ކުރީގެ އަދަދާއި ގުޅޭ:

" އަހަރެން އަސްލު ޔޫ ދެކެ ވަރަށް ލޯބިވޭ." ޖެހިލުންވެ ހުރެ ބުނީމެވެ.

Ad
rt

އަހަރެން ހުރީ ހުސެން ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. އޭނާ ދެން ހަދާނެ ގޮތެއް ވެސް ނޭނގެއެވެ. ފަހަރެއްގައި އެއްކޮށް ވެސް އަހަރެން ދޫކޮށް ގޮސްދާނެއެވެ. ނޫނީ ހުސެންގެ ހިތުގައި އަހަންނާމެދު އޮތް އެއްޗެއް ހާމަ ކޮއްފާނެއެވެ.

" ލައިކް އޯ ލޯބި؟" ހުސެން އެހީ މަޑުމަޑުންނެވެ.

" ލޯބިވޭ ވަރަށް.؟" އަހަރެން ވެސް ބުނީ އެހާ މަޑުންނެވެ.

" އެކަމަކު... އަހަރެމެންނަކަށް އެއްވެސް ފިއުޗަރ އެއް ނެތެއްނު." ހުސެން ބުންޏެވެ.

" މުސްތަޤްބަލެއް ނެތަސް، ލޯބި ވެވިދާނެއެއްނު. ލޯތްބަކީ ގަސްތުގައި ވާ އެއްޗެއްތަ؟" އަހަރެން އެހީމެވެ.

" ނޫން. ލޯތްބަކީ ކޮން އެއްޗެއްކަން އަހަންނަށް އެނގުނީ ޔޫގެ ފަރާތުން. އަހަރެން ކައިރީ ބުނީމެއްނު ލޯތްބަކީ ކެއާ އޭ. ލޯތްބަކީ އަޅާލުމާއި އޯގާތެރިކަމޭ. އެހެން ބުނި ފަހުން އަހަންނަށް ލޯބި ސިފަވަނީ ހަމަ އެ ގޮތަށް. ދެ މީހުންގެ ދެމެދު އަޅާލުމާއި އޯގާތެރިކަން ނެތިއްޔާ ލޯތްބެއް ނޯންނާނެ." ހުސެން ބުންޏެވެ.

" ހުސެން އަހަރެން ދެކެ ލޯބިވޭތަ؟" އަހަރެން އަނެއްކާ ވެސް އެހީމެވެ.

" ނުބުނާނަން." ހުސެން ބުނެލިއެވެ.

އަހަރެން ހައިރާންވިއެވެ. އަހަރެންދެކެ ލޯބި ވިޔަސް، އަދި ނުވިޔަސް ހާމަ ނުކުރަން ވީ ކީއްވެބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.

" ނުވިޔަސް ބުނެބަލަ! ޔޫ ލޯބި ނުވިޔަސް އެއީ މައްސަލައެއް ނޫނޭ. ބުނެބަ ދެން." އަހަރެން އާދޭސް ކުރަން ފެށީމެވެ.

" ތި ސުވާލުގެ ޖަވާބެއް ނުދެވޭނެ އައި އަކަށް. ދެން... ތިހެން ނާހައްޗޭ! މިހާރު ވަރަށް ލަސް ވެސް ވެއްޖެ އެއްނު. ނިދާލަބަލަ." ހުސެން ބުންޏެވެ.

އިތުރަށް އާދޭސް ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންވެ، އޭނާގެ އެދުމުގެ މަތިން ފޯނު ބޭއްވީ ހާސް ހިތަކައިގެންނެވެ. އޭރު ވެސް އަހަރެން ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ހުސެންއާމެދު ގޯސް ގޮތަކަށް ވިސްނާކަށް އަހަރެން ހިތަށް ވެސް ނާރައެވެ. ހުސެންއަކީ އެހެން މީހުންނާ ތަފާތު މީހެއްކަން އަހަރެން އަބަދުވެސް ގަބޫލު ކުރަމެވެ. އޭނާ ފަހަރެއްގައި ވެސް އަހަންނަށް ދެރައެއް ނުދޭނެކަން އަހަންނަށް ޔަގީން ކުރެވެއެވެ.

ޖެހިގެން އައި ދުވަހެވެ. ކުރިއާ ހިލާފަށް ޒިޔާދު މިއަދު ގަޑިއަކު އެއް ފަހަރު އަހަންނަށް ގުޅަމުން ދެއެވެ. އޭނާގެ ވާހަކަތަކުގައި އާދަޔާ ހިލާފު ކަމެއް އުޅޭހެން ވެސް އަހަންނަށް ހީވެއެވެ. މީގެ ކުރިން ޒިޔާދަކީ އަހަރެން ނުބާއްވަނީސް ފޯނު ކަނޑާލާ މީހެކެވެ. މިއަދު އޭނާ އަހަރެން މަތިން އެހާ ވަރަށް ހަނދާންވެގެން މި އުޅެނީ ކީއްވެބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.

" އަސްލު ދުރުގަ ހުންނައިރު ކޮއްދޭ ކަންތައްތައް މަތިން ވަރަށް ހަނދާން ވޭ." ޒިޔާދު ބުންޏެވެ.

" ކިހިނެއްވީ؟ ކުއްލިއަކަށް އަހަރެން މަތިން އެހާ ވަރަށް ތި ހަނދާންވަނީ؟" އަހަރެން އެހީމެވެ.

" އަބަދުވެސް ހަނދާންވެޔޭ. ބުނާނެ ވަގުތު ނުވަނީ. އެކަމަކު މިއަދު ހަމަ ވަރަށް މިސްވޭ." ޒިޔާދު ބުންޏެވެ.

ކުނިކަހާ ފިހިގަނޑު ބަހައްޓާފައި އަހަރެން ކާމޭޒު ކައިރީ އިށީނީމެވެ. ޒިޔާދުގެ ދުލުން އަހަރެން މަތިން ހަނދާންވާ ވާހަކަ ބުނެލި ދުވަހެއް ވެސް ނޭނގެއެވެ. ލޯބިވާ ވާހަކަ ބުނި ހަނދާން ވެސް ނެތެވެ. އެހެންވެ، ޒިޔާދު ދައްކާ ވާހަކަ އަޑު އަހާލަން އަހަރެން ބޭނުންވިއެވެ.

" އެހެންތަ؟ ކޮން ކަމެއް މިސްވަނީ؟" އަހަރެން ސުވާލު ކުރީމެވެ.

" އަނތްބަކު ފިރިއަކަށްޓަކައި ކޮއްދޭން ޖެހޭ ހުރިހާ ކަމެއް ތައިބާ އަހަންނަށް ވަރަށް ފުރިހަމައަށް ކޮއްދޭ. ދުރަށް އައީމަ އެކަން އަހަންނަށް ވަރަށް އިހްސާސް ކުރެވޭ. ތައިބާ ކައިރީ އުޅޭއިރު އަހަރެން ވިސްނަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ. ތި ކަހަލަ ކެއަރިން މީހަކު ދެނެއް އަހަންނަކަށް ނުލިބޭނެ ކަންނޭނގެ." ޒިޔާދު ބުންޏެވެ.

އެ ވަގުތު އަހަރެން ފެންކަޅިވިއެވެ. އެއީ ދުވަހަކުވެސް ޒިޔާދު އެ ފަދަ ވާހަކައެއް މީގެ ކުރިން ނުދައްކާތީއެވެ. އަހަރެން ކޮއްދޭ ކަންތައްތައް އޭނާ ބަލައިނުގަންނާތީއެވެ.

" އޮފީހަށް ދާން ފެންވަރައިގެން ނިކުންނައިރު، އަހަރެން ލާނެ އެއްޗެހި އިސްތިރިކޮއްފައި ފެންނާނެހެން ބަހައްޓާނެ. ބޮކްސާ އާއި ސްޓާކީނު ވެސް އަހަރެންގެ އަތުން ނަގަން ނުޖައްސާނެ. ހުރިހާ އެއްޗެއް އޭގެ މަގާމުގައި ތަރުތީބުން އަހަންނަށް ނަގަން ފަސޭހަ ވާނެގޮތަށް ބަހައްޓާނީ. އަދި އެންމެ މިސްވަނީ އަހަރެންގެ ބޫޓުތައް އެހާ ލޯބިން ގެންގުޅޭތީ. މިތާ އެ ހުރިހާ ކަމެއް އެކަނި ކުރަން ޖެހޭތީ އަހަންނަށް ވަރަށް އުނދަގޫވޭ. " ޒިޔާދު ބުންޏެވެ.

އަހަންނަށް ބާރަށް ދެ ލޯ މަރާލެވުނެވެ. އޭނާއަށް އެކަންތައްތައް އިހްސާސްކޮށްލަން ފުރުސަތެއް ލިބުނީތީ ހިތާހިތުން ޝުކުރު ކުރެވުނެވެ.

" އަހަރެން އެއްޗެއް ނުބޯނަމޭ ބުންޏަސް ހެނދުނު ހައިބަނޑާ ހުރެ އަހަރެން އޮފީހަށް ނިކުތަކަ ނުދޭނެ. ބަލިވީމަ ކުޑަކުއްޖަކަށް އެއްޗެހި ދޭ ގޮތަށް އަހަންނަށް އޭތި މީތި ހަދާފަ ދޭނެ. ކިތަންމެ ބުރަކޮށް އުޅުނަސް، އަހަރެން ކައި ނިމެންދެން އަބަދުވެސް ކައިރީގައި އިންނާނެ. ވަރަށް މިސްވޭ ކާން ހަދައިދޭ ގޮތް. އަހަރެން ފޯނު ބަލަން އިނަސް، ތައިބާ އިންނާނެ ކައިރީގަ އަހަރެން ކައި ނިމެންދެން. " ޒިޔާދު ބުންޏެވެ.

" ދެން އޯކޭ އޭ. އުފާވެއްޖެ ތި ހުރިހާ ކަމެއް ހަނދާން ހުރީތީ. އުފާވެއްޖެ އެންމެ ކުޑަމިނުން ތި ކަންކަމަށް ޒިޔާދު ހިތްހަމަޖެހުނުކަން ބުނެދިނީމަ. އަހަރެން އެ ހުރިހާ ކަމެއް ކުރަނީ ކުރާ ހިތުން. ޒިޔާދުގެ ކަންކަމަށް ފަރުވާކުޑަ ނުކުރާކަން ޒިޔާދަށް އެނގުނީމަ އަހަރެން ވަރަށް އުފާވެއްޖެ." ރޮވިފައި އިނދެ އަހަރެން ބުނީމެވެ.

" އެނގެޔޭ އަހަންނަށް. މި ބުނީނު މިހެން ވެސް ވާހަކަ ދައްކަން ވަގުތޭ ނެތީ. ތައިބާއަށް އެނގޭތަ؟ މި ރަށަށް އައިސް އަހަރެން ނިދަން އޮށޯންނަ ކޮންމެ ރެޔަކު އަސްލު ވަރަށް މިސްވޭ. އެނގޭތަ އެއީ ކީއްވެކަން؟" ޒިޔާދު އެހިއެވެ.

" އާނ އެނގޭ! އެއީ ނިދަން ލާ އެއްޗެހި އެނދުމަތީގައި ސެޓުވެފައި ނުހުންނާތީވެ." އަހަރެން ޖަވާބު ދިނީ ޔަގީންކަމާއެކުއެވެ.

އެއާއެކު ޒިޔާދު ހިނިގަނޑެއް ޖަހާލިއެވެ.

" އާނ އެހެންވެ! އަހަރެން މި ރަށަށް އައި ފަހުން ނިދާ އެއްޗެހި ވަކިންނެއް ނުލަން." ޒިޔާދު ބުންޏެވެ.

" އަޅެ ޒިޔާދު. އަހަރެން ހުންނާނެ ނިދަން ލާ އެއްޗެހި ބޭގަށް އަޅާފަ. ދެން އަމިއްލައަށް ވެސް އުޅެން ދަަސްކުރަން ވާނެ އެއްނު. ޒިޔާދު ކައިރީ އަހަރެން އަބަދު ނުހުރެދާނެ." އަހަރެން ބުނީމެވެ.

" ތި ބުނީ؟" ޒިޔާދު ތެޅި ގަނެފައި ބުންޏެވެ.

" އަހަރެން ވެސް މަރުވާނެ އެއްނު. ޒިޔާދަށް ވުރެ ކުރިން އަހަރެން މަރުވިއްޔާ، ކިހިނެއް ޒިޔާދު ދިރިއުޅެނީ ތިހެން؟" އަހަރެން ބުނީމެވެ.

" ތި ކަހަލަ ވާހަކަ ނުދައްކާ. ތައިބާ އަހަންނަށް ގެއްލޭކަށް ބޭނުމެއް ނޫން. ދުރަށް އައީމަ މި އެނގެނީ ތިއީ އަހަރެންގެ ހަޔާތަށް ކިހާ މުހިއްމު މީހެއްކަން. ތައިބާ އަހަރެންދެކެ ރުޅި އަންނަނީ ވެސް އަހަރެން ޓައިމް ނުދޭތީކަން އެނގެޔޭ. އެކަމަކު އަދި ފަހުން އެކަން ވެސް ރަނގަޅުވާނެ. އަދި ހިތްވަރު ކޮއްލާ." ޒިޔާދު ބުންޏެވެ.

" ހިތްވަރު ކުރާތާ ވަރަށް ދުވަސް ވެއްޖެ. " އަހަރެން ބުނީމެވެ.

" އެނގޭ ތިކަން. އަހަރެން ވަރަށް އުފާވޭ އެހެންވެ. މިހާރު މި ހުންނަނީ މާލެ ދާ ހިތުން ކެތްމަދުވެފައި. އަސްލު މިހެން މި ކަހަލަ ދަތުރެއްގައި ވިޔަސް ދުރުގައި ހުރެފައި ދާ ދުވަހު ވަރަށް އުފާވޭ އެ ދުވަހަކީ ހާއްސަ ދުވަހެއްކަން އަހަންނަށް އިހްސާސް ކޮއްދޭތީ." ޒިޔާދު ބުނެލިއެވެ.

" ތި ބުނީ؟" އަހަރެން އެހީމެވެ. އަހަރެން ބޭނުން ވީ އޭނާގެ ދުލުން އެ ހުރިހާ އެއްޗެއް ބުނާ އަޑު އަހާށެވެ. އެ ވަރު އަހަންނަށް ހައްގުވާނެކަން ޔަގީނެވެ.

" މި ބުނީ އަހަންނަށްޓަކައި ހާއްސަ އެއްޗެހި، އަހަރެން ކާހިތްވާ އެއްޗެހި ކައްކާތީވެ. އަބަދުވެސް އަހަންނަށް މީރު އެއްޗެހި ކައްކަން ތައިބާ ހާއްސަ ސަމާލުކަމެއް ދޭކަން އަހަންނަށް އެނގޭ. އަހަންނަށްޓަކައި މުޅި ދުވަސް ހުސްކޮށް، އަހަރެންގެ ކަންތައްތައް ބަރާބަރަށް ބަލަހައްޓަނީ ލިލީގެ ކަންތައްތައް ވެސް ކުރާ ގޮތަށް. " ޒިޔާދު ބުންޏެވެ.

" ދެން އޯކޭ ޒިޔާ. ދެން ހެޔޮ. މިހާރު ލަދުގެންފި." އަހަރެން ބުނީމެވެ.

" އުނހޫ އަދިވެސް ނުނިމެޔޭ. ކޮންމެ ދުވަހަކު ވަރަށް ހަނދާންވާ ކަމެއް އެބައޮތް. ތަނަކަށް ދާން އަހަރެން ރެޑީވާއިރު ތައިބާ ވަށައިގެން ޗެކް ކުރާނެ. އަހަރެންގެ ބޯ ހުރީ ރީތިކޮށްތޯ ތުނބުޅި މަތިމަސް ހުރީ ރީތިކޮށްތޯ ބަލާނެ. ބެގީ ކޮއްފައި ހުރި ގޮތް ރީތިތޯ ވެސް ބަލާނެ. ވަރަށް ދުވަސް ވެއްޖެ ތައިބާގެ މްމްމް... ހޯމް މޭޑް ފޭޝަލްއެއް ވެސް ނަހަދާތާ. މި ފަހަރު ދިޔައީމަ ހަދައިދެއްޗޭ ފޭޝަލްއެއް. ވަރަށް އަވީގައި އުޅެފައި މި ދަނީ." ޒިޔާދު ބުންޏެވެ.

އަހަރެން ހައިރާންވީ އެންމެ ކުދިކުދި ކަންތައްތައް ވެސް ޒިޔާދު މިއަދު ފާހަގަ ކުރާތީއެވެ. އޭނާއަށް އެ އައީ ކޮން ކަހަލަ ބަދަލެއް ބާވައެވެ؟ ކޮންމެވެސް ވަރަކަށް އަހަރެން ޖެހިލުންވާން ފެށިއެވެ.

" ފައިގެ ފުންނާބު ވެސް މިހާރު ހުރީ ވަރަށް ބޮޑަށް ފަޅައިގެން ގޮސް. ހޫނު ފެނަށް ލައިގެން ފައި ފޯ ކޮއްގެން ކުރީ ދުވަހެއްގައި ފައި އުނގުޅައިދިނީމެއްނު. އަަހަރެން ގެއަށް ދާ ދުވަހު އެކަން ކޮއްދެއްޗޭ. ވަރަށް ތަދުވޭ ފައި ފަޅައިގެން ދާތީ." ޒިޔާދު ބުންޏެވެ.

އަހަންނަށް ބާރުބާރަށް ބޯ ޖަހާލެވުނެވެ. ޒިޔާދު އަބަދުވެސް އެ ގޮތަށް އަހަރެން ކައިރީ އެހާ ލޯބިން ކަންކަމު ކިޔާނަމައޭ ހިތަށް އެރިއެވެ. އަހަރެން ޒިޔާދުގެ ކަންތައްތައް ކޮއްދެނީ އޭނާ ބުނެގެންނެއް ނޫނެވެ. އަހަންނަށް ފެނިގެންނެވެ. ގިނަ ފަހަރަށް އެ ފަދަ ކަންތައްތައް ކުރަނީ ގަދަކަމުންނެވެ.

" އެކަމަކު ހޫނު ފެނަށް ފައި ލައިގެން ވެސް ޒިޔާއަކަށް ނީނދެވޭނެ އިރުކޮޅަކު ވެސް. އަހަރެން ބުނަން ދެން ކެތްތެރިކަމާއެކު އެހެން އިންނަންޏާ ޕެޑިކިޔު ހަދައިދެވޭނީ." އަހަރެން ބުނީމެވެ.

" އިންނާނަމޭ މަގޭ ދޫންޏާ. މި ފަހަރު މި ދަނީ ހަމަ ސެލްޕް ކެއަރއަށް. އަހަރެން ނުޖެހޭނެ ސެލޫން ތަކަށް ދާކަށް. ގެއިން ލިބޭ ސާވިސް އަހަންނަށް މާ ފުރިހަމަ." ޒިޔާދު ބުންޏެވެ.

" ދެން ހެވޭ. މިހާރު އެނގިއްޖެ ހަނދާން ހުންނަކަން." އަހަރެން ބުނީމެވެ.

އެއާއެކު ޒިޔާދު ހޭން ފެށިއެވެ.

" އިއްޔެ އަދި ހޫނު ސައިތައްޓެއްގައި ތުން ޖެހި ގޮތަށް އަނގަ ފިހިއްޖެ." ޒިޔާދު ބުންޏެވެ.

" ދެން... ހޫނު ކަމެއް ނޭނގޭތަ؟" އަހަރެން ބުނީމެވެ.

" އެއީ ވެސް ތައިބާއާ ހެދި ވީ ގޮތެކޭ." ޒިޔާދު ބުނެލީ ހެމުންނެވެ.

" އަހަންނާ ހެދިއޭ؟" ހައިރާންވެފައި އަހަރެން ސުވާލު ކުރީމެވެ.

" އާނ! ބުނެބަލަ ދުވަހަކުވެސް އަހަންނަށް ހޫނު ސައިތައްޓެއް ދިނިންތަ ފިނިހޫނުމިން ޗެކް ނުކޮށް؟ ދޫ ފިހޭ ވަރަށް ހޫނުކޮށް ބަހައްޓައިގެން ދުވަހަކު ވެސް އަހަންނަށް ހޫނު އެއްޗެއް ނުދެމެއްނު. ތައިބާ އަމިއްލައަށް ހޫނުމިން ހެޔޮވަރު ކޮއްފައި ދެނީ. އެހެންވެ އަހަންނަށް ތަންތަނަށް ގޮސް މި ލަނޑު ވެސް ލިބެނީ." ޒިޔާދު ބުންޏެވެ.

" އަހަރެން ދޯ މި ގޯސްވީ އެންމެ ފަހުން. އަމިއްލައަށް ކަންކަމުގެ ޒިންމާ ނަގަން ދަސްކުރީމަ ރަނގަޅުވާނީ. އަސްލު އަހަރެން ވެސް ޒިޔާ ގެންގުޅެނީ މާ ބޭބީކޮށް ދޯ. ދެން މިހާރު އަމިއްލައަށް އުޅެން އެނގޭނެއެއްނު." އަހަރެން ބުނީމެވެ.

" ނޯ! ތައިބާ ކައިރީ އުޅޭ ހިތްވަނީ. އޭރުން ކެއްސާލިޔަސް ވަގުތުން ލެމަން ޓީ އަންނާނެ." ހެމުންހެމުން ޒިޔާދު ބުންޏެވެ.

" ދެން ކޮބާ އަހަންނަށް ލިބެން ވީ ބައި؟" ވިސްނަން އިނދެފައި އަހަރެން ބުނީމެވެ.

" ތި ބުނީ؟" ޒިޔާދު އެހިއެވެ.

ޒިޔާދު އެހާ ހަމަޖެހިފައި ހުރި ވަގުތެއްގައި އަހަރެންގެ ބޭނުން ތަކުގެ ވާހަކަ ދައްކަން ބޭނުންވިއެވެ.

" މި ބުނީ ބަދަލުގައި އަހަންނަށް ލިބެންޖެހެނީ ކޯއްޗެއްހޭ؟" އަހަރެން އެހީމެވެ.

" ދާއިރު ގެންދާނަމޭ ޗޮކްލެޓްްސް، ޓޮބްލެރޯން! ޔޯ ފޭވް! ދެން ސެންޓު ފުޅިއެއް އޯކޭއެއްނު. އަދި ބޭނުންތަ؟" ޒިޔާދު ބުންޏެވެ.

އެއާއެކު އަހަންނަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.

" މި ފަހަރުގެ ޕްރޮޖެކްޓް ކާމިޔާބު ކުރެވުނިއްޔާ ތައިބޫއަށް ދޭނަން އެކްސްޓްރާ ޕޮކެޓްމަނީ. އޭރުން މާ ބޮޑު ބަދަލެއް ދެވުނީއެއްނު." ޒިޔާދު އެހެން ބުނުމާއެކު އަހަންނަށް ހީވީ ނޭވާ ނޭފަތުގައި ތާށި ވީ ހެންނެވެ. ޒިޔާދަށް ހަމަ އެއްވެސް އެއްޗެއް ނުވިސްނެނީ ބާވައޭ ހިތަށް އެރިއެވެ.

" އަހަރެން ވެސް ޒިޔާއަށް ދެނީ ޗޮކްލެޓާއި ސެންޓާއި ލާރިތަ؟" އަހަރެން އެހީމެވެ.

" ވަޒީފާއަކަށް ނުގޮސް ގޭގައި އިންނަ މީހަކަށް ކިހިނެއް ތި ބުނާ އެއްޗެހި ދެވޭނީ؟ " ޒިޔާދު ބުންޏެވެ. އޭނާ އެހެން ބުނުމުން އަހަރެން ހިތުގައި ޖެހުނެވެ.

" އަހަރެން ޒިޔާއަށް ކެއާ ކުރަނީ އަހަންނަށް ލާރި ނުލިބޭތީ އަގުބޮޑެތި އެއްޗެހި ނުދެވޭތީއެއް ނޫނޭ. އަހަރެން ޒިޔާއަށް އޯގާތެރިވަނީ ތިއީ އަހަރެންގެ ފިރިމީހާ އަދި ލިލީގެ ބައްޕައަށްވީތީ. އަހަރެން ލޯބިވާތީ. ޒިޔާއަށް ކޮއްދޭ ކޮންމެ ކަމެއް އަހަރެން ކޮއްދެނީ ވަރަށް ލޯބިން. ކުރާ ހިތުން. އަދި އާދަވެފައި ހުންނާތީ. އަހަންނަށް އެނގެޔޭ ޒިޔާ އަހަރެން ކައިރީ އުޅެނީ ކުޑަކުއްޖަކު އުޅޭ ގޮތަށްކަން. ތެދެއް ތި ބުނީ. އޮފީހަށް ދާން އަރާ ބޫޓު ވެސް އަމިއްލައަށް ހަރުން ނަގަން ވެސް އަހަރެން ނުޖައްސަން. ޒިޔާ އޮފީހަށް ދާން ދެން އަހަރެންގެ އެންމެ މުހިއްމު މަސައްކަތަކީ ޒިޔާގެ ކަންތައްތައް ފުރިހަމައަށް ކުރުން. އަހަރެންގެ ޓާގެޓަކީ ޒިޔާ ގެއިން ނިކުމެގެން ދާން ޖެހޭނީ އުފަލުން، ހިތްހަމަ ޖެހިގެންކަމުގައި ހެދުން. ލޯތްބަކީ އެއީ. ލޯތްބަކީ އަބަދުވެސް އެކަކު އަނެކަކުގެ ފަރާތުން ދޭ އުފާވެރިކަމާ ކެއާ. އަހަރެން މި އަހަނީ އަހަންނަށް އޭތި ދޭނީ ކޮން އިރަކުަން ހޭ؟" އަހަންނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

" ހޫމް. ފެށުނީ ދޯ؟ ނޯންނާނެ ލޯބިން ވެސް އެއްޗެއް ބުނެވޭކަށް. ތިވަރުގެ މީހަކާ ކިހިނެއް ލޯބިން ވާހަކަ ދައްކާނީ؟ އަހަރެން އެޕްރިޝިއޭޓް ކުރީމަ ތައިބާ ތި ކުރަނީ ޝަކުވާ؟ އަޖައިބެއްނު މި. ލޯތްބާ ކެއާ ދޭން އަހަރެން ވަޒީފާއިން ކެނޑިގެން ގޮސް ގޭގައިތަ އޮންނަން ވީ؟ ތައިބާގެ ގައިގައި ފިރުމާލަފިރުމާލަ އޮތީމަ މަތިން ލާރިތައް ފައިބާނެ ދޯ. ބަލަ ލާރި ހޯދަން ތަންތަނަށް މަސައްކަތު ދުވާ މީހާއާއި ގޭގައި ރީތިކޮށް އިންނަ މީހާއާ އެއްވަރު ކުރަން ނޫޅެބަލަ! އަބަދުވެސް މި އަހަނީ ނުލިބިގެން ތި އުޅެނީ ކޯއްޗެއްތޯ؟ ހަމަ އަހާލާއިރަށް ބުނާނެ ލޯތްބޭ، ކެއާއޭ، މަގޭ ބަނޑޭ." ޒިޔާދުގެ ބަހުރުވަ ހުތުރު ވާން ފެށުމާއެކު އަހަންނަށް އުނދަގޫވާން ފެށިއެވެ.

" ސޮރީ. އަހަންނަށް ނޭނގުނީ އަހަންނަކީ ހަމައެކަނި ލާރިން ހިތްފުރައިގެން އިންނަންޖެހޭ މީހެއްކަން. ލޯތްބާ ކެއާ އަކީ އަހަންނަށް ހައްގު އެއްޗެއް ނޫންކަން މިއަދު ޔަގީން ވެއްޖެ. އަހަރެން ޒިޔާއަށް ކޮއްދޭ ކަންކަމުގެ ވާހަކަ ދެން ދުވަހަކު ވެސް ނުބުނާތި. އިނދެގެން އުޅޭހާ ހިނދަކު އަހަރެންގެ ފަރާތުން އެ ހިދުމަތްތައް ދޭނަން. އެކަމަކު ދެން އޮޅިގެން ވެސް އަހަރެން ޒިޔާގެ ފަރާތުން އޯގާތެރިކަމަކަށް އުއްމީދެއް ނުކުރާނަން." އެހެން ބުނެ އަހަރެން ފޯނު ނިއްވާލީމެވެ. ރުޅިއަށް ވުރެ ބޮޑަށް ދެރަވިއެވެ. ޒިޔާދަކީ ހާދަ ތަފާތު މީހެކޭ އަހަރެން ހިތަށް އެރިއެވެ.

އެތައް އިރެއްކޮއްފައި އަހަރެން ފޯނު ހުޅުވުމާއެކު ފުލުފުލުން ފޯނަށް މެސެޖް އަންނަން ފެށިއެވެ. އަވަސް އަވަހަށް އަހަރެން ފުރަތަމަ ވެސް ބަލައިލީ ސްނެޕެވެ.

" ހަބަރެއް ނުވެގެން ވަރަށް ހާސް ވެފައި މި ހުރީ. ހުރިހާ ކަމެއް ވެސް އޯކޭތަ؟" ހުސެންގެ މެސެޖް ކިޔާލުމާއެކު ޒިޔާދުގެ ސަބަބުން ހިތަށް ވެރިވެފައި ވާ ނުތަނަވަސްކަން މުޅިން ފިލައިގެން ދިޔައެވެ. ހިނިތުންވެލަމުން އަހަރެން ހުސެންއަށް މެސެޖެއް ލިޔެލީމެވެ.

" އޯކޭ ދެން. ޔޫ ކިހިނެއް؟" އަހަރެން އެހީމެވެ.

" ވަރަށް ބިޒީ އޮފީސް. މިހާރު ފުރުން ވެސް އަވަސް ވެއްޖެ. އެހެންވެ ނިންމަންޖެހޭ ބައެއް ކަންކަން ހުރީމަ ބިޒީކޮށް ދަނީ." ހުސެން ބުންޏެވެ.

" ކައިފިންތަ މިހާރު؟" އަހަރެން ސުވާލު ކުރީމެވެ.

" ކޮންމެ ދުވަހަކު އަހާނެ ކައިފިންހޭ؟ އެހެން ނާހަބަލަ! ބަނޑުހައިވީމަ ކާން އެެނގޭނެޔޭ އަހަންނަށް." ހުސެން ބުންޏެވެ.
" އެކަމަކު ހުސެން ހުރީ ކައިގެންކަން އަހަންނަށް އެނގުނީމަ އަހަރެން ވެސް އުފާވާނެ އެއްނު. އެހެން ނޫނަސް ލޯބިވާ މީހަކު ބަލާނެ ކައިފިތޯ ވެސް." މަޖަަލަކަށް ހަދާފައި އަހަރެން ބުނީމެވެ.

" ހެޔޮ! އަހަންނަށް އުނދަގޫވޭ ތިހެން އަހާތީވެ. ކޫސަނި އެއްޗެހި ނާހާނެ." ހުސެން ބުންޏެވެ.

" އެހެން މީހުން އުޅެނީ ކެއާ ނުކޮށްގެން. ހުސެން ތި އުޅެނީ ކެއާ ކުރިޔަސް އުނދަގޫ ވާތީ." ހައިރާން ވެގެން އަހަރެން ބުނީމެވެ.

" އަހަރެން ކުރިން ވެސް ބުނީމެއްނު މާ އޯވާ ނުވާށޭ. ތިހާ ވަރަށް ކެއާ ކުރާ އެއްޗެއް ނޫނޭ. އެހެން ނޫނަސް، އަހަންނަށް ޔޫ ލިބޭނީކީ ވެސް ނޫން. އަބަދު ތިހެން، އަހަރެންގެ ކަންކަމަށް ފަރުވާތެރިވެގެން އުޅެފައި، ތި ކަންކަމަށް އަހަރެން އާދަކޮށްފައި ޔޫ ގެއްލުނީމަ ކިހިނެއްވާނީ؟" ހުސެން ބުންޏެވެ.

އެ ޖުމްލަ އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވިއެވެ.

" އައި ދުވަހަކު ވެސް ހުސެން އަކަށް ނުގެއްލޭނެ." އަހަރެން ބުނީމެވެ.

" ނޫން. މި ކަން ޖެހޭނީ ހުއްޓާލަން." ހުސެން ބުންޏެވެ.

( ނުނިމޭ)

(ނިމުނީ)