ޖެނެރޭޝަން ބޭން ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާޙަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

''ޖެނެރޭޝަން ބޭން'' އަކީ ވަކި އަހަރަކުން ނުވަތަ ތާރީޚަކުން ފެށިގެން އުފަންވެފައިވާ ކޮންމެ މީހަކީ މުޅި އުމުރަށްވެސް ދުންފަތުން ރައްކާތެރި ކުރެވިފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް، އެފަދަ ފަރާތްތައް ދުންފަތުގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރި ނުވެވޭނެހެން ޤާނޫނީގޮތުން ކަނޑައެޅުމެވެ.

Ad
rt

މިގޮތުން ބަލާއިރު، ޖެނެރޭޝަނަލް ބޭން ހިމަނައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މޭ މަހު ގެނައި އިސްލާޙަށް ވަނީ 1 ނޮވެމްބަރު 2025 އިން ފެށިގެން ޢަމަލުކުރަން ފަށާފައެވެ. އެއީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ އިސްލާޙެވެ.

އެހެންކަމުން ރޭ މެންދަމު 12:00 އިން ފެށިގެން ރާއްޖޭގައި މިހާރު އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ އެންމެންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މުޅިން މަނާވާނެ އެވެ. އަދި އެ ބަދަލާއެކު ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފަ އެވެ.

މި އިސްލާހާއެކު ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ބައިވެރިކޮށްގެން ނުވާނެއެވެ.

މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022އަށް ބަލާއިރު ރާއްޖޭގައި އެންމެގިނައިން މީހުން ބަލި މަޑުކަމާއި ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީވެސް ދުންފަތާއި ގުޅުން ހުރި ގައިންގަޔަށްނާރާ ބަލިތަކެވެ. ހިތުގެ ބައްޔާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބައްޔާއި ކެންސަރު ބައްޔަށް ހުށަހެޅޭ އާއްމު އެއް ހިރާސް އަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށްހެޅުމެވެ. ރާއްޖޭގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ގާތްގަނޑަކަށް %84 މީހުންނަކީ މިފަދަ ބަލިތަށް ޖެހިގެން މަރުވާ މީހުންނެވެ. އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީވެސް މިފަދަ ބަލިތަކަށް ފަރުވާ ދިނުމަށެވެ.

ގައިންގަޔަށް ނާރާބަލިތަކުގެ ހިރާސްތަކަށް ހުށްހެޅޭ ނިޞްބަތް ދެނެގަތުމަށް 2020-2021 ގައި ކުރި ސަރވޭ (ސްޓެޕްސް ސަރވޭ) ގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގެ ކޮންމެ 4 މީހަކުން 1 އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހެކެވެ. ސްކޫލް އުމުރުފުރައިގެ ކުދިންގެ ގާތްގަނޑަކަށް %45 ކުދިން ދުންފަތުގެ ނުވަތަ ނިކޮޓިން ގެ ކޮންމެވެސް ބާވަތެއް ބޭނުންކުރާކަމަށް 2019 ގައި ހެދި ސަރވޭ (ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭ) އިން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އުމުރުން 8 އަހަރުގެ ކުދިންވެސް ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ފާއިތުވި އަހަރުތަކުގެ މޯލްޑިވްސް ކަސްޓަމްސް ގެ ތަފާސް ހިސާބުތަކަށް ރިޢާޔަތްކުރާއިރު، އެވްރެޖް ގޮތެއްގައި އަހަރަކު 460 މިލިއަން ސިނގިރޭޓް އެތެރެކުރާއިރު ސިނގިރޭޓާއި ދުންފަތުގެ އެހެން ބާވަތްތަށް އެތެރެކުރުމަށް އެވްރެކްކޮށް އަހަރަކު 1.1 ބިލިއަން ހޭދަ ކުރެއެވެ. ނެޝަނަލް ހެލްތު އެކައުންޓްސް ގެ ހިސާބުތައް ދައްކާގޮތުން، ޞިއްޙީ ޚިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖް ގޮތެއްގައި ޖީ.ޑީ.ޕީ ގެ 9.7% ނުވަތަ ސަރުކާރުގެ ބަޖެޓްގެ %19 ހޭދަވެއެވެ. އެކަށީގެންވާގޮތެއްގައި ދުންފަތުން މީހުން ރައްކާތެރކިކޮށް ދުންފަތާ ދުރު ޖީލެއް ބިނާ ކުރެވިއްޖެނަމަ، ސަރުކާރުން ޞިއްޙަތަށް މިހާރު ކުރާ ބޮޑު ހޭދަ އެތަށްތަނަކުން ކުޑަވެ އަދި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވުމާއި އެކު އުފެއްދުންތެރިކަން އިތުރުވެގެން ދާނެއެވެ.