ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ށ. ކޮމަންޑޫ ކައުންސިލާ އެ އަތޮޅު ގައްލައިދޫ މިއަދު ހަވާލުކޮށްފިއެވެ.
ގައްލައިދޫ ކޮމަންޑޫ ކައުންސިލާ ހަވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫގައި ބޭއްވި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ ކޮމަންޑޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާނާ ގައްލައިދޫ ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މިރަށް ކޮމަންޑޫއާއި ހަވާލުކޮށްފައި މި ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމުގެ މަޤްޞަދުގައި އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކުގެ އިޚްތިޞާޞުން ބޭރުން ފަޅުރަށްތައް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުމުގެ ދަށުންނެވެ.
ސަރުކާރުން ކައުންސިލްތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ އުޞޫލުގެ ދަށުން ކޮމަންޑޫ ކައުންސިލަށް ށ. ގައްލައިދޫ ކުއްޔަށް ނެގުމަށް ށ.އަތޮޅު ކައުންސިލަށް ހުށަހެޅުމުން އެކަމަށް އިއުތިރާޟެއްނެތްކަމަށް އެ ކައުންސިލުން ނިންމާފައި ވަނީ 13 މާރިޗް 2025 ގައި އޮތް ށ.އަތޮޅުކައުންސިލުގެ 4 ވަނަ ދައުރުގެ 120 ވަނަ ޢާއްމު ޖަލްސާގައެވެ. އެ ޖަލްސާގައި ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމް ފުޅު ހުށަހަޅުއްވައި، މަރޮށީ ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ތާއީދުކުރެއްވި މި ހުށަހެޅުން ފާސްކުރީ ޖަލްސާގައި ބައިވެރިވި 8 މެމްބަރުންކުރެ 6 މެމްބަރުންގެ ވޯޓުންނެވެ. ދެ މެމްބަރަކު ވަނީ ނުފެންނަކަމަށް ވޯޓު ދެއްވާފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!