑައަޅުއްވައި، އައްޑޫ މީދޫ ރަށު ކައުންސިލާއި އައްޑޫ ހުޅުދޫ ރަށު ކައުންސިލް ކަނޑައެޅުއްވުމަށް ނިންމަވައިފިއެވެ.

މިކަމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 33/2025 މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ.

Ad
rt

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައެޅިފައިވާއިރު، "އައްޑޫ ސިޓީ" ގައި މިހާރު ހިމެނޭނީ އައްޑުއަތޮޅު ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫއެވެ. މީގެ ކުރިން އައްޑޫގެ އިޚްތިޞާޞްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" ވަނީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ.

މި އިޞްލާޙުތަކުގެ ދަށުން، އައްޑޫ ސިޓީއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅި، އެ ސިޓީ ހިންގުމަށްޓަކައި އަލުން "އައްޑޫ ސިޓީ ކައުންސިލް" އުފެއްދުމަށް ވަނީ ނިންމަވައިފައެވެ. މީގެ އިތުރުން، އައްޑޫ މީދޫ ހިންގުމަށްޓަކައި އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، އައްޑޫ ހުޅުދޫ ހިންގުމަށް ޓަކައި އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި

މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. އަދި އެ އިންތިޚާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް 25 އޮކްޓޯބަރުގައި ވަނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓެއް ނަގާފައެވެ. މި ވޯޓުގައި ހުޅުދޫ އަދި މީދޫން ވޯޓުލީ މީހުންގެ މެޖޯރިޓީ ސިޓީ ކައުންސިލުން ވަކިވާށެވެ. ނަމަވެސް ފޭދޫގެ ބޮޑު މެޖޯރިޓީއަކުން ނިންމީ ސިޓީ ކައުންސިލްގައި އޮންނާށެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މިއީ އެރަށްތަކުން ހުށަހެޅިފައިވާ ހުށަހެޅުންތަކަކާއި ގުޅިގެން ނެގުނު ވޯޓެކެވެ.

މި ވޯޓުގައި ފޭދޫން ވޯޓުލީ 2436 މީހުންގެ ތެރެއިން ފެންނަކަމަށް 616 މީހުން ވޯޓުދިންއިރު ނުފެންނަކަމަށް 1784 މީހުން ވޯޓުދިނެވެ. ހުޅުދޫއިން ވޯޓުލީ 1069 މީހުންގެ ތެރެއިން ފެންނަކަމަށް 723 މީހުން، ނުފެންނަކަމަށް 329 މީހުން ވޯޓު ދިނެވެ. އަދި މީދޫ އިން ވޯޓުލީ 1008 މީހުންގެ ތެރެއިން ފެންނަކަމަށް 847، ނުފެންނަކަމަށް 144 މީހުން ވޯޓު ދިނެވެ.