އައްޑޫ ސިޓީގެ ތިން ރަށެއްގެ އިދާރީ ހިންގުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ނިންމުމެއްނެތް ކަމަށާއި، ރައްޔިތުން ނިންމާނީ ސަރުކާރުން ތާއީދުކުރާނެ ގޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ލ. ފޮނަދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އައްޑޫގައި ނަގަން އުޅޭ ވޯޓަކީ ސަރުކާރުގެ އެއްވެސް ބޭނުންވާ ނަތީޖާއެއް އޮވެގެން ނަގާ ވޯޓެއް ނޫން ކަމަށެވެ.
''ސަރުކާރުގެ އެއްވެސް ނިންމުމެއް ނޫންނަމަ އެއްވެސް ކަހަލަ ބޭނުންވާ އައުޓްކަމެއް އޮތް ވޯޓެއްނޫން އައްޑޫގައި ނަގަނީއެއް، އައްޑޫގެ ފޭދޫ އާއި މީދޫ އަދި ހުޅުދޫ ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓު ލެއްވީމަ ނިމުނީ، މިކުރާ ކަމަކީ ވީ ވަޢުދެއް މި ފުއްދަނީ، ރިޔާސީ އިންތިޚާބުގައި މި ދެންނެވި ތިން ރަށުގެ ކިބައިން އަޅުގަނޑަށް އައީ ވަކި ކައުންސިލްތަކެއް އުފެއްދުމުގެ ކަންތަކުގައި އަޅުގަނޑުމެންނަށް ހައްލެއް ގެނެސްދޭށޭ، އަޅުގަނޑު ދެންނެވީ ދާއިމީ ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކޮށްދޭނަމޭ'' ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އެކަން ކުރެވޭނީ ރައްޔިތުން ގާތުގައި އަހައިގެން، ގާނޫނީ ނިޒާމުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ކުރަމުން ދަނީ ރައްޔިތުން ބޭނުންވާ ގޮތެއް ނިންމެވުމަށް ރައްޔިތުންގެ ގާތުގައި އެހުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
''އެހެންވެ ރައްޔިތުންގެ ގާތުގައި މި އަހަނީ ރައްޔިތުން ބޭނުންވާ ގޮތެއް ނިންމަވާށޭ، އެހެންވީމަ އެ ރައްޔިތުން އެ ނިންމަވާ ކޮންމެ ނިންމެވުމަކީ ސަރުކާރުގެ ނިންމުން، ސަރުކާރުން ތާއީދުކުރާނެ ގޮތް، ސަރުކާރުން ޕްރިފަރކުރާ އެއްވެސް ނިންމުމެއް މިކަމުގައެއްނެތް'' ރައީސް ވިދާޅުވިއެވެ.
އެގޮތުން، އައްޑޫ ސިޓީގެ މިހާރު އޮތް ކޮމްޕޮޒިޝަން ބޭއްވިކަމުގައި ވިޔަސް އެއީ ސަރުކާރުން ފުރިހަމައަށް ތާއީދުކޮށް ފުރިހަމަ އެއްބާރުލުން ދޭނެކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، ވަކިވަކި ކައުންސިލުތަކެއް ފޭދޫ އާއި މީދޫ އަދި ހުޅުދޫން ނިންމެވިޔަސް އެއީ ވެސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމެއް ކަމަށް ރައީސް މުޢިއްޒު މިރޭ ވިދާޅުވިއެވެ.
މިވާހަކަ ވިދާޅުވީ ވޯޓަށް ފަސް ދުވަހަށް ވެފައިވާއިރު، ބައެއް ފަރާތްތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކާތީ އެކަން ސާފުކޮށްދިނުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑު އަތޮޅުގެ ފޭދޫ އާއި މީދޫ އަދި ހުޅުދޫގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކީ ވަކި ސަރަހައްދެއްގައި ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.
މި ވޯޓު ނަގާނީ މި މަހުގެ 25 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!