ށ. މާއުނގޫދޫގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ހަ މަޝްރޫޢެއް ވިއްސާރައިގެ ސަބަބުން ނުފެށުނު ނަމަވެސް އެ މަޝްރޫޢުތައް ކުރިއަށް ދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

އެމަނިކުފާނު ހޯމަ ދުވަހު ށ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު މާއުނގޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއަދު މޫސުން ތަންނުދިނުމުގެ ސަބަބުން އެރަށުގައި މިއަދު ފަށަން ނިންމާފައިވާ އެއްވެސް މަޝްރޫޢެއްގެ މަސައްކަތް ރަސްމީކޮށް ފެށޭނެ ގޮތެއް ނުވި ނަމަވެސް، އެއިން ކޮންމެ މަޝްރޫޢަކީ ކުރިއަށް ގެންދިޔުމަށް ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިހުރި މަޝްރޫޢުތައް ކަމަށެވެ.

Ad
ooredoo

''އިވެންޓުތައް ބޭއްވޭގޮތެއް ނުވި. ނަމަވެސް، އެއިން ކޮންމެ މަޝްރޫޢަކީ، ކުރިއަށް ގެންދިޔުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރި މަޝްރޫޢުތައް. އިވެންޓުތައް ނުބޭއްވުނު ނަމަވެސް، އެ ކޮންމެ މަޝްރޫޢެއްވެސް އިރާދަކުރެއްވިއްޔާ އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށް ގެންދާނަން، ކުރިއަށްދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

މާއުނގޫދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހަ މަޝްރޫޢުއެއް މިއަދު ފަށަން އޮތީ ނިންމާފައެވެ. އެއީ ކައުންސިލް އާ އިދާރާއެއްގެ މަސައްކަތް ފެށުމާއި، ޞިއްޙީ މަރުކަޒަށް އެކްސްޓެންޝަން އިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުމާއި، މާއުނގޫދޫ ސްކޫލަށް 4 ބުރީގެ އާ އިމާރާތެއްގެ މަސައްކަތް ފެށުމާއި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފީގެ އިމާރާތެއްގެ މަސައްކަތް ފެށުމާއި، ފުލުހުންގެ މަރުކަޒެއްގެ އިމާރާތުގެ މަސައްކަތް ފެށުމާއި،، އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުން ހިމެނެއެވެ.

ރައީސް މުޢިއްޒު ވަނީ މިއިން ކޮންމެ މަޝްރޫޢަކީވެސް އެ މަޝްރޫޢެއްގެ ބަޖެޓު ހަމަޖެހި، މަސައްކަތް ކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި ހުރި މަޝްރޫޢުތައް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫޢުތައް ނިމުމުން އެ މަޝްރޫޢުތަކުގެ ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުން ތަން ނުދިނުމުގެ ސަބަބުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުތައް ނުބޭއްވުނު ނަމަވެސް، މި ހަ މަޝްރޫޢުގެ މަސައްކަތްތައް ހަމަޖެހިގެން ކުރިއަށް ދާނެކަމުގެ ޔަގީންކަން ރައީސް މުޢިއްޒު މާއުނގޫދޫ ރައްޔިތުންނަށް ދެއްވިއެވެ.

Ad
df

''ހަ މަޝްރޫޢެއްގެ މަސައްކަތް ރަސްމީކޮށް މިއަދު މޫސުން ތަން ނުދިނުމުގެ ސަބަބުން ނުފެށުނު ނަމަވެސް، އެވަނީ ހަމަޖެހިގެން ގޮސްފައި. އެހެންވީމާ، އެ މަސައްކަތްތައް ކުރިއަށްދާނެ. އެ ޔަޤީންކަން އަޅުގަނޑު އެންމެ ފުރަތަމަވެސް ތިޔަބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ މިއިން ކޮންމެ މަޝްރޫޢެއް ކުރިއަށްދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.