ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހދ. ހަނިމާދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ޑޯން ޝައިން، އަހްމަދު އަޒުމީ (40 އަހަރު) އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، އަޒްމީ ހައްޔަރުކޮށްފައި ވަނީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 އޮކްޓޯބަރ 15 ވަނަ ދުވަހު ހދ. ހަނިމާދޫގައި ހިންގި އޮޕަރޭޝަނެއްގައެވެ.
އަޒުމީ ހައްޔަރުކުރިއިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ 6 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގްރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން، އަޒުމީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
އަޒްމީ އަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. މިފަހުން ވެސް އޭނާ މިފަދަ މައްސަލައެއްގައި ހައްޔަރުކުރިއެވެ. މަސްތުވާތަކެތީގެ މައްސަލާގައި އަޒްމީ ފުރަތަމަ ހައްޔަރުކުރީ ގިނަ އަދަދެއްގެ ފުލުހުން ހަނިމާދޫ އަށް އަރައި ހިންގި ފުޅާ އޮޕަރޭޝަނަކަށްފަހު 25 ޖެނުއަރީ 2025 ގައެވެ. އެ މައްސަލައިގެ ތުހުމަތުގައި މުއްދަތު ޖަހައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ފުލުހުންގެ ބަންދުގައި ވެސް ބެހެއްޓިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!