ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްގީކުރި އައު ޓާމިނަލުން މިއަދު ޚިދުމަތްދޭން ފަށައިފިއެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގެ ޚިދުމަތް ރަސްމީކޮށް ފެށީ މިއަދު 14:00 ގައި ޗެކިން ފެށި މޯލްޑިވިއަންގެ މަތިންދާބޯޓުގެ ޗެކިންނާއެކުގައެވެ. މި މަތިންދާބޯޓު ހަނިމާދޫ އަށް ޖައްސާފައި ވަނީ ހަވީރު 16:03 ގައެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ އައު ޓާމިނަލް މިއަދު ޚިދުމަތް ބަދަލުކުރާކަން ހާމަކޮށް އެ ވައިގެ ބަނދަރު ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ބުނީ އެ ވައިގެ ބަނދަރު ރަސްމީކޮށް ހުޅުވުމަށް ވަމުންދާ ތައްޔާރީގެ ތެރެއިން މިހާރު ބޭނުންކުރަމުން އަންނަ ބައު ޓަރމިނަލްގެ އޮޕަރޭޝަންތައް އައު ޓަރމިނަލްގެ ތިރީ ފަންގިފިލާއަށް ބަދަލުކުރަން ނިންމާފައި ވަނީ ސިވިލް އެވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ކޯޑް ސީގެ މަތިންދާބޯޓުތައް ޖެއްސުމަށްޓަކައި ކަމަށެވެ. އެގޮތުން ކޯޑް ސީގެ މަތިންދާ ބޯޓު ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ، ރަންވޭގެ ކްލިއަރެންސް ހޯދުމަށްޓަކައި، މިބަދަލުގެންނަނީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށުން، ފޮޓޯ: ޢަބުދުﷲ ނާސިރު
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިންމައި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 9 ގައެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ.
ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިންމައި އަންނަ މަހު ރަސްމީކޮށް ހުޅުވަނީ
މިދިޔަ 2024 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ވައިގެބަނދަރުގެ ރަންވޭ ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މި ރަންވޭ އިފްތިތާޙްކޮށްދެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި 7 އޮކްޓޯބަރު 2024 ގައި ރައީސް މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރުގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށުން، ފޮޓޯ: ޢަބުދުﷲ ނާސިރު
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫޢުގެ ދަށުން ގެންނަ ތަރައްގީއާއިއެކު އެ ވައިގެ ބަނދަރުން އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!