ށ. ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. އަދި އިއްޔެ ވަނީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ.

Ad
rt

އެއަށްފަހު އެރަށު ރައްޔިތުންނާއެކު ބައްދަލުކުރަށްވަން ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ރަށާއި ސަރަޙައްދީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް، ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށާއި، މަޑުޖެހުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

ބިލެތްފަހި ބިންހިއްކައި އެއާޕޯޓު ތަރައްގީކޮށް ހިންގަން އެމްއޭސީއެލްއަށް

އިތުރު ތަރައްޤީގެ މަޝްރޫޢުތައް

އެއަރޕޯޓުގެ އިތުރުން، ރަށުގެ ފެނާއި ނަރުދަމާ ނިޒާމު، ކުނި މެނޭޖްކުރުމުގެ މަޝްރޫޢު އަދި ބަނދަރުގެ މަޝްރޫޢު ފަދަ މުހިންމު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. ޚާއްޞަކޮށް ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުންގެ މަޝްވަރާއާއެކުގައިކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ތަޢުލީމީ ދާއިރާއަށް 8 ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް އިމާރާތްކުރުމުގެ މަސައްކަތާއި، ޞިއްޙީ މަރުކަޒުގައި 16 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށޭނެކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ބިލެތްފަހީގައި ހޭންޑްބޯލް އަދި ވޮލީބޯލް ކޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށާއި، އަދި ޒަމާނީ ފެންވަރަށް ފުޓުބޯޅަދަނޑު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.