ކޮނެމެ އަހަރަކުވެސް ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މަދަހަ މުބާރާތް "ހީރާ" 2025 އިއްޔެ ފަށައިފިއެވެ.

މިގޮތުން މަހަލްދީބް ފައުންޑޭޝަނުން ހޯސްޓް ކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި މިފަހަރު ފަނޑިޔާރުކަން ކޮށްދެއްވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ގެ އިތުރުން ނާޢިމް އަލީ އަދި އިއްޒަތު އަހްމަދު ނިޒާރު އެވެ.

Ad
rt

މިއަހަރުގެ މުބަރާތުގައި ވަކިވަކިން މަދަހަ ހުށައަޅައިދިނުމަށް 17 ބައިވެރިން ބައިވެރިވެފައިވާއިރު، ގްރޫޕް މަދަހަ ހުށަހެޅުމަށް 6 ގްރޫޕަކުން ބައިވެރިވެފައިވެއެވެ.

ގިނަ ފަރާތެއްގެ ތަރުހީބާއި އެއްބާރުލުމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ މަޤުސަދަކީ، މުޖުތަމައުގައި ދީނީ ރޫހު އާލާކޮށް ލޯބި ޖެއްސުމާއި، ފަންނުވެރި، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ރީތިކޮށް މަދަހަ ކިޔާ އުފެއްދުންތެރި މުޖުތަމައުއެއް ބިނާކުރުމެވެ.

އެގޮތުން މި އަހަރުގެ މުބާރާތުގައި ވާދަކުރާ ގޮރޫޕް ހުށަހެޅުންތަކުން 1 ވަނަ ގުރޫޕް މަދަހައަށް 6000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ގްރޫޕް މަދަހައަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ވަކި ވަކި މަދަހަ ހުށަހެޅުންތަކުން 01 ވަނައަށް 2000 ރުފިޔާ، 2 ވަނައަށް 1500 ރުފިޔާ އަދި 3 ވަނައަށް ދާ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ.