ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމައި އަންނަ މަހު އެ އެއާޕޯޓު ރަސްމީކޮށް ހުޅުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފު މުޙައްމަދު ވިދާޅުވެފައި ވަނީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހުޅުވުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފަށާފައިވާކަމަށާއި، އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާކަމަށެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ނިންމައި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 9ގައި ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ލަސްވެގެން އަންނަ ނޮވެމްބަރާއި ހަމައަށް ނިންމައި، ނޮވެމްބަރުމަހު ވައިގެބަނދަރު ފުރިހަމައަށް ބޭނުންކުރެވޭގޮތް ހެދުމަކީ އަމާޒުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ހަނިމާދޫ ވައިގެބަނދަރުގައި ތަރައްގީކޮށްފައިވާ އައު ރަންވޭ، ފޮޓޯ: ގެން.އެމްވީީ
ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ.
މިދިޔަ 2024 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ވައިގެބަނދަރުގެ ރަންވޭ ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މި ރަންވޭ އިފްތިތާޙްކޮށްދެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި 7 އޮކްޓޯބަރު 2024 ގައި ރައީސް މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.
ހަނިމާދޫ އެއާޕޯޓުގައި ތަރައްގީކުރި ރަންވޭ ރަސްމީކޮށް އިފްތިތާހްކޮށްފި
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ އަޅާފައެވެ.
ހަނިމާދޫ ވައިގެބަނދަރުގެ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރު، ފޮޓޯ: ގެން.އެމްވީ
މި މަޝްރޫޢުގެ ދަށުން އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މި މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢޫއެކެވެ. މި މަޝްރޫޢުއަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ.
ހަނިމާދޫ ވައިގެބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްފަށައިފި
މި މަޝްރޫޢު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ހިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.
ހަނިމާދޫ ވައިގެ ބަނދަރުގެ އޭޕްރަން، ފޮޓޯ: ގެން.އެމްވީ
މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.
ހަނިމާދޫ ވައިގެބަނދަރުގެ ހެނގަރު، ފޮޓޯ: ގެން.އެމްވީ
ހަނިމާދޫގައި ވައިގެބަނދަރެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ ވައިގެ ބަނދަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!