" އައި ދުވަހަކު ވެސް ހުސެން އަކަށް ނުގެއްލޭނެ." އަހަރެން ބުނީމެވެ.

" ނޫން. މި ކަން ޖެހޭނީ ހުއްޓާލަން." ހުސެން ބުންޏެވެ.

Ad
rt

ހުސެން އެހެން ބުނުމުން އަހަރެން ވަރަށް ހިތުގައި ޖެހުނެވެ. ވަރަށް ދެރަވިއެވެ. ނަމަވެސް އަހަރެމެންގެ ގުޅުމަކީ މާ ދިގު އުމުރެއް އޮތް ގުޅުމެއް ނޫންކަން އަހަންނަށް ވެސް އެނގެއެވެ. ހުސެން އެ މަސައްކަތް ކުރަނީ އަހަރެމެން ދެ މީހުންގެ އާއިލާ ސަލާމަތް ކުރަން ކަން ވެސް އަހަންނަށް އެނގެއެވެ.

" އޯކޭ. ހުއްޓާލެވިދާނެ. މުޅި އުމުރަށް ވެސް ގުޅުން ކަނޑާވެސް ލެވިދާނެ. އެކަމަކު ދިޔުމުގެ ކުރިން އަހަރެންގެ ސުވާލަކަށް ޖަވާބު ދެވިދާނެތަ؟" އަހަރެން އެހީމެވެ.

" ބުނެބަ." ހުސެން ބުންޏެވެ.

" ހުސެން އަހަރެންދެކެ ލޯބިވޭތަ؟ ނޫނީ ލޯބި ވީންތަ؟ ކުޑަކޮށް ވިޔަސް." އަހަރެން އެހީމެވެ.

އެއާއެކު ދެ ތިން ސިކުންތަށް ހުސެންގެ އެއްވެސް އަޑެއް އަހަންނަކަށް ނީވުނެވެ. އޭރު ވެސް އަހަރެންގެ ހިތް ބާރަށް ތެޅެމުން ދެއެވެ. ހުސެން ދޭނެ ޖަވާބަކަށް އަހަރެން ހުރީ ކެތްމަދު ވެފައެވެ.

" ނުބުނާނަން." ހުސެން ދިނީ ކުރިން ވެސް އޭނާ ދިން ޖަވާބެވެ.

" އެއީ ކީއްވެތަ؟ އަހަރެން މިހާ ފާޅުގައި ބުނާއިރު ޔޫ ކީއްވެ ނުބުނަނީ؟ ބުނެބަ! އޭރުން ވެސް އަހަރެން ހިތްހަމަ ޖެހޭނެޔޭ. ލޯބި ނުވިޔަސް، ނުވެޔޭ ވެސް ބުނެބަލަ." އަހަރެންގެ އަޑު ބާރުވިއެވެ.

" ނުބުނާނަން އެއްވެސް އެއްޗެއް. ލޯބިވޭތޯ، މިސް ވޭތޯ އައި ކައިރީގައި ދެން ނާހައްޗޭ." ހުސެން ބުންޏެވެ.

އޭނާގެ އަޑަކު ރުޅިވެރި ކަމެއް ނެތެވެ. އަހަންނަށް އެ އަޑު އިވެނީ އަބަދުވެސް ހުސެންގެ އަޑުގައި އެކުލެވިފައިވާ މަޑުމައިތިރިކަމާއެކުއެވެ.

" ކިހިނެއް ނާހާނީ؟ އަހަރެންގެ ހުރިހާ ވެސް މީހަކީ ތިއީ އޭ. ހުސެން ނުބުންޏަސް، އަހަރެންދެކެ ހުސެން ލޯބިވާކަން އަހަންނަށް އިހްސާސް ކުރެވޭ. ތިއީ ތާކުން ފެންނަހާ މީހެއް ކައިރިއަށް ދާނެ ވައްތަރު މީހެއް ނޫން. "އަހަރެން ބުނީމެވެ.

" ޔޫ ބޭނުން ގޮތަކަށް އަހަންނާ މެދު ދެކުނަސް އޯކޭއޭ. އަހަރެމެންނަކަށް މި ނޫން ގޮތެއް ނެތެއްނު. އަހަރެން ލޯބިވެޔޭ ބުނީމަ، ޔޫއަށް އާދެވޭނެތަ ޒިޔާދު ދޫކޮށްފައި. އެހެން ނޫނަސް ދެ އަނތްބަށް އިންނާކަށް އަހަރެން ބޭނުމެއް ނޫން. މާދަމާ ވެސް ދާނެ ވަޒީފާއެއް ނެތިއްޔާ ދެ އަނބިން ގެންގުޅޭނެ ތަނަވަސްކަމެއް އަހަރެންގެ ނުހުންނާނެ. " ހުސެން ބުންޏެވެ.

" ބައެއްގެ ދިރިއުޅުން ރޫޅާލާކަށް އަހަރެން ވެސް ބޭނުމެއް ނޫނޭ. އަހަރެން ބޭނުންވަނީ ހަމައެކަނި ހުސެން އަހަރެންދެކެ ލޯބިވެޔޭ ބުނެލަން. އޭރުން އަހަންނަށް ތި ލޯބީގައި މުޅި އުމުރު ވެސް ހޭދަ ކުރެވިދާނެ. އަހަރެން ކައިރީ ހުސެން ނެތަސް، އުފާވެރި، ލޯބި ހަނދާންތަކެއް އަހަންނާއެކު އަބަދަށް ވާނެ." އަހަރެން ބުނީމެވެ. އޭރު އަހަންނަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

" ނުބުނާނަން. ތިހެން ދެރަވެފައި ތި ސުވާލު އަބަދު ނުކޮށްބަ! ޔޫ ތިހެން ވާހަކަ ދައްކަންޏާ ވަރަށް އުނދަގޫވޭ. " ހުސެން ބުންޏެވެ.

" ފްރެންޑްސް ގޮތުގައި ތިބެވިދާނެތަ؟" އަހަރެން އެހީމެވެ.

" ނޯ! އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން. މީގެ ފަހުން އަހަރެމެން ދެ މީހުންނަކީ އެންމެ ފުރަތަމަ ދެ މީހުން ބައްދަލްވި އިރު ތިބި ކަހަލަ ޓޫ ސްރޭންޖަރސް. ނުދަންނަ ދެ މީހުން. މިއީ މިހާރު އެންމެ ރަނގަޅު ގޮތް." ހުސެން ބުންޏެވެ.

އެއާއެކު އަހަންނަށް ގިސްލެވެން ފެށުނެވެ. ނަމަވެސް އެ އަޑު ހުސެންއަށް ނީއްވާ ވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގަދަކަމުން ހީލީ ހުސެންއަށް އިވޭ ވަރަށެވެ.

" މަގެއް މަތިން ފެނުނަސް ފެންނަ ކަމަށް ވެސް ނަހަދާނަންތަ؟" އަހަރެން އެހީމެވެ.

" އާނ! މަގުމަތިން ފެންނަހާ ނުދަންނަ މީހުންގެ ފަހަތުން ދުވަން ވިއްޔާ ސަލާމަތެއް ނޯންނާނެ އެއްނު." ހުސެން ބުންޏެވެ.

ހުސެންގެ އެ ނިންމުމަކީ އޭނާ ހިތާ ދެ ކޮޅަށް ނިންމި ނިންމުމެއްކަން އަހަންނަށް ޔަގީނެވެ. ނަމަވެސް ހުސެންގެ ހަޔާތުން އަހަންނަށް އެންމެ ތަންފުކެއް ވެސް ނެތްކަން އޭނާ ވަރަށް ރަނގަޅަށް އަހަންނަށް ބުނެދީފިއެވެ. އަދި އިހްސާސް ވެސް ކޮށްދިނެވެ.

" އެންމެ ރަނގަޅު. އައި ވެސް ދެން ހުސެން ނުދަންނަން. ދުވަހަކު ވެސް ދެން ނުވެސް އެނގޭނެ. " އަހަރެން ބުނީމެވެ.

" އެކަމަކު... ހިތުގެ ކަނެއްގައި އަހަރެން ބައިންދައްޗޭ." ހުސެން އެހެން ބުނުމުން އަހަންނަށް ވަރަށް އަސަރު ކުރިއެވެ.

" އެއީ ކީއްކުރަން؟ ނުދަންނަ މީހުން އަހަރެންގެ ހިތަކު ރައްކަލެއް ނުކުރަން. ދުނިޔޭގައި އުޅޭހާ މީހުން ހިތުގައި ރައްކާކުރަން ވެއްޖެނަމަ ނޯންނާނެ އެއްނު ސަލާމަތެއް." އަހަރެން ބުނީމެވެ.

އެއާއެކު ހުސެންގެ " ކިޔުޓް " ހިނިގަނޑުގެ އަޑު އަހަންނަށް އިވުނެވެ.

" އެންމެ ފަހު ވަގުތު ވެސް ލާނެތްކަން ދައްކާފައި ތި ދަނީ. ކިހިނެއް އަހަރެން ޔޫ މަތިން ހަނދާން ނެތޭނީ؟" ހުސެން ބުންޏެވެ.

" ދެ ފަހަރު ދެ ގޮތަށް ތި ވާހަކަ ދައްކަނީ ކީއްވެތަ؟ އެންމެ ފަހު ވަގުތު ވެސް އަހަންނަށް އިތުރު އުއްމީދެއް ދޭ ގޮތަށް ވާހަކަ ނުދައްކަބަލަ. ދެން ދޭބަލަ ތިހާ ދާހިތުން އަހަރެންގެ ހަޔާތުން. " އަހަރެން ބުނީމެވެ.

" އޯކޭ! މި ދަނީ އޭ. ހުރިހާ ކަމަކަށް މައާފަށް އެދެން. އަހަރެން މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރޭ. އޭރުން ހަމަޖެހިދާނެ." ހުސެން އެހެން ބުނުމާއެކު އަހަރެން އޭނާގެ ފޯނު ކަނޑާލީމެވެ.

އެހާ ފަސޭހައިން ހުސެން އަހަންނާ ދުރަށް ދިޔުމުން އަހަރެން ވެސް ގޮތެއް ނިންމަން ބޭނުންވިއެވެ. ދުވަހަކު ވެސް ފިރިހެނެއްގެ ފަހަތުން ދުވާކަށް އަހަރެން ނުދާނަމެވެ. ދުވަހަކު ވެސް ހުސެންއަށް އާދޭސް ކުރާކަށް ނުދާނަމެވެ. ހިތުގައި އެތައް ބައިވަރު ޝަކުވާތަކެއް ފުނިޖެހެމުން ދިޔައެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް ހުސެންއަށް ނަފްރަތެއް ނުކުރެވުނެވެ. ހުސެންއާ މެދު ނުރުހުމެއް ވެސް ނުވެވުނެވެ. އަހަރެން އޭނާ ދެކެ ވާ ލޯބީގެ މައްޗަށް އިތުރު އެއްވެސް ކަމެއް ގަދައެއް ނުކުރެވުނެވެ.

ގައިން ބާރު ހުސްވެފައި ހުރި މީހެއް ފަދައިން ގޮސް އެނދު ހުރަހަށް އޮށޯތީމެވެ. މެންދުރު ނިންދެވި ގޮތަށް އޭރު ވެސް ލިލީ އޮތީ ނިދާފައެވެ.

ފޯނަށް ބަލަން އޮވެ ހުރިހާ އެއްޗަކުން އަހަރެން ހުސެން ބްލޮކް ކުރީމެވެ. އޭރު ވެސް ހީވަނީ ގައިން ބައެއް އުނިވެގެން ދާހެންނެވެ. އަހަންނަށް ކުރާ އަސަރުތައް ހުސެންއަށް ނޭނގޭތީ އަހަރެން އުފާކުރަމެވެ. އަހަރެންގެ ސަބަބުން އޭނާއަށް އެއްވެސް އުނދަގުލެއް ވާކަށް ބޭނުމެއް ނޫނެވެ. އަހަރެން ދޫކޮށް އޭނާ އެ ދިޔައީ އަމިއްލަ ދިރިއުޅުމަށްޓަކައެވެ. އެހެންވެ، އޭނާގެ ހަމަޖެހުން ގެއްލުވާލާކަށް އަހަރެން ނެތީމެވެ.

ހުސެންއާއެކު ހޭދަވީ މަދު ވަގުތުކޮޅުތައް އަހަރެންގެ ހިތުގައިވަނީ ބިންވަޅު ނެގިފައެވެ. ރެޔާދުވާލު މަސައްކަތް ކުރިޔަސް، އެ ސޫރަ އަހަރެންގެ ހިތުން ފުހެވިގެން ނުދާނެކަން ކަށަވަރެވެ. ހުސެންއާ ވަކިވުމަށްފަހު އަހަންނަށް މަރުހަބާ ކިޔާނީ އުފާވެރި ދިރިއުޅުމެއް ނޫނެވެ. އަހަރެންގެ ބައިވެރިޔަކަށް ވާނީ ފަޅުކަމާއި އެކަނިވެރިކަމެވެ. އަނެއްކާ ވެސް އަހަރެން ވެއްޓޭނީ ހަމަ އެ ފޫހި ދުނިޔެ ތެރެއަށެވެ.

ލޮލުގެ ހިމަ ކޮޅުން ފައިބަމުންދާ ކަރުނަތައް އަވަސް އަވަހަށް ފުހެލީ ލިލީ ގޮވާލި އަޑަށެވެ. ސިހިފައި ބަލައިލި އިރު އެ މަންޖެ އިނީ ހޭލައިގެން އަހަންނަށް ބަލަހައްޓައިގެންނެވެ. ހިނިތުންވަމުން ތެދުވެ އަހަރެން ލިލީއާ ވާހަކަ ދައްކަން ފެށީމެވެ.

" ހަވީރު ވަނީ. ހިނގާ ބޭރަށް ދާން." އަހަރެން ބުނީމެވެ.

" އައިސްކްރީމް ބޭނުމީ." ލިލީ ބުންޏެވެ. އޭރު ވެސް އެ އަޑުގައި ހުރީ ނިދީގެ އަސަރެވެ. ނަމަވެސް އަހަރެން ލިލީ އުރާލައިގެން ފާހާނާއަށް ވަނީމެވެ. އަދި އަވަސް ހަރަކާތްތަކާއެކު ލިލީ ރީތި ކޮއްލީމެވެ.

" އައިސްކްރީމް ބޯނަންތަ މަންމި؟" ލިލީ އެހިއެވެ.

" ދަރިފުޅު ކެއްސާއިރު ފިނި އެއްޗެހި މަންމި ނުދެމެއްނު." އަހަރެން ބުނީމެވެ.

އަހަރެންގެ ހިތުގައިވާ ވޭނާއި ޒަހަމްތަކުގެ ސަަބަބުން ލިލީއަށް އެއްވެސް އުދާސްކަމެއް ހާމަ ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންވެ، އަހަރެން މަސައްކަތް ކުރީ ވީހާ ވެސް ހަމަޖެހިގެން ވާހަކަ ދެއްކޭތޯއެވެ.

" ދެން މަންމި ދޭނީ ކޯއްޗެއް؟" ލިލީ އެހިއެވެ.

" ހިނގާ ދާން ބީޗަށް ދާން. އެ ތަނުން ގަނެދޭނަން ދަރިފުޅަށް ޑޯނަޓެއް." އަހަރެން ބުނީމެވެ.

އެ ވަގުތު ލިލީ އުފަލުން އަހަަރެންގެ ގައިގައި ބައްދާލިއެވެ.

ބޭރަށް ނިކުތް އިރު ވެސް އަހަރެން ހަމައެއް ނުޖެހެއެވެ. މާޔޫސްވެ، މުޅި މީހާ އުދާސްވެއްޖެއެވެ. ދުއްވަމުން ދިޔައިރު ވެސް ސިކުނޑިއަށް ދިޔައީ ހޫނުވަމުންނެވެ. އަހަރެން ހުސެން މަތިން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ ދުވަހަކު ވެސް އަހަރެން އެ ވަރުގެ ކުށެއް ވެސް ނުކުރަމެވެ. ދިރިހުރިހާ ހިނދަކު އަހަރެންގެ މުޅި ހަށިގަނޑުގައި ހުސެންގެ ހަނދާންތައް ދައުރުވާނެއެވެ. އެއީ ދުވަހަކުވެސް ނުނެތޭނެ ހަނދާނެކެވެ.

ލިލީ ބީޗަށް ދޫކޮށްލައިގެން އަހަރެން އިނީ ގޮނޑިއެއްގައެވެ. އިރުއިރުކޮޅުން ލިލީ އަހަރެން ކައިރިއަށް އައިސް އަހަންނާ ވާހަކަ ދައްކާލައެވެ. ހީލާ، ސަމާސާ ކޮއްލައެވެ. ކުޑަކޮށް ވެސް ހިތަށް ފިނިކަމެއް ލިބުނީ އެހެންވެއެވެ. އިރުގަނޑަކަށް ފަހު އަހަރެން ގަޑި ބަލައިލީމެވެ. އޭރު ހުރީ ހައެއް ޖަހަން ކައިރިވެފައެވެ.

" ލިލީ. ދަރިފުޅު! ހިނގާ ދާން. ބަންގި ގޮވަން ކައިރި ވެއްޖެ." އަހަރެން ގޮވާލީމެވެ.

އެއާއެކު ލިލީ ދުވެފައި އައިސް އަހަރެންގެ އުނގަށް ޖެހިގަތެވެ.

" އަދި ރެޑް ކުލައިގެ ކްލައުޑްސްއެއް ނެތެއްނު." އުދަރެހަށް ނަޒަރު ހިންގާލަމުން ލިލީ ބުންޏެވެ.

" މިހާރު އެ އުޅެނީ ކްލައުޑްސްތައް ރެޑް ވާށޭ. ދެން ހިނގާ ދާން. ވަރަށް އިރުން ދެވޭނީ ވެސް. " އަހަރެން ބުނީމެވެ.

" ޑޯނަޓް؟" ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް ލިލީ ބުންޏެވެ.

" ދެން ގެއަށް ގޮސް ރޮށި ކާނީ. އޯކޭ ތަ؟" އާދޭހުގެ ރާގަކަށް އަހަރެން ބުނީމެވެ.

އެ ވަގުތު ލިލީ އޯކޭ އޭ ބުންޏެވެ. ލިލީ އުރާލައިގެން ސައިކަލާ ދިމާލަށް ދާން އަހަރެން އެނބުރިގަތީމެވެ. އެއާއެކު ހީވީ އަހަރެންގެ ދެ ފައިގައި ކަސްތޮޅު އެޅުނު ހެންނެވެ. އާޓިފިޝަލް ބީޗަށް ވަދެގެން އެ އަންނަނީ އަހަރެންގެ ހުސެން ނޫން ދެވަނަ މީހެއް ނޫނެވެ. ހުސެންގެ ދެ ފިރިހެން ދަރިންނާއި އޭނާގެ އަންހެނުން ވެސް ދާދި ގާތުގައި ތިއްބެވެ.

ކުރިއަށް އެޅި ފިޔަަވަޅުގެ މަތީގައި އަހަންނަށް ހުރެވުނީއެވެ. އޭރު ކުރެވެމުން ދިޔައީ ހިތް ވިރެން ފެށި ކަހަލަ އިހްސާސެކެވެ. ނަމަވެސް ލިލީ އަހަންނަށް ބަލައިލުމުން ހިނިތުންވުމަކުން އަހަރެންގެ މޫނުމަތި ފަރުދާ ކޮއްލީމެވެ. ހިތްވަރުކޮއްފައި އަހަރެން ހިނގައިގަތީ ނިކުންނާށެވެ. ރޮމުންދާ އަހަރެންގެ ހިތް ހުއްޓުވޭނެ އަދި ލޮއްސޭނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެއެވެ. ތުރުތުރުއަޅާ ހާލު އަހަރެން ބެލީ ބާރަށް ހިނގޭތޯއެވެ.

ނަމަވެސް ސިއްރުން ވެސް އަހަންނަށް އެ ދިމާލަށް ބަލައިލެވުނެވެ. އެއާއެކު އަހަންނަށް ފެނުނީ ހުސެންގެ ނަޒަރު ސީދާ އަހަންނަށް ހުއްޓިފައި ހުއްޓައެވެ. އެއާއެކު އިތުރަށް އަހަރެން ދެރަވެއްޖެއެވެ. އަހަރެންގެ ހާލަތު ހުސެންއަށް ދެނެގަނެވުނުކަން އަހަންނަށް އެނގުނީ އޭނާ މާޔޫސްވެފައި ހުރިވަރު ފެނުމުންނެވެ.

އަވަސް އަވަހަށް އިސްޖަހާލި ގޮތަށް އިތުރަކަށް އަހަރެން އެ ދިމާލަކަށް ނުބަލަމެވެ. ބާރުބާރަށް އައިސް ސައިކަލަށް އަރާ ދުއްވާލި އިރު ވަރަށް ބޮޑަށް މޭގައި ރިއްސަން ފަށައިފިއެވެ. ގެއަށް އާދެވުނީ ކިހާ ބާރުމިނެއްގައި ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ކުޅޭ މެޓް މަތީ ލިލީ ބެހެއްޓުމަށްފަހު އަހަރެން ގޮސް ފާހާނާއަށް ވަނީމެވެ. އަދި ބާރުބާރަށް އަނގައިން ނޭވާލަމުން ދިޔައީ މޭގެ ރިހުމަށް ލުޔެއް ލިބޭތޯއެވެ. ދޮރުބުޑުގައި އިނދެގެން ހިތްހަމަ ޖެހެންދެން އަހަރެން ރުއީމެވެ. ކިރިޔާ ވެސް ހަމަޖެހުމެއް ލިބުނީ ދެނެވެ.

ފާހާނައިން ނިކުމެ ނަމާދަށް އެރި އިރު ވެސް އަހަރެންގެ ލޮލުން ކަރުނަ ހުހެއް ނުވިއެވެ. ހުސެން ފެނުމުން އަހަރެން މާ ބޮޑަށް ވެސް ޖަޒްބާތުގައި ޖެހިއްޖެއެވެ. ދެރަވެ ނުތަނަވަސް ވެއްޖެއެވެ. އަދި އެ ހިތްދަތިތައް އަސަރުތައް މުޅި ހަށިގަނޑަށް ފެތުރެން ފެށި ކަހަލައެވެ.

ރުޅި އައިސްގެން ފޯނު ބޭއްވި ގޮަތަށް ޒިޔާދުގެ ހަބަރެއް ވެސް ނުވެއެވެ. އޭނާ މިރޭ ލިލީއަށް ވެސް ގުޅާނުލަނީބާވައޭ ހިތަށް އެރިއެވެ. ޒިޔާދު ނުގުޅިޔަސް، އަހަރެން މިރޭ އޭނާއަކަށް ނުގުޅާނަމެވެ. ގޮތްދޫކޮށްފައި އަބަދުވެސް ހަތިޔާރު ބަހައްޓަންޖެހޭނީ ހަމަ އަހަންނަށެވެ.

ލިލީގެ ގައިގައި ފިރުމާލަފިރުމާލަ އަހަރެން އޮތީމެވެ. އޭރު ވެސް ސިކުނޑީގައި ދައުރުވަމުންދަނީ މިއަދު ހަވީރު ފެނުނު މަންޒަރެވެ. އަހަންނަށް އުނދަގޫވީ ގުޅުން ކަނޑާލި ދުވަހު، ހުސެން ފެނުނީމައެވެ. އަހަރެން ދެރަވީ އޭނާގެ އެ ލޯބި އާއިލާ އަހަންނާހެދި ރޫޅި ދާނެތީއެވެ. ހުސެންގެ ހަނދާންތަކާ ދުރުވާން ކިތަންމެ މަސައްކަތް ކުރިޔަސް އެކަން އަހަންނަށް ނުވާނެކަން އެނގެއެވެ. އެހެން އޮއްވާ ކުއްލިއަކަށް ފޯނު ދިއްލިއްޖެއެވެ. ޒިޔާދު ގުޅަނީ ކަމަށް ހީކޮށް އަހަރެން ފޯނަށް ބަލައިލީމެވެ.

" ހުސެން؟ މެއިލް؟" އަހަންނަށް ބުނެވުނެވެ.

ލިބުނީ ހުސެންގެ މެއިލެކެވެ.

" ގުޅާބަލަ! " ހުސެންގެ މެއިލް އަހަރެން ކިޔާލީމެވެ.

އެއާއެކު އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އަވަސް އަވަހަށް ސިޓިންރޫމަށް ނިކުމެ ހުސެންއަށް ގުޅީމެވެ.

" ހުރިހާ އެއްޗަކުން ބްލޮކް ކުރީ؟ އެންމެ ފަހުން ދިމާވާނެ ގޮތެއް ނެތީމަ މެއިލް މި ކުރީ." ހުސެން ޝަކުވާ ކުރިއެވެ.

" ކީއްކުރަން ވާހަކަ ދައްކަނީ؟ އަހަރެމެންނަކީ ނުދަންނަ ބައެއްނު." އަހަރެން ބުނީމެވެ. ބޭނުންވީ ގޮތުގައި ހުންނާށެވެ.

" ދެން އެކަމަކު... މިސް ވެގެން ވެސް ވާހަކަ ދެއްކޭނެ ކޮންމެވެސް ގޮތެއް އޮންނަން ވާނެ އެއްނު." ހުސެން ބުނެލީ އާދޭހުގެ ރާގަކަށެވެ.

" މިސްވީމަ ޖެހޭނީ ކެތްކުރާކަށްނު. ހުސެން ދޯ ބޭނުންވީ ދުރުވާން. ހުސެން ހަމަ ބުނީ ދެން މި ކަން ނިންމާލާނިއްޔޭ. މިހާރު ކިހިނެއް ވީ؟" އަހަރެން ބުނީމެވެ.

" މިއަދު ޔޫ މަ ދެރަވެފައި ހުރިތަން ފެނިގެން ހަމަ އުނދަގޫވާތީވެ ގުޅަން އުޅުނީ." ހުސެން ބުންޏެވެ.

" ހުސެންއަށް އަށް އެނގޭނެ، އަހަރެން ދޫކޮއްލީމަ މިހެން ވާނެކަން. އެކަަމަކު އަނެއްކާ ވެސް ތިހެން އައީމަ އަހަންނަށް ވަކި ފަރުވާއެއް ލިބޭނެތަ؟" އަހަރެން އެހީމެވެ.

" އެންމެ ދުވަހެއް ވެސް ވާހަކަ ނުދައްކާ ހުންނަން އަސްލު ވަރަށް އުނދަގު. މިސްވި ވަރަށް." ހުސެން ބުންޏެވެ.

" އުފާވެއްޖެ ތިހެން ބުނީމަ. އެކަމަކު ތިހެން ބުނެފައި އަނެއްކާ ވެސް ގެއްލުނީމަ މާ ދެރަވާނެ." އަހަންނަށް ބުނެވުނެވެ.

" އެހެންވެޔޭ އެއްޗެއް ނުބުނަނީ ވެސް." ހުސެން ބުންޏެވެ.

އެއާއެކު ދެ މީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ.

" ހުސެން އަހަރެން މަތިން މިސްވާންވީ ކީއްވެ؟ އަހަންނަށް ވުރެ މާ ރީތި، ޔޫގެ ވައިފް. އެހާ ރީތިރީތި އަނތްބަކު ހުއްޓާ، އަހަންނާ ތިހާ ބޮޑަށް ތި އެޓޭޗް ވީ ކީއްވެ؟" އަހަރެން އެހީމެވެ.

" ރީއްޗަކީ އެމީހެއްގެ އަމިއްލަ އުފަލެއް. މީހަކު ރީތި ވެގެން އަނެކާ ވާނެ އުފަލެއް އޮންނާނެތަ؟ ވަރަށް ބަސްއަހާ ކުއްޖަކު އަހަރެން ކައިރީ ބުނި ވާހަކައެއް ބުނަންތަ؟ ލޯތްބަކީ އޯގާތެރިކަމޭ! ލަވް އިޒް ކެއަރިން. އެހެންވީމަ، ވައިފް ކިތަންމެ ރީއްޗަސް، އަހަންނާމެދު އޯގާތެރިކޮށް ކަންތައްތައް ނުބަހައްޓަންޏާ އެ ރީތިކަމުން އަހަންނަށް ލިބޭނީ ކޮން އުފަލެއް؟" ހުސެން ބުންޏެވެ.

އަހަރެން ހުސެން ގާތު ދައްކާފައި ހުންނަ ވާހަކަތައް މަތިން އޭނާ ހަނދާން ހުންނަކަން އެނގުމުން އަހަރެން އުފާވިއެވެ.

" މި ޒަމާނުގައި ދަރިން ލިބުނީމަ ގިނަ އަންހެނުން ފިރިމީހާ މަތިން ހަންދާން ނެތެނީ. ފިރިމީހާގެ ޒިންމާތައް އެއް ފަރާތްކޮއްލާފައި ހުރިހާ ވަގުތެއް ދަރިންނަށްޓަކައި ހޭދަކުރަނީ. އެއީ މައްސަލައެކޭ އަހަރެން ނުބުނާނަން. އެކަމަކު ފިރިމީހާގެ އެހީތެރިކަން ކަންކަމުގައި އަނބިމީހާއަށް ލިބޭހާ ހިނދަކު، އަނބިމީހާ ވެސް ޖެހޭނެ ދޯ ކެއާ ކުރަން. ޓައިމް ދޭން، ދަރިންގެ ކަންކަމުގައި އަހަރެން ވެސް ވައިފްއަށް ހެލްޕް ދެމޭ. އެކަމަކު... އަހަންނަށް ފީލްވަނީ އަހަރެން ބާކީވާ ކަން. އަހަރެން ވެސް ބޭނުން ސްޕެޝަލް ފީލް ވާން." ހުސެން ބުންޏެވެ.

ހިތުގެ ތެރޭގައި ނުބެހެއްޓިގެން ހިތުގެ އުދާސްތައް އޭނާ ބަންޑުން ކޮއްލިއެވެ. އެ ވަގުތު އަހަރެން ހުރީ ހުސެންގެ ގައިގައި ވަރަށް ބާރަށް ބައްދާލަން ބޭނުންވެފައެވެ. ދުނިޔޭގެ އެއްވެސް ހިތާމައެއް އޭނައާ ކުރިމަތިވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

" އެނގޭތަ؟ އަހަންނަށް ހާއްސަކަމެއް އިހްސާސްކޮއްދިން ފުރަތަމަ މީހަކީ ތިއީ. ދުރުވާން ބޭނުން ވެގެން ދުރުވެވޭތޯ ބެލީ. އެކަމަކު... ހައްތަހާ ބޮޑަށް ހިތް ދަނީ ތި ދިމާލަށް. އަސްލު ވެސް މިސްވެގެން ގުޅަން އުޅުނީ. އެކަމަކު ދެން ބަލާނަން މި ވަރަށް ވެސް އުނދަގޫ ނުކޮށް ހުރެވޭތޯ." ހުސެން ބުންޏެވެ.

އެ ވަގުތު އަހަރެން އަވަސް އަވަހަށް ވާހަަކަ ދައްކަން ފެށީމެވެ.

" ތި ދެނީ އައި އަށް އަނިޔާއެއް ނޫންތަ؟ ހުސެން އައި މަތިން މިސްވާ ވަރަށް ވުރެ މާ ބޮޑަށް އަހަރެން މިސްވޭ. އެކަމަކު އަހަރެން މި ހުރީ ދޯ ހުސެންގެ ބަސް އަހައިގެން ދުރުގައި. އެއް ގޮތް ނެތިއްޔާ އަނެއް ގޮތް ހޯދައިގެން ކީއްކުރަން އަހަންނާ ތި ވާހަކަ ދައްކަނީ؟ ގޯ އަވޭ! ދޭ ދުރަށް! ދޭ! އަހަރެން މި ހާލަށް ދޫކޮށްލާ. ހުސެން ދޯ ބުނީ މިއީ ގޯހެކޭ. މިހެން ވެގެން ނުވާނެޔޭ. މިކަން ހުއްޓާނިއްޔޭ. އެކަމަކު އޭރު އަހަރެން މި ހުރީ ހުސެން ނޫން އެއްވެސް މީހަކު ބޭނުން ނުވާ ވަރަށް ހުސެންދެކެ ލޯބިވެވިފައޭ. އެކަަމަކު ވެސް އަހަރެން ދުރުވާން މަސައްކަތް ކުރީމެއްނު. ހުސެން ހީވަނީ ހަމަ ގަސްތުގައި އަހަންނަށް އުނދަގޫ ކުރަނީހެން. އަހަރެންގެ އިހްުސާސްތަކާ ކުޅެނީހެން. ތިހެން އުޅެންޏާ އަހަރެން ބޭނުންވަނީ ހުސެންއަށް ނަފްރަތު ކުރަން." އަހަރެން ރޯން ފެށީމެވެ.

" ސޮރީ. ދެން ނުގުޅާނަން. ދެން އެއްވެސް ހަބަރެއް ނުވާނަން. ހުއްޓާލާ. ޕްލީޒް. ޕްލީޒް." ހުސެން ބުންޏެވެ.

ހުސެންގެ ވާހަކަ ނުނިމޭނިސް އަހަރެން ފޯނު ކަނޑާލީމެވެ. އަދި އޭނާގެ ނަންބަރު އަނެއްކާ ވެސް ބްލޮކް ކުރީމެވެ. އޭރު ވެސް އަހަރެންގެ ރުއިމެއް ނުހުއްޓެއެވެ.

( ނުނިމޭ)

(ނިމުނީ)