ޖެނެރޭޝަނަލް ބޭން އަކީ އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ވަރުގަދަ އިންވެސްޓްމަންޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، 1 ނޮވެމްބަރު 2025 އިން ފެށިގެން ޖެނެރޭޝަނަލް ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފެށުމުންނެވެ.
ފަސްޓް ލޭޑީ ވަނީ، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމަކީ ދިވެހިރާއްޖެ އިން އެޅި ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރަށްވާފައެވެ.
''މިއަދު އަޅުގަނޑުމެން މިއެޅީ ދުންފަތުން އެއްކިބާވެފައިވާ ދިވެހިރާއްޖެއަކަށް ވާސިލުވުމަށް ތާރީޚީ ފިޔަވަޅެއް، ޞިއްޙީ ދާއިރާގެ ވަކާލާތުކުރާ ފަރާތެއްގެ ހައިސިއްޔަތުން، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމުގައިވާ ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަޢާރަފުކުރުމުގައި ސަރުކާރުން ދައްކަމުންދާ ލީޑަރޝިޕަށް އަޅުގަނޑު ތަޢުރީފުކުރަން'' ފަސްޓް ލޭޑީ ވިދާޅުވެފަވެއެވެ.
މިއީ ވަރުގަދަ ދިރާސާތަކުގެ އަލީގައި ބަލިތަކުން ރައްކާތެރިވުމަށް އެޅޭ ހަރުދަނާ، ހެކީގެ މައްޗަށް ބިނާކުރެވިފައިވާ ފިޔަވަޅެއްކަމަށް ވެސް މެޑަމް ސާޖިދާ ވިދާޅުވެފައެވެ.
''މިގޮތުން އަޅުގަނޑުމެންގެ ޒުވާނުންނަށް އިތުރަށް ދުޅަހެޔޮ، ވަރުގަދަ މުސްތަޤްބަލެއް ކަށަވަރުކުރަން، މިއީ ދިވެހިރާއްޖެ އަށް ފަޚުރުވެރިވެވޭ ވަގުތެއް'' އެކަމަނާ ވިދާޅުވެފަވެއެވެ.
ޖެނެރޭޝަނަލް ބޭން އާއިއެކު ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފަ އެވެ.
މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022އަށް ބަލާއިރު ރާއްޖޭގައި އެންމެގިނައިން މީހުން ބަލި މަޑުކަމާއި ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީވެސް ދުންފަތާއި ގުޅުން ހުރި ގައިންގަޔަށްނާރާ ބަލިތަކެވެ. ހިތުގެ ބައްޔާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބައްޔާއި ކެންސަރު ބައްޔަށް ހުށަހެޅޭ އާއްމު އެއް ހިރާސް އަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށްހެޅުމެވެ. ރާއްޖޭގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ގާތްގަނޑަކަށް %84 މީހުންނަކީ މިފަދަ ބަލިތަށް ޖެހިގެން މަރުވާ މީހުންނެވެ. އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީވެސް މިފަދަ ބަލިތަކަށް ފަރުވާ ދިނުމަށެވެ.
ގައިންގަޔަށް ނާރާބަލިތަކުގެ ހިރާސްތަކަށް ހުށްހެޅޭ ނިޞްބަތް ދެނެގަތުމަށް 2020-2021 ގައި ކުރި ސަރވޭ (ސްޓެޕްސް ސަރވޭ) ގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގެ ކޮންމެ 4 މީހަކުން 1 އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހެކެވެ. ސްކޫލް އުމުރުފުރައިގެ ކުދިންގެ ގާތްގަނޑަކަށް %45 ކުދިން ދުންފަތުގެ ނުވަތަ ނިކޮޓިން ގެ ކޮންމެވެސް ބާވަތެއް ބޭނުންކުރާކަމަށް 2019 ގައި ހެދި ސަރވޭ (ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭ) އިން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އުމުރުން 8 އަހަރުގެ ކުދިންވެސް ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ފާއިތުވި އަހަރުތަކުގެ މޯލްޑިވްސް ކަސްޓަމްސް ގެ ތަފާސް ހިސާބުތަކަށް ރިޢާޔަތްކުރާއިރު، އެވްރެޖް ގޮތެއްގައި އަހަރަކު 460 މިލިއަން ސިނގިރޭޓް އެތެރެކުރާއިރު ސިނގިރޭޓާއި ދުންފަތުގެ އެހެން ބާވަތްތަށް އެތެރެކުރުމަށް އެވްރެކްކޮށް އަހަރަކު 1.1 ބިލިއަން ހޭދަ ކުރެއެވެ. ނެޝަނަލް ހެލްތު އެކައުންޓްސް ގެ ހިސާބުތައް ދައްކާގޮތުން، ޞިއްޙީ ޚިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖް ގޮތެއްގައި ޖީ.ޑީ.ޕީ ގެ 9.7% ނުވަތަ ސަރުކާރުގެ ބަޖެޓްގެ %19 ހޭދަވެއެވެ. އެކަށީގެންވާގޮތެއްގައި ދުންފަތުން މީހުން ރައްކާތެރކިކޮށް ދުންފަތާ ދުރު ޖީލެއް ބިނާ ކުރެވިއްޖެނަމަ، ސަރުކާރުން ޞިއްޙަތަށް މިހާރު ކުރާ ބޮޑު ހޭދަ އެތަށްތަނަކުން ކުޑަވެ އަދި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވުމާއި އެކު އުފެއްދުންތެރިކަން އިތުރުވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!