الله سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

ނަމާދަށް ފަރުވާތެރިވުމުގެ މައްޗަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ހުތުބާގައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަމުގައި ހަނދާންކޮށްދީފަވެއެވެ. ނަމާދަށް ފަރުވާތެރިވުމުގެ މުހިންމުކަން ބަޔާންކޮށްދެމުން މި ހުތުބާގައި ވަނީ ނަމާދަކީ ދީނުގެ ތަނބުކަން ހަނދާންކޮށްދީފައެވެ.

Ad
rt

މިއަދު ދިން ހުކުރު ޚުތުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްލާމްދީން ބާވައިލެއްވުމަށް ފަހު، އަޅުކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ މައްޗަށް އެންމެ ފުރަތަމަ ފަރުޟުކުރެއްވި އަޅުކަމަކީ ނަމާދެވެ. އަދި މިއީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، ފިރިހެނަކަސް އަންހެނަކަސް، މުއްސަންޖަކަސް ފަޤީރަކަސް، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކަސް ބަލިމީހަކަސް، ރަށުގައި ޤާއިމުވެގެން ހުރި މީހަކަސް ދަތުރުވެރިޔަކަސް، އަމާންކަމުގެ ހާލަތުގައި ވެސް އަދި ބިރުވެރިކަމުގެ ހާލަތުގައި ވެސް ދޫކޮށްނުލެވޭ ފަރުޟެއްގެ ގޮތުގައެވެ.

ހުތުބާގައި ހަނދާންކޮށްދީފައި ވަނީ ނަމާދަކީ ރަސޫލުބޭކަލުންގެ ސާހިބާ ރަސޫލު صلى الله عليه وسلم ގެ ލޯފުޅުގެ ފިނިކަންކަމުގައި ވީ ފަދައިން މުއުމިނުންގެ ވެސް ލޮލުގެ ފިނިކަން ކަމެވެ. އަދި ތަޤުވާވެރީންގެ މިޢުރާޖު ކަމެވެ.

ޚުތުބާގައި ފާހަގަކުރެއްވި ގޮތުގައި، ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އެއީ ދީނުގެ ތަނބެވެ. ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވެއްޖެ ކަމުގައި ބުނެ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަންނަނި ވަޙީބަސްފުޅުން އެނގޭކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. "އަދި ތިޔަބައިމީހުން ނަމާދު قائمކުރާށެވެ! އަދި مشركންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ!" (سورة الروم: ٣١)
اِبْنُ حَجَر رَحِمَهُ الله ވިދާޅުވެފައިވާ ގޮތުގައި، މި އާޔަތަކީ ނަމާދަށް ފަރުވާތެރިނުވެ ނަމާދުއަޅާ މީހުން ކާފިރުވާނެކަމުގެ ދަލީލެއްގެ ގޮތުގައި ޢިލްމުވެރީން ގެންނަވާ އާޔަތެވެ.

އަދިވެސް ހުތުބާގައި ބުނެފައިވަނީ ނަމާދަކީ މުސްލިމުންނާއި ކާފިރުންނާ ދެމެދުވާ ތަފާތު ކަމުގައެވެ. އެ ދެމެދު ވަކިކުރާ އިމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. ‏(‏‏اَلْعَهْدُ الَّذِيْ بَيْنَنَا وَبَيْنَهُمُ الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ) މާނައީ: "އަހަރެމެންނާ އެބައިމީހުންނާ ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. އެ ނަމާދު ދޫކޮށްލާ މީހާ ހަމަކަށްވަރުން ކާފިރުވެއްޖެއެވެ." އަދިވެސް އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. ‏(بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ، وَالْكُفْرِ، تَرْكُ الصَّلَاةِ) މާނައީ: "އަޅާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވަނީ ނަމާދު ދޫކޮށްލުމެވެ." ނަބިއްޔާ صلى الله عليه وسلم ޞަހާބީން، ނަމާދު ދޫކޮށްލުން ފިޔަވައި އެހެން އަޅުކަމެއް ދޫކޮށްލައިގެން މީހަކު ކާފިރުވާނޭކަމަކަށް ވިދާޅެއްނުވާކަން ވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ.

ނަމާދު ފަރުޟުކުރެއްވުނު ގޮތުގެ މައްޗަށް އަލިއަޅުވާލައްވަމުން ހުތުބާގައި ވިދާޅުވީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ނަމާދު ފަރުޟުކުރެއްވުމަށް އިރާދަކުރެއްވި ހިނދު، އެ ނަމާދު ފަރުޟުކުރެވުނީ އެންމެ މަތިވެރި ޝަރަފުވެރި މަޤާމަށް، އެންމެ މަތިވެރި ސާހިބާ މުޙައްމަދު ރަސޫލު صلى الله عليه وسلم ގެންދެވުމަށް ފަހުގައެވެ. އެއީ މަލާއިކަތުންނަށް ވެސް ކުއްތަންނުވެވޭހައި ހިސާބުކަމުގައިވާ، ހަތް އުޑުގެ ވެސް މައްޗަށް، އަރުޝިކޮޅާ އަރިސްކުރެއްވުމަށް ފަހު، އެއްވެސް މެދުވެރިޔަކު ނެތި، އެކަލޭގެފާނަށް ސީދާ ބަސްވަޙީކުރައްވައިގެންނެވެ. ނަމާދަކީ އެންމެ ފުރަތަމަ ފަރުޟުކުރެވުނު އަޅުކަމަށްވެފައި، އެއީ، ނަބިއްޔާ صلى الله عليه وسلم އުންމަތަށް ކުރެއްވި އެންމެފަހު ވަޞިއްޔަތްޕުޅު ވެސް މެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ހޭފުޅުނެތިފައި ހޭފުޅުއަރާ ކޮންމެ ފަހަރަކު ޙަދީޘްކުރައްވަނީ މީސްތަކުން ނަމާދުކޮށްފިހެއްޔެވެ؟ ތިމަންކަލޭގެފާނުގެ ހަށިކޮޅަށް ފެންއަޅާށެވެ! ކޮންމެ ފަހަރަކު ފެންއަޅުއްވައިގެން އެކަލޭގެފާނު ނަމާދުކުރެއްވުމަށް ތެދުވެވަޑައިގަންނަވާ ތަނުން ހޭފުޅުނެތޭކަން ވެސް ހުތުބާގައި ފާހަގަކުރެއްވިއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތް ދާންމަތިކޮޅުގައި އޮންނަވައި އުންމަތަށް އެންމެފަހުން ކުރެއްވި ވަޞިއްޔަތަކީ ‏(اَلصَّلَاةَ! اَلصَّلَاةَ! اِتَّقُوا اللهَ فِيْمَا مَلَكَتْ أَيـْمَانُكُمْ‏) މާނައީ: "ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ ފަރާތްތަކާ މެދު ﷲއަށް ބިރުވެތިވާށެވެ!" މިކަމުން ވެސް ނަމާދުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެއެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ނަމާދު ޤާއިމުކޮށް އެ ނަމާދުތަކަށް ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް އަމުރުކުރައްވައިފައިވާ ކަމަށާއި، ހަމަ އެ ފަދައިން އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ވެސް އެ ކަމަށް ބާރުއަޅުއްވައިފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. ‏(مَنْ حَافَظَ عَلَيْهَا، كَانَتْ لَهُ نُوْرًا، وَبُرْهَانًا، وَنَـجَاةً مِنَ النَّارِ يَوْمَ الْقِيَامَةِ، وَمَنْ لَـمْ يُـحَافِظْ عَلَيْهَا لَـمْ تَكُنْ لَهُ نُوْرًا، وَلَا نَـجَاةً، وَلَا بُرْهَانًا، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ، وَفِرْعَوْنَ، وَهَامَانَ، وَأُبَيِّ بْنِ خَلَفٍ‏) މާނައީ: "ނަމާދަށް ރައްކާތެރިވާ މީހާއަށް، ޤިޔާމަތްދުވަހުން އެ ނަމާދު ވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. އަދި ނަރަކައިން ދިންނެވުމެއްކަމުގައެވެ. އަދި އެ ނަމާދަށް ރައްކާތެރިނުވާ މިހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި، ދިންނެވުމެއް ކަމުގައްޔާއި އަދި ބުރުހާނެއްކަމުގައެއް ނުވާނެތެވެ. އަދި ޤިޔާމަތްދުވަހު އެމީހަކު ވާހުށީ، ޤާރޫނާއި ފިރުޢައުނާއި ހާމާނާއި އުބައްޔު ބުނު ޚަލަފާ އެކުގައެވެ."

އެންމެ މުހިންމުކަމެއްގެ ގޮތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ނަމާދު އޭގެ ވަގުތުގައި އަދާކުރުންކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. عَبْدُ اللهِ بْنُ مَسْعُوْدٍ رَضِيَ اللهُ عَنْهُގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ކޮބައިތޯ އެކަލޭގެފާނު ނަބިއްޔާއަށް ސުވާލު ދެންނެވުމުން، އެ ހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (اَلصَّلَاةُ عَلَى وَقْتِهَا‏) މާނައީ: "ކޮންމެ ނަމާދެއް ވެސް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމެވެ."