ށ. ފުނަދޫ ގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށާއި، ހޮސްޕިޓަލްގެ އައު އިމާރަތަކާއި، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އަދި އެ ރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފުނަދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މިގޮތުން ގައުމީ ޔުނިވާ ސިޓީގެ ކެމްޕަސް އެޅުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.
ހޮސްޕިޓަލް އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ހެލްތްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ސައުދީ އެވެ.
އަނެއް ދެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ސަޢުދީއެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފުނަދޫ ކައުންސިލްގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގެ ދަށުން ފުނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ދިޔަވަހީގެ މަސައްކަތާއި ގުޅޭ ގޮތުން އެމްޓީސީސީން ބުނެފައިވަނީ، މި މަސައްކަތް ނިމުމާއެކު، ތާރު އަޅާފައިވާ ޒަމާނީ މަގުތަކެއް ލިބިގެންދާނެކަމަށެވެ. އަދި ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން، ހިނގާ ބިނގާވެ އުޅުމަށާއި، އުޅަނދު ފަހަރު ދުއްވުމަށް ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާންދާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، ފުނަދޫގައި ޖުމްލަ 3.85 ކިލޯމީޓަރުގެ މަގު ތަރައްޤީ ކުރެވިގެން ދާނެއެވެ. މީގެ އިތުރުން، ފެންހިންދާ ނިޒާމެއް ހަރުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޤުދުރަތީ ގޮތުން ފެންގަނޑު ހިނދޭ ނިޒާމެއް ހަރުކުރުމާއި، ޕޭވްމަންޓެއް ހެދުމާއި، ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއި، މަގު ބައްތި ހަރުކުރާނެއެވެ.
ފުނަދޫ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ މަސައްކަތަކީ ސަރުކާރުން 105.48 މިލިއަން ރުފިޔާއަށް 520 ދުވަސްތެރޭ ނިންމަން އެމްޓީސީސީ އާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!